ކްލަބް ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ޗެލްސީ ޖާގަ ހޯދައިފި

އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވާލްޑްގައި ޗެލްސީއިން ޕަލްމެއިރާސް ބަލިކޮށް މި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ފިލަޑެލްފިއާގެ ލިންކަން ފައިނޭޝިއަލް ފީލްޑްގައި ކުޅުނު މިމެޗު ޗެލްސީއިން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު އެއް ލަނޑުންނެވެ. ޗެލްސީގެ ފަރާތުން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފެއްދި މިމެޗުގައި ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނުނެވެ. އެ މެޗުގެ ފެށުން ދިޔައީ ޗެލްސީއިން އެންމެ ބޭނުންވި ގޮތަށެވެ. މިގޮތުން މެޗުގެ 16 ވަނަ މިނެޓުގައި ޗެލްސީއިންވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކޯލް ޕާމާއެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބުނެވެ. މިމެޗުގައި ޕަލްމެއިރާސްއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އެސްޓެވާއޮ ވިލިއަންއެވެ. މިމެޗުން ޗެލްސީ މޮޅުވި ލަނޑު ކާމިޔާބު ކޮށްފައިވަނީ މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށެވެ. ނަމަވެސް މިލަނޑަކީ ޗެލްސީގެ މާލޯ ގުސްޓޯ ޕަލްމެއިރާސްގެ ގޯލް ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅައެއް ޕަލްމެއިރާސްގެ ޑިފެންޑާ ގިއޭ އޮގަސްޓިން ގައިގައި ޖެހި ބައިކޮޅަށް ވަން ލަނޑެކެވެ. މިކާމިޔާބީ އާއެކު މިމަހުގެ ނުވަ ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލް މެޗުގައި ޗެލްސީ ބައްދަލުކުރާނީ އަނެއްކާވެސް ބްރެޒިލްގެ ޓީމެއް ކަމަށްވާ ފުލުމިނެންސޭ އާއެވެ. މިމެޗުވީ އެއް ގޮތަކުން ޗެލްސީއަށް ވަރަށް ފައިދާ ހުރި މެޗަކަށެވެ. އެއީ މެޗުން މޮޅުވެ ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުވިއިރު އިދިކޮޅު ޓީމުން ލަނޑު ޖެހި 18 އަހަރުގެ އެސްޓެވާއޮ އަކީ މިމުބާރާތަށްފަހު ޗެލްސީއަށް ބޮޑު އަގުގައި ބަދަލު ވާން ތައްޔާރުވެފައިވާ ކުޅުންތެރިއެއް ކަމުން އޭނާގެ ފަރާތުން މޮޅު ކުޅުމެއް މިމެޗުގައި ފެނުމުންނެވެ. ޗެލްސީންވަނީ ޕަލްމެއިރާސްއިން އެސްޓެވާއޮ ގަތުމަށް 52 މިލިއަން ޕައުންޑްގެ އަގަކަށް އެއްބަސްވެފައެވެ. މީގެއިތުރުން އެ ޓީމާ ދާދިފަހުން ކުޅުނު ޖާއޮ ޕެޑްރޯ ވަނީ މިމެޗުގައި ކުޅެފައެވެ. ނަމަވެސް މިއާއެކު ލިއަމް ޑެލަޕް އާއި ލެވީ ކޯލްވިލްއަށް މިމެޗުގައި ދެއްކި ރީނދޫ ކާޑާއެކު މިދެ ކުޅުންތެރިންނަށް ސެމީ ފައިނަލްގައި ނުކުޅެވޭނެއެވެ. އަދި ކެޕްޓަން ރީސް ޖޭމްސްއަށް ވަނީ ވޯމްއަޕްގައި އަނިޔާވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ