ފަންނުވެރިންގެ ޓްރޭޑްމާކްތައް ހިމާޔަތްކުރަން ބިލެއް ހުށަހަޅައިފި

ފަންނުވެރިންނާއި އުފެއްދުންތެރިންގެ އުފެއްދުންތަކުގެ ހައްގު މިލުކޮށް، ހިމާޔަތްކުރުމަށް ހާއްސަަކޮށް ޓްރޭޑްމާކް ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަހުމަދު ޒާހިރެވެ.ޓްރޭޑްމާކް ބިލް މަޖިލީހަށް ހުށަހެޅީ އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ރާއްޖޭގައި ގާއިމުކުރުމަށްޓަކައި ޓްރޭޑްމަރކް ރަޖިސްޓްރީކޮ ށްދިނުމާ ގުޅޭ ނިޒާމެއް ޤާއިމުކޮށް ކަމާގުޅޭ މައިގަނޑު އުސޫލުތައް ކަނޑައެޅުމަށް ކަމަށެވެ. އަދި ރަޖިސްޓްރީ ކުރެވޭ ޓްރޭޑްމާކާ ގުޅިގެން އެޓްރޭޑްމާކްގެ ވެރިފަރާތައް ލިބޭ ޙައްގުތަކުގެ ދާއިރާ ބަޔާން ކުރުމާއި ޓްރޭޑްމާކްގެ ޙައްގަކަށް އަރައިގަންނަ ޢަމަލުތަކާ ގުޅިގެން ފިޔަވަޅު އެޅޭނެ އުސޫލުތައް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.މި ބިލުގެ ދަށުން ޓްރޭޑްމާކެއްއް ކަމަށް ބެލެވޭނީ އެއް ފަރާތެއްގެ މުދަލާއި ހިދުމަތްތައް އަނެއް ފަރާތުގެ މުދަލާއި ޚިދުމަތްތަކާ ތަފާތުކުރުމުގެ ގާބިލުކަން ލިބިފައިވާ ނިޝާންތަކަށެވެ. މި ނިޝާންތަކާ ގުޅިގެން އެކްސްކްލޫސިވް ޙައްގު ލިބޭނީ އެ ޓްރޭޑްމާކެއް ރަޖިސްޓްރީ ކުރުމުންނެވެ.ބިލުގައިވާގޮތުން ރާއްޖޭގައި ޓްރޭޑްމާކެއް ރަޖިސްޓްރީކޮށް ދޭނީ 10 އަހަރަށެވެ. އަދި އެ މުއްދަތު ހަމަވުމުން އިތުރު 10 އަހަރަށް ރަޖިސްޓްރީގެ މުއްދަތު އިތުރު ކުރުމަށް ހުށަހެޅިދާނެ އެވެ.މިއަދުގެ މަޖިލީހުގައި ވަނީ މި ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސްފަ އެވެ. ފުރަތަމަ ފަހަރަށް މަޖިލީހަށް ޓްރޭޑްމާކާ ގުޅޭ މިފަދަ ބިލެއް ހުށަހެޅުމުން، މި ބިލަށް ބަހުސްކުރެއްވި ހުރިހާ މެމްބަރުން ވެސް ބިލަށް ތާއީދުކުރައްވާ ވާހަކަދެއްކެވި އެވެ.އެކަމަކު ބައެއް މެމްބަރުން ފާހަގަކުރެއްވި ގޮތުގައި، މިހާރު އޮތް ކޮޕީ ރައިޓްސްގެ ގާނޫން ވެސް އުފެންދުންތަކަށް އެ ހައްގުތަށް ލިބިދެވެ އެވެ. މައްސަލައަކީ އެފަދަ ކޮންމެ ގާނޫނެއް ވެސް އެންމެ ރަނގަޅަށް ތަންފީޒުނުކުރެވުމެވެ. ނަމަވެސް ހުރިހާ މެމްބަރުން ވެސް ފާހަގަކުރެއްވި ގޮތުގައި މިއީ ވަރަށް މުހިންމު ބިލެކެވެ. އެކަމަކު މިވަގުތު ބިލު ހުށަހަޅާފައިވާ ގޮތަށް ބަލާއިރު، ބިލުގައި އިސްލާހުކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާއި އެކަމަށް ކޮމިޓީ މަރުހަލާގައި ވާހަކަދެކެވި އިސްލާހުތަކެއް ގެންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ