އެއްބަސްވެ ދެބަސްވަމާ: ދެ އިންތިހާބު އެއްކޮށްލާ ވޯޓަކީ ކަޅު ވިލާގަނޑެއް؛ މިދަނީ ޕާޓީ ރަސްކަމަކަށް

މިދިޔަ ހަތަރު ފަހަރު ކޮންމެ ފަސް އަހަރަކުން، ދައުލަތުގެ އެންމެ އިސްވެރިޔާ އަހަރުމެން ބަދަލުކުރީމެވެ. މި ހިސާބަށް އާދެވުމުގެ ކުރިން އޮތީ އެންމެ ވެރިއެއްގެ މުށުތެރޭގައި ހުރިހާ ބާރެއް އޮވެމެ، ރައްޔިތުންނަށް ޖަވާބުދާރީވުމަކާ ނުލައި ދިގު 30 އަހަރު ވެރިކަމެއް ކޮށްފަ އެވެ. ފަސް އަހަރު ހަމަވުމުން ވެރިކަން ނިންމުމުގެ ބާރު ގައިމު ވެސް ދިވެހީން ހޯދައިފީމެވެ.
އެހެން ނަމަވެސް ދެހާހުގެ އަހަރުތައް ފެށިގެން އައިއިރު އުފެދުނު އިސްލާހީ ހަރަކާތުގައި ކުރި އުންމީދުތައް ހަގީގަތަކަށް މުޅީން ނުވެ އެވެ. ހުދުހުމުހުތާރު ވެރިކަމަކާ ދެކޮޅަށް، އޭރު އާލާވެގެން ދިޔަ ރައްޔިތުންގެ ވެރިކަމެއް އުފެއްދުމުގެ ފަލްސަފާއާ ގަތާށް ވެސް މި ތާނގާ އަދި ވެރިކަމެއް ނުކުރެ އެވެ. ފަސް އަހަރުން ވެރިކަން ބަދަލުކުރި ނަމަވެސް، ފަސް އަހަރަށް އުފެދޭ ސަރުކާރަކުން އެ ފަސް އަހަރު ތެރޭ ކުރަނީ ހުދުމުހުތާރު ސިފަތައް އެކުލެވޭ ވެރިކަމެކެވެ.
ކޮންމެ ސަރުކާރަކުން ވެސް ނުފޫޒާއި ރިޝްވަތާއި ވަޒީފާއާއި ވަސީލަތްތައް ބޭނުންކޮށްގެން މަޖިލީހުގެ މެޖޯރިޓީ ހޯދަ އެވެ. ނުފޫޒަށް ދީއްލައިނުލައި ރައްޔިތުންގެ ގިނަ ބަޔަކު ވެސް ކުރާ ކަމަކީ ކުރިން އޮތް މެޖޯރިޓީއަށް ނޫނެކޭ ބުނެ، އާ ސަރުކާރަށް މަޖިލީހުގެ ވޯޓުގައި އާނއެކޭ ބުނުމެވެ. ދެން ފެނިގެން ދަނީ މުއައްސަސާތަކާއި ޖުޑީޝަރީ ވެރިކަންކުރާ ޕާޓީގެ މެންބަރުން ގޮސް ފަތަހަކުރާ ތަނެވެ. އަތޮޅުތަކާއި ބިންތަކާއި ވަސީލަތްތަކުގެ ބާރު ވެސް ވެރިކަންކުރާ ޕާޓީގެ މެންބަރުންގެ މަސްލަހަތަށް ކަމަށް ބުނެ، ރައީސްގެ މުށުތެރެއަށް ގެންދާ ތަނެވެ.
ރައީސް މުހައްމަދު މުއިއްޒުގެ މި ވެރިކަމަކީ އެ ސިލްސިލާގެ އިތުރު ބާބެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީން ވަކިކޮށް ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކޮށް މެންބަރުން ތިބީ ސަރުކާރުގެ ނުފޫޒުގައި ތާށިކޮށްފަ އެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެންނަ ނުފެންނަ ވޯޓެއް ނަގަން ވެސް މި މަސައްކަތްކުރަނީ ކައުންސިލް އިންތިހާބަކާއެކު ވަރަށް ކުއްލި ގޮތަކަށެވެ.
ހުދުމުހުތާރު ވެރިކަމެއް ނުކުރެވޭނެ ގޮތަށް ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަން ޖެހެ އެވެ. ނަމަވެސް ސަރުކާރުން ހުށަހަޅާފައިވާ މިި އެންމެ ބަދަލަކީ އެ ކަން ކުރެވޭނެ ބަދަލެއްތޯ ވިސްނާލަން އެބަ ޖެހެ އެވެ. ކޮންމެ ފަހަރަކު ސަރުކާރު ހިންގާ ޕާޓީއަށް މަޖިލީހުގެ މެޖޯރިޓީ ލިބޭ ސަގާފަތް 'ރަނގަޅަށް މެކުހަށް ޖަހާލާނެ' ބަދަލެއް ކަމުގެ ބިރު ވެސް އެބަ އޮތެވެ.
މި ބަދަލުގެ ހުރި ނުރައްކާތެރިކަމަކީ މި ފަހަރުގެ 'އެއްބަސްވެ ދެބަސްވަމާ' ޕޮޑްކާސްޓްގެ މައުލޫ އެވެ. މައުލޫއަށް އިންސާފުކޮށްދެއްވީ ދުސްތޫރީ ނިޒާމުތަކާއި ހެޔޮ ވެރިކަމުގެ ވައްޓަފާޅިތައް ދިރާސާކުރައްވާ، އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދެވެ.
ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ސަވާދު ވެސް ފުރަތަމަ އިޝާރާތްކުރެއްވީ މިހާރު މި ވަގުތު އޮތް ހާލަތެވެ. ސަވާދު ވިދާޅުވީ މުޅި ނިޒާމު ތަގައްޔަރުވެގެން އުޅެނީ އެންމެ ފުރަތަމަ ކޮންމެ ސަރުކާރެއް އިންތިހާބުކުރާ އިންތިހާބުގެ މަރުހަލާގެ ތެރެއަށް ކަޅު ފައިސާ ވަދެގެނެވެ. އިންތިހާބަކަށް ޕާޓީތަކުން ކުރާ ހަރަދުތައް ބެލޭނެ އެއްވެސް ނިޒާމެއް ނެތް ކަން ސަވާދު ފާހަގަކުރެއްވި އެވެ.
"އެ ކަޅު ފައިސާގެ ބުޅީގައި އެޅިފައި ތިބި މެންބަރުންތަކެއް ރައްޔިތުންގެ މަޖިލީހަށް މި ވަންނަނީ. އެ ބުޅީގައި އެޅިފައި ހުންނަ މީހަކު ވެރިކަމަށް މި އަންނަނީ. ޒިންމާދާރުނުކުރެވޭ ނުފޫޒެއް ދައުލަތުގެ ތެރެއަށް ވަންނަނީ،" ސަވާދު ވިދާޅުވި އެވެ.
މި ނުފޫޒުގެ އެހީގައި ފަސް އަހަރު ދުވަހަށް ރައްޔިތުން ބައިވެރިކުރުމެއް ނެތި ވެރިކަންކުރެވޭނެ މަގުތަކެއް ސިޔާސީ ލީޑަރުން ހޯދާފައިވާ ކަމަށް ސަވާދު ވިދާޅުވި އެވެ. 
ދެން ފެނިގެން ދަނީ ބާރުތައް ހިފެހެއްޓުމަށް މައި ދެ ސިޔާސީ ޕާޓީގެ ދެމެދު ހިނގާ ހަނގުރާމައެކެވެ. ސަރުކާރާއި މަޖިލިސް ހޯދާ މައި ޕާޓީގެ މުޅި މަސައްކަތަކަށް އެ ފަސް އަހަރު ވަނީ ޖުޑީޝަރީ ވެސް ހިމެނޭ ގޮތަށް ދުސްތޫރީ އެހެން ހުރިހާ މުއައްސަސާއެއްގެ ބާރު، އެ ޕާޓީއަކުން ހިފުމެވެ.
"ޒާތެއްގެ ހަނގުރާމައެއް މި ކުރަނީ. މިއަދު އޮޑިޓަ ޖެނެރަލް ހިފާނެ. މާދަމާ ޕްރޮސެކިއުޓާ ޖެނެރަލް ހިފާނެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ދެން ހިފާނެ. ފަހަރަކު ބާރެއް ހިފަމުން ގޮސް ހުރިހާ ބާރެއް ހިފަމުން ގެންދާ މަންޒަރު މި ފެންނަނީ. ސިޔާސީ ޕާޓީގެ ބާރު ގަދަކުރުމަށް ޓަކައި،" ސަވާދު ވިދާޅުވި އެވެ.
ސަވާދު ވިދާޅުވީ އޭނާއަށް އެ މަސައްކަތް ފެނުނީ ދައުރަކަށްފަހު ދައުރެއް ވަރުގަދަކުރާ ތަން ކަމަށެވެ. އޭރެއްގެ ހުންނަ ވެރިމީހާ ބޭނުންވާ ގޮތަކަށް، މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ދުސްތޫރީ ނިޒާމަށް ގެންނަ ބަދަލުތަކުގެ ފަހަތުގައި ވެސް ފެންނަނީ މި ބޭނުމެވެ.
ޕާޓީގެ މަސްލަހަތު އިސްކުރާ ސިޔާސީ ސަގާފަތެއް މިއަދު ފެނިގެން ދިޔަ ނަމަވެސް، ސަވާދު ވިދާޅުވީ ބާރުތައް ވަކިކުރެވިފައިވާ ރިޔާސީ ނިޒާމަކާއެކު އޭރު 2008ވަނަ އަހަރު އުންމީދު ކުރެވުނީ ރައްޔިތުންގެ ހަގީގީ ބާރު ހިނގާ ވެރިކަމެއް ރާއްޖޭގައި ގާއިމުވެގެންދާނެ ކަމަށެވެ. ރައީސަކު އިންތިހާބުކުރަނީ ވެސް ހުރިހާ ރައްޔިތުންނަށް އަދުލުވެރިކަމާއެކު ހިދުމަތްކުރުމަށެވެ.
"ތިމާގެ ޕާޓީ މީހުން އެކަންޏެއް ނޫން. ތިމާއާ ދެކޮޅަށް ތިބި ޕާޓީގެ މީހުންނާއި، ވަކި ޕާޓީއަކަށް ތާއީދުނުކޮށް ތިބި ހުރިހާ މީހުންނާއި، މި ރާއްޖޭގެ ފަސްގަނޑުގައި ނޭވާލަމުންދާ ހުރިހާ މީހުންނަށް އަދުލުވެރިކަމާއެކު ހިދުމަތްކުރުމުގެ ޒިންމާ ބޮލުގައި މި އަޅުވަނީ،" ސަވާދު ވިދާޅުވި އެވެ.
މައި ދެ ސިޔާސީ ޕާޓީގެ ހަނގުރާމައިގައި މީގެ ކުރިން އަބަދުވެސް ފެނުނީ ވާދަވެރި ޕާޓީގެ ހަރަކާތްތައް ވެސް ވަރުގަދަކޮށެވެ. ވާދަވެރި ޕާޓީއަށް އެހެން ކުދި ޕާޓީތަކުން ބައަތު ވެސް ހިފަ އެވެ. ނަމަވެސް މަޑުމަޑުން އެ ކަން ވެސް ދަނީ ފަނޑުވަމުންނެވެ. ހާއްސަކޮށް މި ސަރުކާރާއެކު އިދިކޮޅުގެ ހަރަކާތްތައް ވަރަށް ބަލިކައްޓޭ ބުނެވިދާނެ އެވެ.
ސަވާދު ވެސް ގަބޫލުކުރައްވަނީ އެ ގޮތަށެވެ. އަދި ސަރުކާރުން ގެންދަނީ އެ ކަމުގެ ފައިދާ ވެސް ނަގަމުންނެވެ. ހާއްސަކޮށް ބާރުތައް ހިފުމުގެ މި ހަނގުރާމައިގަ އެވެ.
"އޮޕޮޒިޝަން މި އޮންނަނީ އެ މީހުންގެ އަމިއްލަ ކިއްލާތަކަށް ވަދެ، އަމިއްލައަށް އޭގެ ތެރޭގައި ހިސޯރުވެގެން. އޭގެ ބޭރެއް ނުބަލާ. މުޅި އިދިކޮޅު އެހެންވެ މި އޮތީ ވަރަށް ބޮޑަށް ބައިބައިވެފައި،" ސަވާދު ވިދާޅުވި އެވެ.
ސަރުކާރަށް މި ލިބުނު ފުރުސަތުގައި މިހާރު އެ އުޅެނީ އެއް ޕާޓީގެ ދައުލަތަކަށް މި ތަން ބަދަލުކުރުމަށެވެ. 
މާޒީގައި ހިނގާފައިވާ ކަންކަމަށް ބަލާއިރު ދެ ޕާޓީގެ ދައުލަތަކަށް ރާއްޖެ ހެދީ ވެސް ވަރަށް ރޭވިގެންނޭ ބުނެވިދާނެ އެވެ. މައި ދެ ޕާޓީގެ މަގުބޫލުކަން ވެއްޓުމުގެ ކުރިން، ގިނަ މެންބަރުން ތިބޭ ޕާޓީތަކަށް އެކަނި ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ލިބޭ ގޮތަށް ބަދަލުކުރި އެވެ. އެއްކަލަ ކަޅު ފައިސާގެ ނުފޫޒުން އެހެން ޕާޓީތައް އުފެދި އާލާވުމުގެ ޖާގަ ވަނީ ގެއްލުވާލާފަ އެވެ.
ސަވާދު ގަބޫލުކުރައްވާ ގޮތުގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލައިފި ނަމަ ދެން ކުރިމަތިވާ ނުރައްކަލަކީ ރައްޔިތުން ޓެސްޓް ނުކުރާ ސަރުކާރަކަށް މުޅި ސަރުކާރުގެ އަމިއްލަ މަޖިލީހަކާއެކު ވެރިކަން ކުރަން ލިބުމެވެ. ސަރުކާރަށް ވެސް ރައްޔިތުންގެ ކުރިމަތީގައި އެ ވާހަކަ ދެކެވޭކަން ސަވާދު ފާހަގަކުރެއްވި އެވެ.
"ރައީސްގެ ވައުދުތައް ފުއްދުމާއި ސަރުކާރު ހިންގަން ހަރުދަނާ ކުރަން ކަމަށް މި ބުނަނީ މި އުޅެނީ. ރައީސްގެ ވައުދުތައް ފުއްދާކަށް ނޫން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިބެނީއެއް. ދެ އިންތިހާބު އެއްކޮށްލައިގެން ވެރިކަން ހިންގަން މަގުފަހިކުރުމަކީ ދައުލަތަށް ބޭނުންވާ ކަމެއް ނޫން. ދައުލަތޭ މި ބުނަނީ ދިވެހި ރައްޔިތުންނަށް،" ސަވާދު ވިދާޅުވި އެވެ.
އަމިއްލަ ބޭނުންތަކުގެ މަސްތުގައި ޖައްސައިގެން މިނިވަން ރައްޔިތުން މަދުކުރަމުންދާ ކަމަށް ވެސް ސަވާދު ވިދާޅުވި އެވެ. އެ ހިސާބުން ތަފާތު ފިކުރުތަކާއި ނަޒަރިއްޔާތުތަކަށް ހުޅުވާލައިގެން ބަހުސްކޮށްގެން ދައުލަތުގެ ސިޔާސަތުތައް ބައްޓަންކުރާ ޑިމޮކްރެޓިކް މުޖުތަމައެއް ނޯންނާނެ ކަމަށް ސަވާދު ވިދާޅުވި އެވެ.
"މީގެ ސަބަބުން ރާއްޖޭގައި ސިންގަލް ޕާޓީ ވެރިކަމެއް ގާއިމުވެގެން ދާނީ. ދެބަސްވާނެ ޖާގަ ގެއްލިގެން ދާނެ. ސަރުކާރުން ކުރާ ކަންކަމަށް ރިއާޔަތްކޮށް ވިސްނާ ޖަވާބުދާރީކުރާނެ އެއްވެސް ފަރާތެއް ނިޒާމުގައި ނެތިގެންދާ ގޮތަށް މުޅި ނިޒާމު ހުށަހެޅިގެންދާނެ،" ސަވާދު ވިދާޅުވި އެވެ.
ސަވާދު ސިފަކުރެއްވީ މިއީ ގައުމު ދާންވީ މިސްރާބު ސާފުނުވެ ތިބެ ތޫފާނެއްގެ ތެރެއަށް ދިއުން ކަމަށެވެ. 
"ކުރިން އަޅުގަނޑުމެން ގަބޫލުކުރި ގޮތް ދޫވެ، އަޅުގަނޑުމެންގެ ނިޔަތުގައި އޮތް ގޮތް ވެސް ދޫވެ، އަޅުގަނޑުމެން ރައްޔިތުން ކަނު ބަދެގެން މި ގެންދަނީ، އަޅުގަނޑުމެން ހީވެސް ނުކުރާ ތޫފާނެއްގެ ތެރެއަށް ފޯރިގެންދާނެ ވަގުތު އެއީ،" ސަވާދު ވިދާޅުވި އެވެ.
ސަވާދު ވެސް އެއްބަހެވެ. ދެ އިންތިހާބު އެއްކޮށްލުމުގެ ކުރިއަށް މިހާރު ވެސް މި ފެންނަނީ ފަސް އަހަރަށް ހުދުމުހުތާރު ވެރިކަމެއް ކުރާ ތަނެވެ. އެހެންވީތީ ދުސްތޫރަށް ބަދަލުތަކެއް ގެންނަން ޖެހެ އެވެ. ދުސްތޫރުގައި އިންތިހާބުތައް ބާއްވާ ތާރީހަށްވުރެ މާ ބޮޑެތި މައްސަލަތައް އެބަ ހުއްޓެވެ.
އެ ހުރިހާ މައްސަލަތަކަށް ހައްލެއް ނުދައްކައި، ހަމައެކަނި ރައީސް މުއިއްޒު އާއި ޕީއެންސީއަށް ފައިދާވާނެ އެންމެ ބަދަލެއްގެ ވޯޓު ނަގަން މަސައްކަތްކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދަން ޖެހޭ ކަމަށް ސަވާދު ވިދާޅުވި އެވެ. އެ ސަބަބަށް ޓަކައި ވެސް މި ވޯޓު ހުއްޓުވަން ޖެހޭ ކަމަށް، ނޫނީ އެ ވޯޓުގައި ނޫނެކޭ ބުނަން ޖެހޭ ކަމަށް ސަވާދު ވިދާޅުވި އެވެ.
"ދުސްތޫރުގައި ދެން ހުރި ބޮޑެތި މައްސަލަތައް މި ފެންނަ ނުފެންނަ ވޯޓުގައި ޝާމިލުނުކުރީ ކީއްވެގެންތޯ؟ ދުސްތޫރީ ހިންގުން ހަރުދަނާ ކުރުމަށް ޓަކައި ނިންމަން ޖެހޭ މާ ބޮޑެތި ނިންމުންތަކެއް ހުއްޓައި، ތިމަންނަގެ ބާރު ހޯދޭނެ ވަކި ކަމެއް ބަލާފައި ހުށަހެޅުންތޯ ރަނގަޅީ؟" ސަވާދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގޮނޑި ގަންނަން އުނދަގޫވާނެ ގޮތަކަށް މަޖިލީހުގެ އޮނިގަނޑު ބަދަލުކުރަން ޖެހެ އެވެ. ރައްޔިތުންގެ މަޖިލީހުގައި ގިނަ ސިޔާސީ ފިކުރުތަކަށް ޖަގާ ލިބޭ، ރައްޔިތުން ހަގީގީ މާނައެއްގައި ތަމްސީލްކޮށް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ ގޮތެއް ހޯދަން ޖެހެ އެވެ.
ކަޅު ފައިސާ ރެގިއުލޭޓްކުރުމާއި އެ ކަމަށް ޓަކައި އިލެކްޝަންސް ކޮމިޝަން (އީސީ) ވެސް މިހާރަށް ވުރެ ބާރުގަދަވާން ޖެހެ އެވެ.
ސަވާދު ވިދާޅުވީ މި ކަން ކުރަން ޖެހޭނީ ރައްޔިތުންނާ ހަމައިން ފަށައިގެން، މިނިވަން ބަހުސްތަކެއްގެ ތެރެއިން އިންގިލާބީ ވިސްނުންތަކެއް އޭގެ ތެރެއަށް ގެނެސްގެނެވެ. އަދި އެ އެޖެންޑާއާއެކު މަސައްކަތްކުރަން ވާދަވެރި ޕާޓީތަކުން އެއްބައިވެގެން ނުކުންނަން ޖެހޭ ކަމަށް ސަވާދު ވިދާޅުވި އެވެ. އެ ކަން ކުރަން ޕާޓީތަކަށް ސަވާދު ގޮވާ ވެސް ލެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ