ރަމަޟާން މަހަކީ ނަފުސުގެ ޖިހާދާއި އިސްލާމްދީނުގެ ދުޝްމަނުންގެ މައްޗަށް ބޮޑެތި ނަޞްރުތަކެއް މުސްލިމުން ހޯދި ޖިހާދުގެ މައްސަރުކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
"ނަޞްރާއި ކާމިޔާބުގެ މައްސަރު" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ބުނީ، ރަމަޟާން މަހަކީ އިންސާނާގެ ހަވާނަފުސާ ދެކޮޅަށް އެންމެ ފުރިހަމަ މާނައިގައި ޖިހާދުކުރަން ދަސްކޮށްދޭ މަހެއް ކަމަށެވެ.
ކީރިތި ރަސޫލާ ﷺ ގެ ޙަދީޘް ބަަސްފުޅަކާ ހަވާލާދީ ޚުތުބާގައި ބަޔާންކުރި ގޮތުގައި، ޙަޤީޤީ މުޖާހިދަކީ الله ސުބުޙާނަހޫ ވަތަޢާލާއަށް ކިޔަމަންތެރިވުމުގައި އަމިއްލަ ނަފުސާ ދެކޮޅަށް ޖިހާދުކުރާ މީހާއެވެ. ރޯދަވެރިޔާ އޭނާގެ ކުރިމަތީގައި ހަލާލު ތަކެތި ހުރި ނަމަވެސް، އެކަލާނގެ އަމުރުފުޅަށް ބޯލަނބައި އެ ތަކެއްޗާ ދުރުހެލިވުމަކީ ކެތްތެރިކަމުގެ އެންމެ މަތީ ދަރަޖަ ކަމަށާއި، މިއީ މުޅި އަހަރު ދުވަހު ފާފަތަކުން ދުރުހެލިވުމަށް ލިބޭ މަތިވެރި ތަމްރީނެއް ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.
ޚުތުބާގައި އިތުރަށް ބުނީ، ނަފުސުގެ ޖިހާދުގެ އިތުރުން، އިސްލާމީ ތާރީޚުގައި ހިނގާފައިވާ އެންމެ ބޮޑެތި ފަތަޙަތަކާއި ކުރިމަތިލުންތައް ހިނގާފައިވަނީ ވެސް ރަމަޟާން މަހުގައި ކަމަށެވެ.
އެގޮތުން ހިޖުރައިން 2 ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހު ހިނގި ބަދުރު ހަނގުރާމައަކީ މުސްލިމުންނަށް ލިބުނު އެންމެ ތާރީޚީ އެއް ކާމިޔާބީ ކަމަށާ އެ ދުވަހު މުސްލިމުންގެ ކުޑަ ލަޝްކަރުން ކާފިރުންގެ ބޮޑު ލަޝްކަރު ބަލިކުރުމުން، الله ތަޢާލާ އެ ދުވަހަށް "ޔައުމުލްފުރުޤާން" ގެ ނަން ދެއްވިކަން ޚުތުބާގައި ފާހަގަކުރިއެވެ.
މާތް اللهގެ ވަޙީ ބަސްފުޅެއްގެ މާނާގައިވެއެވެ.
"ހަމަކަށަވަރުން، ތިޔަބައިމީހުން ނިކަމެތީން ކަމުގައިވަނިކޮށް، بدر ހަނގުރާމައިގައި الله، ތިޔަބައިމީހުންނަށް نصرދެއްވިއެވެ. ފަހެ، ތިޔަބައިމީހުން اللهއަށް تقوىވެރިވާށެވެ! (އެއީ) ތިޔަބައިމީހުން شكرވެރިވުމަށް ޓަކައެވެ."
މި ކަމުން އެނގެނީ ނަޞްރުލިބޭނީ ހަމައެކަނި ބާރުގެ ގޮތުންނޫންކަމާއި الله سُبْحَانَهُ وَتَعَالَىއަށް އޮންނަ އިތުބާރާއި އީމާންކަމުގެ ވަރުގަދަކަމުންނާއި އެކަލާނގެ ރަޙުމަތުގެ ސަބަބުންކަމެވެ.
މީގެ އިތުރުން، ހިޖުރައިން 8 ވަނަ އަހަރުގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހު މައްކާ ފަތަޙަކުރެވުނު ހާދިސާއަކީ ވެސް މުސްލިމުންނަށް ލިބުނު ބޮޑު ކާމިޔާބީއެއްކަަމަށް ބުނެފައިވެއެވެ.
އެ ފަތަޙައެއްގެ ސަބަބުން މުޅި ޢަރަބިކަރަ ފަތަޙަވިއެވެ. މުސްލިމުންގެ ދިހަ ހާސް މުޖާހިދުންނާ އެކު ނަބިއްޔާ ﷺ މައްކާއަށް ވެދެވަޑައިގަތީ ތަވާޟުޢުވެރިކަމާއި މަޑުމައިތިރިކަންމަތީގައެވެ. މި ޙާދިސާއިން އަހަރެމެންނަށް އެނގެނީ ޙަޤީޤީ ކާމިޔާބަކީ ބާރުލިބޭ ހިނދު، އަނިޔާވެރިވުން ނޫންކަމާއި، ރޯދައިގެ ރޫޙާނީ ތަރުބިޔަތުން އޭނާގެ ނަފުސު ތަހުޒީބުކުރުންކަމެވެ. ރޯދަވެރިޔާގެ ޙަޤީޤީ ކާމިޔާބުއޮތީ ރިވެތި އަޚުލާޤުން އޭނާގެ ނަފުސު ތަހުޒީބުކުރުމުގައެވެ.
ޚުތުބާގައި އިތުރަށް ފާހަގަކުރި ގޮތުގައި، ހިޖުރައިން 92 ވަނަ އަހަރުގެ ރަމަޟާން މަހު އަންދަލުސް ފަތަޙަވުމާއި، ހިޖުރައިން 658 ވަނަ އަހަރު ސައިފުއްދީން ޤުޠުޒުގެ ގިޔާދަތުގައި ތަތާރުންގެ މައްޗަށް މުސްލިމުން ހޯދި ނަޞްރަކީ ވެސް މި ބަރަކާތްތެރި މައްސަރުގައި ލިބުނު ކާމިޔާބީތަކެވެ.
ޚުތުބާގައި ބުނީ، ރޯދައިގެ ޙަޤީޤީ މަޤްޞަދަކީ ނަފުސު ތަހުޒީބުކޮށް އަޚުލާޤު ރަނގަޅުކުރުން ކަމަށެވެ.
"ދޮގުވާހަކަދެއްކުމާއި އެ ފަދަ ޢަމަލުތައް ކުރުމާއި، ޒުވާބުކޮށް ހުތުރު އެއްޗެތި ގޮވައި، ޖާހިލުކަން އިސްކޮށް އުޅޭ މީހަކު، ކެއުމާއި ބުއިމުން ދުރުހެލިވެ ހުރުމަކަށް، الله تَعَالَى އެދިވޮޑިއެއްނުގަންނަވައެވެ."
މީހެ އިތުރުން މި ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ހުރިހާ މުސްލިމުންނަށް ޚުތުބާގައި ގޮވާލިއެވެ.
ރަމަޟާންމަހު އިސްލާމްދީނުގެ ޢަދުއްވުންނާ ދެކޮޅަށް މުސްލިމުންނަށް ލިބުނު ބައެއް ކާމިޔާބީތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ