މަންމާ! އެއްފެންވަރުން ކައިވެނިކުރުމަކީ ކައިވެނި އުފަލުގަ ދެމެހެއްޓޭކަމެއްނަމަ ބައްޕަ އަހުރެމެން ދޫކޮށްލާފަ ދިއައީ ކީއްވެތަ؟

އެއީ ތަނަވަސް މަންމައެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ފިރިހެން ދަރިފުޅެވެ. ކައިވެނިކުރަން ބޭނުންވީ ގޭގައި ގެންގުޅޭ ނޯކަރު އަންހެން ކުއްޖާއާއިއެވެ. މަންމައަށް އެކަން ބަލައެއް ނުގަނެވުނެވެ. ބުނީ ކައިވެނިކުރަންވާނީ އެއް ފެންވަރުން ކަމަށެވެ. ނޫންނަމަ އުފާވެރިކަން ނުލިބޭނެ ކަމަށެވެ.
މަންމައަށް ވިސްނައިދޭން މަސައްކަތްކުރަމުން ދަރިފުޅު ދެއްކީ ވަރަށް ފުރިހަަމ މިޘާލެކެވެ. މަންމައާއި ސުވާލުކުރިއެވެ. " މަންމާއެވެ! އެއްފެންވަރުން ކައިވެނިކުރުމަކީ ކައިވެނި އުފަލުގަ ދެމެހެއްޓޭކަމެއްނަމަ ބައްޕަ އަހުރެމެން ދޫކޮށްލާފަ ދިއައީ ކީއްވެގެން ހެއްޔެވެ؟ މަންމާއެވެ! ކައިވެނިކުރަންވީ އަނެކާގެ ތަނަވަސްކަމަށް ބަލައިގެނެއް ނޫނެވެ. ތިމާއަށް އުފަކުގައި އުޅެވޭނެ ގޮތަށް ބަލައިގެންނެވެ. އަހުރެން ސުނީތާ ޚިޔާލުކުރީ ހުރިހާ ކަމަކަށް ވިސްނައިފައެވެ.
ސުނީތާއަށް އެނގޭނީ ހަމައެކަނި އަހުރެން އުފަލުގައި ބަހައްޓާކަށް ނޫނެވެ. މަންމަ އުފަލުގައި ބަހައްޓަންވެސް އެނގޭނެއެވެ. މަންމައަށް ޙައްޤު އިޙްތިރާމާއި ޤަދަރުދީގެން އުޅެންވެސް އެނގޭނެއެވެ. ގޭތެރޭގެ މަސައްކަތްކުރަންވެސް އެނގެއެވެ. ކައްކަންވެސް އެނގެއެވެ. މަދީ ކޮން ކަމެއް ހެއްޔެވެ؟ 
މަންމައަށް ތިއަ ވިސްނެނީ ހަމައެކަނި ސުނީތާގެ ނިކަމެތިކަމާއިމެދުގައެވެ. ސުނީތާގެ ހުރި ރަނގަޅު ސިފަތަކާއިމެދު ވިސްނާނަމަ ސުނީތާއަށް ނުރުހެންވީ އެއްވެސް ސަބަބެއް ނެތެވެ." 
ދަރިފުޅު ދެއްކި ވާހަކަތައް އަޑުއަހާފައި މަންމަ ބުންޏެވެ. "ތިއަގޮތަށް ވިސްނާނަމަ ސުނީތާއަށްވުރެ ރަނގަޅު އަންހެނަކު ނުލިބޭނެއެވެ. އަޚްލާޤަށް ބަލައިފިނަމަ ހަމަ ސަތޭކަ އިންސައްތައެވެ. މަންމައަށް ދެއްކުނު ވާހަކަކޮޅަށް ނުވިސްނައި މާފުކުރާށެވެ! ކައިވެނިކުރުން އަވަސްކުޜާށެވެ!" 
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްވީ ގޮތެވެ. މިއީ އަޅުގަނޑުމެންގެ ތެރޭގައިވެސް މިކަން އޮތްގޮތެވެ. ގިނަ މައިންބަފައިންނަށް ވިސްނެނީ ދަރިން ކައިވެނިކުރުވަންޖެހޭނީ އެއްފެންވަރުން ކަމަށެވެ. އެއީ ޢާއިލާގެ ޤަދަރަށް އިސްކަންދޭތީއެވެ. ކައިވެނީގެ ފަހުން ދަރިންނަށް ލިބޭނެ ހިތްހަމަޖެހުމާ އުފާވެރިކަމަށް ބަލައިގެނެއް ނޫނެވެ.
 
- ސަޢީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ