ފުރަތަމަ ދެ އަހަރާ ބައިގެ ތެރޭގައި 1.2 ބިލިއަންގެ ޑިރެކްޓް ދަރަނި ދެއްކި ސަރުކާރެއް މި ސަރުކާރު ފިޔަވާ ނޯންނާނެ: ޒަމީރު

ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި 1.2 ބިލިއަންގެ ޑިރެކްޓް ދަރަނި ދެއްކި ސަރުކާރެއް މިސަރުކާރު ފިޔަވާ ނޯންނާނެކަމަށް ކުރީގެ އިގްތިސާދީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރޭ ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތަކަށް ވަރުގަދަ ދިފާއެއް ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަމުންދާ މިދަނޑިވަޅުގައި، ދައުލަތުން ދައްކަންޖެހޭ ދަރަނިތައް އަދާކުރުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޒަމީރު ވިދާޅުވީ، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ސީދާ ގޮތުން އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ދަރަނި ޚަލާސްކޮށްފައިވާ ކަމަށެވެ. އަދި ޖުމްލަ ދަރަނި ދެއްކި މިންވަރު ގާތްގަނޑަކަށް 1.2 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ހާމަކުރައްވަމުން އޭނާ ވިދާޅުވީ، މިއީ މާލީ ގޮތުން ދަތި ދަނޑިވަޅެއްގައިވެސް ސަރުކާރުން ޒިންމާދާރުކަމާއެކު މަސައްކަތް ކުރަމުންދާކަމުގެ ހެއްކެއް ކަމަށެވެ.
”ކޮން ސަރުކާރަކުންތޯ؟ ކޮން ސަރުކާރަކުންތޯ ފުރަތަމަ ދެ އަހަރު ބައިގެ ތެރޭގައި 1 ބިލިއަންގެ ދަރަނި ސަރުކާރުގެ ޑިރެކްޓު ދަރަނި 1.2 ބިލިއަންއަށް ވުރެއް ދެއްކީ؟ ނޯންނާނެ ދައްކާފައެއް“ – ޒަމީރު
ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް އަލިއަޅުވާލައްވަމުން ޒަމީރު ވިދާޅުވީ، އޭނާ ފިނޭންސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު، ރާއްޖެ އިގުތިސާދު އިނދަޖެހި، ދަރަނި ނުދެއްކޭ ފަދަ ހާލަތަކަށް ގައުމު ގޮސްފައިވާ ކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައިނުވާ ކަމަށެވެ. މީގެ އިތުރުން، ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް އައިސްފައިވާ ބަދަލުތަކަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، މިއަދު ރާއްޖެއިން ހިންގަނީ އެހެން ގައުމުތަކުގެ ނުފޫޒެއް ނެތް، މިނިވަން މުސްތަގިއްލު ޚާރިޖީ ސިޔާސަތެއް ކަމަށެވެ.
ޒަމީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ފާއިތުވި ހަ މަސް ދުވަހަކީ ދުނިޔޭގެ ބާޒާރުގައި ހިނގަމުންދާ ހަނގުރާމަތަކާއި އިގުތިސާދީ ފިއްތުންތަކުގެ ސަބަބުން ގޮންޖެހުން ބޮޑު ދުވަސްތަކެކެވެ. ނަމަވެސް، އެ ހުރިހާ ދަތިތަކާއެކުވެސް ސަރުކާރުން ދަނީ ގަވާއިދުން ދަރަނިތައް އަދާކުރަމުންނެވެ. ފިޗް ރޭޓިންގްސްއިން ރާއްޖެއަށް ދީފައިވާ ”ސީސީސީ ޕްލަސް“ (CCC+) ރޭޓިންއާ ގުޅޭގޮތުން އޭނާ ވިދާޅުވީ، އެއީ ދަތިތަކާއެކުވެސް ދަރަނި ދެއްކުމުގައި ސަރުކާރުން ކުރަމުންދާ ހިތްވަރުގަދަ މަސައްކަތްތަކުގެ ހެއްކެއް ކަމަށެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ޒަމީރު ވަނީ އޭނާ މަގާމުން އިސްތިއުފާ ދެއްވި ސަބަބުވެސް ހާމަކުރައްވާފައެވެ. އޭނާ ވިދާޅުވީ މަގާމުން ވަކިވެވަޑައިގަތީ ޒުވާން ލީޑަރުންނަށް ފުރުސަތު ދިނުމުގެ މަގްސަދުގައި ކަމަށެވެ. އަދި ޕީޕީއެމް އާއި ޕީއެންސީއަކީ އެއް ފިކުރެއްގައި، އެއް ތަސައްވުރެއްގެ ދަށުން މަސައްކަތްކުރާ ބަދަހި ލަޝްކަރެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޒަމީރު އިތުރަށް ވިދާޅުވީ، އޭނާ ވަޒީރުކަމުން އިސްތިއުފާދެއްވިނަމަވެސް، އަދިވެސް ހުންނެވީ ޕީއެންސީއާއެކު އަދި ރައީސް ޑރ. މުއިއްޒާއެކު ގަދަކޮށް ކަމަށެވެ.
ޒަމީރު މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު ކުރިއަށް އޮތް ތަނުގައި އިތުރަށް ގޯސްވުމާއި ދަރަނި ދެއްކުމަށް ހުރި ގޮންޖެހުންތަކާ މެދު ސިޔާސީ މައިދާނުގައި ބަހުސްތައް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ