ޖެނުއަރީން ފެށިގެން އެކަނިވެރި މައިންނަށް ދޭ އެހީ 15،000އާ ހަމައަށް ބޮޑުކޮށްފި

އެކަނި ދަރިން ބަލަހައްޓާ މަޔަކަށް ނުވަތަ ބަފަޔަކަށް ދައުލަތުން ކޮންމެ މަހަކު ދޭ މާލީ އެހީ 15،000 ރުފިޔާއާ ހަމައަށް ބޮޑުކޮށްފިއެވެ. މީގެ ހަ އަހަރުކުރިން، އޮކްޓޯބަރު 20، 2019ގައި، އެކަނި ދަރިން ބަލަހައްޓާ މަޔަކަށް ނުވަތަ ބަފަޔަކަށް ދައުލަތުން ދޭ މާލީ އެހީ ވަނީ، 3،000 ރުފިޔާއިން 10،000 ރުފިޔާއާ ހަމައަށް އިތުރުކޮށްފައެވެ. އެހެންކަމުން މިއަދު ގާނޫނަށް އައި އިސްލާހާއެކު، މިއީ 5،000 ރުފިޔާގެ އިތުރުވުމެކެވެ. ގަވައިދަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން އެކަނިވެރި މައިންނަށާއި ބަފައިންނަށް މަހަކު ގިނަވެގެން 15،000 ރުފިޔާގެ މާލީ އެހީތެރިކަން ލިބޭނެއެވެ. އެއީ އަހަރެއްގެ މައްޗަށް 180،000 ރުފިޔާއެވެ. ގަވައިދުގައި މީގެ ކުރިން އޮންނަ ގޮތުން، އެކަނިވެރި މައިންނަށް ނުވަތަ ބަފައިންނަށް، ކޮންމެ ކުއްޖަކަށް ދައުލަތުން 1،000 ރުފިޔާ ދޭނެއެވެ. މިއަދު ގެނައި އިސްލާހާއެކު، ހަތަރު ކުދިން ތިބި ނަމަ، ކޮންމެ ކުއްޖަކަށް 3،000 ރުފިޔާއާ ހަމައަށް އެހީތެރިކަން ދައުލަތުން ދޭނެއެވެ. އަދި އޭގެ ފަހުން އިތުރުވާ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާ ލިބިދެވޭނެކަމަށްވެސް ގާނޫނަށް ގެނައި އިސްލާހުގައިވެއެވެ. މި އިސްލާހަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުން ފެށިގެންނެވެ. ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފަގީރު ހާލަތުގައި އުޅޭ އެކަނިވެރި މައިން ނުވަތަ ބަފައިންގެ ތެރޭ 2،895 މީހަކު އެބަ ތިއްބެވެ. އަދި 4،940 ކުޑަކުއްޖަކަށް މާލީ އެހީތެރިކަން ދެމުން ގެންދާކަން ވެއެވެ. އެ މަހު އެކަނިވެރި މައިންނާއި ބަފައިންނަށާއި އެ މީހުންގެ ދަރިންނަށް 4.94 މިލިއަން ރުފިޔާ ޚަރަދުކުރިކަމަށް އެ ތަފާސްހިސާބުތަކުގައިވެއެވެ. އެކަނިވެރި މައިންނަށާއި ބަފައިންނަށް ދޭ އެހީތެރިކަން ބޮޑުކުރާނެކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު ހާމަކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ