އިންސްޓަގްރާމްގައި ކުޑަކުދިން ކުރާ ސާޗްތަކުގެ އެލާޓް ބެލެނިވެރިންނަށް ލިބޭނެ

އިންސްޓަގްރާމް ބޭނުންކުރާ ކުޑަކުދިން، އަމިއްލައަށް މަރުވުމާ ނުވަތަ އަމިއްލަ ނަފްސަށް ގެއްލުންދިނުމާ ގުޅޭ މައުލޫމާތު ތަކުރާރުކޮށް ހޯދާނަމަ، އެކަން ބެލެނިވެރިންނަށް އެންގުމަށް މެޓާ ކުންފުނިން ނިންމައިފިއެވެ. މިއީ ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ކުންފުނިން އަޅާ އާ ފިޔަވަޅެކެވެ. މެޓާއިން ބުނި ގޮތުގައި، މި އާ ފީޗާގެ ދަށުން، އިންސްޓަގްރާމްގެ "ޕޭރެންޓަލް ސުޕަވިޜަން" (ބެލެނިވެރިންގެ ބެލުމުގެ ދަށުން ބޭނުންކުރާ) ޓޫލްސް ބޭނުންކުރާ ބެލެނިވެރިންނަށް، އެމީހުންގެ ދަރިން އަމިއްލައަށް މަރުވުމާ ގުޅޭ ބަސްތަކެއް ކުރު މުއްދަތެއްގެ ތެރޭގައި ތަކުރާރުކޮށް ސާޗްކޮށްފިނަމަ ނޮޓިފިކޭޝަނެއް ދާނެއެވެ. މި ފީޗާ އަންނަ ހަފްތާގައި އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ އަދި އޮސްޓްރޭލިއާގައި ތައާރަފްކުރާނެއެވެ. އަދި މި އަހަރުގެ ފަހުކޮޅު ދުނިޔޭގެ އެހެން ސަރަހައްދުތަކަށް ވެސް މި ފީޗާ ދޫކޮށްލުމަށް ވަނީ ރޭވިފައެވެ. ތަކުރާރުކޮށް އެއް ބަސްތަކެއް ސާޗްކުރާނަމަ ނޮޓިފިކޭޝަން ވަގުތުން ދާނެ --- މި ނޮޓިފިކޭޝަންތައް ބެލެނިވެރިންނަށް ލިބޭނީ އީމެއިލް، އެސްއެމްއެސް، ވަޓްސްއަޕް ނުވަތަ އިންސްޓަގްރާމް އެޕް މެދުވެރިކޮށެވެ. އަދި މިފަދަ ނޮޓިފިކޭޝަނެއް ލިބުމުން، އެކަމާ ގުޅޭގޮތުން ދަރިންނާ ވާހަކަދައްކާނެ ގޮތުގެ އިރުޝާދާއި މާހިރުންގެ ލަފާ ވެސް ބެލެނިވެރިންނަށް ފޯރުކޮށްދޭނެ ކަމަށް މެޓާ އިން ބުނެފައިވެއެވެ. މެޓާ އިން އިތުރަށް ބުނި ގޮތުގައި، މިހާރު ވެސް އަމިއްލައަށް މަރުވުމާ ގުޅޭ ތަކެތި ސާޗްކުރުމުން އެ ތަކެތި ބްލޮކްކޮށް، އެހީތެރިކަން ފޯރުކޮށްދޭ ހެލްޕްލައިންތަކުގެ މައުލޫމާތު އިންސްޓަގްރާމުން ދައްކައެވެ. ނަމަވެސް، އާ ފީޗާގެ ސަބަބުން ބެލެނިވެރިންނަށް މިކަން މޮނިޓަރ ކުރަން އިތުރު ފުރުސަތެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މެޓާގެ އޭއައި ސިސްޓަމްތަކާ ކުޑަކުދިން ކުރާ މުއާމަލާތްތަކުގައި ވެސް މިފަދަ ނުރައްކާތެރި ވާހަކަތަކެއް ދެކެވޭނަމަ، ބެލެނިވެރިންނަށް އެންގުމުގެ ފީޗާއެއް މިއަހަރުގެ ފަހުކޮޅު ތައާރަފްކުރާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. މިދިޔަ އަހަރު މެޓާ އިން ވަނީ 18 އަހަރުން ދަށުގެ ހުރިހާ ކުދިންގެ އެކައުންޓްތަކަކީ "ސްޓްރިކްޓް" ސެޓިންގްސްގައި ހުންނަ އެކައުންޓްތަކަކަށް ހަދާފައެވެ. އަދި އެ ސެޓިންގްސް ބަދަލުކުރެވޭނީ ބެލެނިވެރިންގެ ހުއްދައާ އެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ