ސަލީމް ޚާން އަދިވެސް އޮތީ އައި.ސީ.ޔޫގައި: އާމިރު ޚާން
ދާދިފަހުން ކުރެވުނު މެޑިކަލް ޕްރޮސީޖާ އަކަށްފަހު މަޝްހޫރު ސްކްރީން ރައިޓަރު ސަލީމް ޚާން އަދިވެސް އޮތީ އައި.ސީ.ޔޫގައި ކަމަށާއި ދުއާ އަކީ ސިއްހީ ހާލަތު ރަނގަޅުވެ ވީހާވެސް އަވަހަކަށް ސަލީމްއަށް އެނބުރި ގެއަށް ދެވޭނެ ގޮތެއް މެދުވެރިވުން ކަމަށް ބޮލީވުޑްގެ އެކްޓަރު އާމިރު ޚާން ބުނެފިއެވެ. ދާދިފަހުން ބޭއްވި ހަފުލާއެއްގައި މީޑިއާއާ ވާހަކަ ދައްކަމުން އާމިރު ބުނީ، ސަލީމް ޚާންގެ ހާލު ބަލާލުމަށް އޭނާ ހޮސްޕިޓަލަށް ދިޔަ ނަމަވެސް، ސަލީމް އައި.ސީ.ޔޫގައި އޮތުމުން ސީދާ ބައްދަލުވާގޮތް ނުވި ކަމަށެވެ. "އަޅުގަނޑު ސަލީމް ސާހަބްގެ ހާލު ބަލަން ދިޔައިން. ސަލީމްއަށް އަވަސް ޝިފާއެއް ލިބި ފަސޭހަވޭތޯ އަޅުގަނޑުމެން އެންމެންވެސް ދުޢާކުރަން. ސަލީމްއާ ސީދާ ބައްދަލު ނުވިޔަސް، އާއިލާގެ ބޭފުޅުންނާ އެކު މަޑުކޮށްލިން" އާމިރު ބުންޏެވެ. އާމިރު އިތުރަށް ބުނި ގޮތުގައި އާއިލާގެ ފަރާތުން ވެސް ސަލީމްގެ ސިއްހީ ހާލަތާ ގުޅޭ އެންމެފަހުގެ ޚަބަރުތައް އާމިރަށް ދަނީ ފޯރުކޮށްދެމުންނެވެ. ސަލީމް ޚާންގެ ހަތަރު ކުދިން ކަމަށްވާ ސަލްމާން ޚާން، ސޮހައިލް ޚާން، އަލްވިރާ އަގްނިހޯތުރީ އަދި އަރުބާޒް ޚާން--ފޮޓޯ/ޕިންކްވިލާ ކާމިޔާބު އެކްޓަރު ސަލްމާން ޚާންގެ ބައްޕަ ސަލީމް މުމްބާއީގެ ޚާން ލީލާވަތީ ހޮސްޕިޓަލުގައި އެޑްމިޓްކުރީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުންނެވެ. އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ސަލީމްގެ 'ޑިޖިޓަލް ސަބްޓްރެކްޝަން އެންޖިއޯގްރަފީ' ޕްރޮސީޖަ ވަނީ ނިއުރޯސާޖަންއެއްގެ ބެލުމުގެ ދަށުން ކާމިޔާބުކަމާއެކު ނިންމާލާފައެވެ. ނަމަވެސް، ސަލީމް ޚާންގެ ބަލީގެ ތަފްސީލީ މަޢުލޫމާތު އާންމުކުރުމާ ގުޅިގެން ސަލްމާން ޚާން ހިމެނޭހެން އާއިލާގެ މެމްބަރުން ވަނީ ބައްޕަގެ ސިއްހަތާ ގުޅޭ މައުލޫމާތު އާއްމުނުކުރުމަށް ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް އަންގާފައެވެ. ސަލީމް ހޮސްޕިޓަލުގައި އެޑުމިޓުކޮށް ފަރުވާދޭ ޚަބަރު ފެތުރުމާ އެކު ފިލްމީ ދާއިރާގެ ވަރަށް ގިނަ ބަޔަކު ވަނީ ސަލީމްއަށް އަވަސް ޝިފާއެއް ލިބުމަށް އެދި ދުއާކުރާކަން ސޯޝަލް މީޑިއާގައި ބަޔާންކޮށްފައެވެ. މީގެއިތުރުން އިންޑަސްޓްރީގެ ބައެއް މީހުން ވަނީ ސަލީމްއަށް ޒިޔާރަތްވެސް ކޮށްފައެވެ. އޭގެތެރޭގައި ސަލްމާން ޚާންގެ ގާތް އެކުވެރިން ކަމަށްވާ ޝާހްރުކް ޚާންގެ އިތުރުން އާމިރު ޚާން އަދި ސަލީމްއާ އެކު 70އިގެ އަހަރުތަކުގައި މަސައްކަތްކުރި ޖާވިދު އަހްތަރު ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ