ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޓިކެޓް ސިނާންއަށް

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރުކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން ވާދަކުރުމަށް ކެންޑިޑޭޓެއް ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ އެ ދާއިރާގެ މެންބަރުކަން ކުރިންވެސް އަދާކުރެއްވި މުހައްމަދު ސިނާނު ކާމިޔާބު ކުރައްވައިފިއެވެ.
އެމްޑީޕީއިން އެ ދާއިރާއަށް ވާދަކުރާނީ، އެ ޕާޓީއިން ޕްރައިމަރީގައި ކުރިމަތިމަތިލި ހަމައެކަނި މެންބަރު، ޢަބްދުﷲ ޞާދިޤެވެ.
ޕީއެންސީއިން މިއަދު ކުރިއަށް ގެންދިޔަ ޕްރައިމަރީގައި ވާދަކޮށްފައިވަނީ ސިނާނުގެ އިތުރުން، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަޤާމުގައި ހުންނެވި އަޙްމަދު ސަޢީދެވެ.
ސިނާން ޕްރައިމަރީ ކާމިޔާބު ކުރީ، 39 ވޯޓުގެ ތަފާތުންނެވެ. ސިނާންއަށް ޖުމުލަ 226 ވޯޓު ލިބިވަޑައިގެންނެވިއިރު، ސަޢީދުއަށް ލިބިވަޑައިގަތީ 187 ވޯޓެވެ.
މާލޭގެ ފޮއްޓަށް 103 މީހުން އަދި އައްޑޫ ސިޓީގައި ބެހެއްޓި ފޮއްޓަށް 319 މީހުން ވޯޓުލާފައިވެއެވެ.
ޖުމުލަ 422 މީހުން ވޯޓުލިއިރު އެއީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބުނު މީހުންގެ %58 މީހުންނެވެ. ވޯޓުލުން ކުރިއަށް ގެންދިޔައީ، މިއަދު ހެނދުނު 09:00އިން ހަވީރު 04:00އާއި ހަމައަށެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 6 ޖޫން ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00އަށެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ، ޖޫން 8 ވާ ހޯމަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ވޯޓަރސް ލިސްޓުން ދައްކާ ގޮތުގައި މި ބައި-އިލެކްޝަންގައި 4،114 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ. އެ ކޮމިޝަނުން ވަނީ، މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހޯމަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ހުޅުވާލާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާއަށް 2024ވަނަ އަހަރު އިންތިޚާބު ކުރި މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ސާބިތުވެ، އެ ދަރަނި ޙުކުމާ އެއްގޮތަށް ނުދައްކާކަން ސާބިތުވާތީ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ކުރި ޙުކުމާއެކުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ