ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާކުރި މީހަކު 18 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ޚާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވި މީހަކު 18 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.
ޚާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކާ އެކު ޖިންސީ އަމަލު ހިންގާފައިވާ މައްސަލައިގައި ދައުވާ އުފުލާފައިވަނީ ޏ. ފުވައްމުލައް، ފުނާޑު.ނަވާ، ޢަބްދުﷲ ވަޙީދު މޫސާ (58އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުންނެވެ.
މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށް ފަހު، އާދިއްތަ ދުވަހު ޢަބްދުﷲ ވަޙީދު މޫސާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި މި ކުށުގެ އުގޫބާތެއްގެ ގޮތުން ޢަބްދުﷲ ވަޙީދު މޫސާ 18 އަހަރަށް ޖަލަށްލުމަށް ކަނޑައަޅާފައިވެއެވެ. އެހެންނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން ޢަބްދުﷲ ވަޙީދު މޫސާ، މި ދައުވާއާ ގުޅިގެން ބަންދުގައި ހުރި އެއް އަހަރާއި ހަތް މަހާއި ނުވަ ދުވަސް ހުކުމުގެ މުއްދަތުން އުނިކޮށް، ޢަބްދުﷲ ވަޙީދު މޫސާ ތަންފީޒުކުރަންޖެހޭ މުއްދަތަކީ 16 އަހަރާއި ހަތަރު މަހާއި 21 ދުވަހުގެ ޖަލު އަދަބުކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ