އާސެނަލް، ރެއާލް އަދި ޕީއެސްޖީ ކްއާޓާ ފައިނަލުން ޖާގަ ހޯދައިފި

އަމިއްލަ ދަނޑުގައި އާސެނަލް މޮޅުވެ، ރަށުން ބޭރުގައި ރެއާލްއިން މެންޗެސްޓަ ސިޓީ ބަލިކޮށް، އަދި ޗެލްސީގެ އަމިއްލަ ދަނޑުގައި ލަދުވެތި ނަތީޖާއަކުން ޗެލްސީ ކަޓުވާލާފައި ޕީއެސްޖީ މިރޭ ޗެމްޕިއަންސް ލީގުގެ ކްއާޓާ ފައިނަލަށް ހިނގައްޖެ އެވެ.
އެކަމަކު މި ހުރިހާ ނަތީޖާތަކަށް ވުރެ ވެސް ހައިރާންކުރުވަނިވި މޮޅެއް ހޯދީ ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އެވެ. ނޯވޭގެ ބޯޑޯ/ގްލިޕްޓްއާ ދެކޮޅަށް ނުކުތް އިރު ފުރަތަމަ މެޗުން ސްޕޯޓިން އޮތީ 3-0 އިން ބަލިވެފަ އެވެ. އެކަމަކު އަމިއްލަ ދަނޑުގައި ސްޕޯޓިންއިން ވަނީ މިރޭ 5-0 އިން ބޯޑޯ/ގްލިޕްޓް ބަލިކޮށް ކްއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ.
މެޗުގެ ފަހު ދެ ލަނޑު އައީ، 3-0 އިން މޮޅުވުމުން ދެ ޓީމު އެއްވަރުވެގެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ފަހު މިނިޓްކޮޅުގަ އެވެ.
ސިޓީގެ ދަނޑުގައި ރެއާލް އާއި ސިޓީގެ މެޗު ނިމުނީ 2-1 އިން ރެއާލް މޮޅުވެގެންނެވެ. ފުރަތަމަ މެޗުގައި ރެއާލްގެ ދަނޑުގައި ކުޅެ 3-0 އިން ބަލިވެފައި އޮތުމުން އެންމެ ކުޑަވެގެން ހަމަ އެ ނަތީޖާ ނެރެން ސިޓީއަށް މަޖުބޫރުވި ނަމަވެސް މެޗުގެ 20 ވަނަ މިނިޓްގައި ބާނަޑޯ ސިލްވާއަށް ރަތް ކާޑު ދެއްކުމުން 70 މިނިޓް ކުޅެން ޖެހުނީ 10 ކުޅުންތެރިންނާ އެކުގަ އެވެ.
ފުރަތަމަ ލަނޑު ޕެނެލްޓީއަކުން ވިނީޝިއަސް ޖޫނިއަ ޖަހާފައި ވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން އާލިން ހާލެންޑްގެ ލަނޑުން ސިޓީ އެއްވަރުކޮށް، ދިރުން ހޯދި އެވެ.
އެކަމަކު ރެއާލްގެ ގޯލަށް އިތުރު ބޯޅައެއް ވައްދައެއްނުލެވުނެވެ. އޭގެ ބަދަލުގައި މެޗުގެ އިތުރު ވަގުތުގައި ވިނީޝިއަސް ދެ ވަނަ ލަނޑެއް ވެސް ޖަހައި، ރެއާލް މޮޅުކޮށްދިނެވެ.
ޗެލްސީއަށް ޖެހުނު ހާލު އަދި މާ ގޯހެވެ. އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީގެ ދަނޑުގައި 5-2އިން ބަލިވެފައި އޮތުމުން ކިރިޔާ ވެސް އުއްމީދެއް އޮތީ އަމިއްލަ ދަނޑުގައި ތިން ލަނޑު ޖަހައިގެންނެވެ. ނަމަވެސް އެ ތިން ލަނޑު އައީ ޗެލްސީގެ ފަރާތަކުންނެއް ނޫނެވެ. މެޗުން 3-0 އިން މޮޅުވީ ޕީއެސްޖީ އެވެ. މާނައަކީ 8-2ގެ އެގްރެގޭޓުން ޗެލްސީ މުބާރާތުން ކެޓުމެވެ.
ޖަރުމަނުގެ ބަޔާ ލެވަކޫސަންގެ ދަނޑުގައި ފުރަތަމަ ލެގު 1-1އިން އެއްވަރުވެފައި އޮތުމުން އާސެނަލްއަށް އޮތް ޕްރެޝަރު ބޮޑެވެ. ނަމަވެސް އަމިއްލަ ދަނޑުގައި އާސެނަލް މާ ބޮޑު ހާސްކަމެއް ނެތި 2-0 އިން މޮޅުވެ ކްއާޓާ ފައިނަލް ކަށަވަރުކުރީ، އެބެރެޗީ އެޒޭ އާއި ޑެކްލަން ރައިސް، ޕެނެލްޓި އޭރިޔާގެ ބޭރުން ޖަހާލި ރީތި ދެ ލަނޑުންނެވެ.
އާސެނަލް، އިންގްލެންޑް
ސްޕޯޓިން، ޕޯޗުގަލް
ރެއާލް މެޑްރިޑް، ސްޕެއިން
ޕީއެސްޖީ، ފްރާންސް
ބާސެލޯނާ/ނިއުކާސަލް (1-1)، ބާސެލޯނާ ދަނޑުގައި (ރޭގަނޑު 1045)
ބަޔާން މިޔުނިކް/އެޓަލަންޓާ (6-1)، ބަޔާން މިޔުނިކް ދަނޑުގައި (ދަންވަރު 1 ޖަހާއިރު)
ލިވަޕޫލް/ގަލަތަސަރޭ (0-1)، ލިވަޕޫލް ދަނޑުގައި (ދަންވަރު 1 ޖަހާއިރު)
ޓޮޓެންހަމް/އެތުލެޓިކޯ މެޑްރިޑް (2-5)، ޓޮޓެންހަމް ދަނޑުގައި، (ދަންވަރު 1 ޖަހާއިރު)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ