'ގެދޮރުވެރިޔާ' ސްކީމުގެ 4000 ފްލެޓު ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއެކު މި ހަފްތާގެ ތެރޭގައި އެއްބަސްވުމުގައި ސޮއިކޮށް، ފްލެޓު ހަވާލުކުރަން ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މުއްތޮލިބު މިހެން ވިދާޅުވީ ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ މަސައްކަތްތައް ހިއްސާކުރަން، އަދި އާންމުންނަށް ވަޒީރުންނާ ސުވާލުކުރެވޭ ގޮތަށް 'ޕީއެސްއެމް'އިން ގެނެސްދޭ 'އަހާ ފޯރުމް'ގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އޭނާ ސުވާލުކުރީ:
ފްލެޓުތަކުގެ އެގްރީމެންޓުތައް އޮތީ ކިހާ ހިސާބަކުތޯ
ފްލެޓުތައް ހަވާލުކުރެވޭނީ ކޮން އިރަކުންތޯ
ބުނީ ކީކޭ؟ - ޖަވާބުގައި މުއްތޮލިބު ވިދާޅުވީ ކުރިން ވެސް ނިންމާފައިވާ ގޮތަށް މި މަސް ތެރޭގައި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ. އެ މަސައްކަތް ލަސްވެފައިވަނީ މުއްތޮލިބު ވިދާޅުވި ގޮތުން ލިސްޓުގައި ތިބި ފަރާތްތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ކަންކަން ކުރިއަށްދާތީ އެވެ. އެގްރީމެންޓުގައި ސޮއިކުރަން ބައެއް މީހުންގެ ލިސްޓުތަކެއް މިހާރު ފައިނަލް ވެސް ކުރެވިފައިވާ ކަމަށާއި، އެކަމަކު އޭގެ ކުރިން ކުރަންޖެހޭ އިދާރީ މަސައްކަތްތަކެއް އަދިވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު މި ހަފްތާގެ ތެރޭގައި އެ މަސައްކަތްތައް ނިންމައި އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ފެށޭނެ ކަމުގެ ޔަގީންކަން މުއްތޮލިބު މިރޭ ދެއްވި އެވެ.
"ކުރިން ވެސް ދެންނެވި ގޮތަށް ޖުލައި މަސް ތެރޭ އެގްރީމެންޓުގައި ސޮއިކޮށް ފްލެޓުތައް ހަވާލުކުރުމުގެ ކަންކަން ފެށިގެންދާނެ. ނަމަވެސް މި ލަސްވަނީ ރައްޔިތުންނަށް ދެވޭ ހިދުމަތެއްގެ ގޮތުގައި ކުރަންޖެހޭ ކަމަކަށްވާތީވެ އޮފީހަށް ގެނެސްގެން ކުރެވޭނެ ކަމެއް ނޫން،" މުއްތޮލިބު ވިދާޅުވި އެވެ.
"އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް އަންނަ ހަފްތާގެ ތެރޭގައި އަޅުގަނޑުމެންނަށް އެގްރީމެންޓުތަކުގައި ސޮއިކުރުން ފެށިގެންދާނެ ކަމަށް."
އޭނާ ވިދާޅުވި ގޮތުން މިހާރު ކުރިއަށްދަނީ:
އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދާނެ ތަނެއް ހަމަޖައްސައި އެތަނުގައި ޓެންޓު ޖަހައި، ތަން ތައްޔާރުކުރުމުގެ މަސައްކަތް
އެ މަސައްކަތައް ބޭނުންވާނެ މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތް
އިދާރީ ގޮތުން ކުރަންޖެހޭ ބައެއް އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް
ފްލެޓު އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެ ފަރާތްތަކުގެ ޝަރުތު ހަމަވޭތޯ ޔަގީންކޮށް، ލިއުންތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް
"އެހެންވީމާ މިހާރު އަޅުގަނޑުމެންގެ ޓާގެޓަކީ އެ ހުރިހާ އިންތިޒާމުތައް ހަމަޖައްސައި އަންނަ ހަފްތާގެ ތެރޭގައި އެގްރީމެންޓުގައި ސޮއިކުރަން ފެށޭވަރުވާނެ ކަމަށް،" މުއްތޮލިބު ވިދާޅުވި އެވެ.
މުއްތޮލިބު މިރޭ ވެސް ވިދާޅުވީ ރަށްރަށުގެ ވަޒީފާތަކުގައި، އެރަށެއްގައި ދިރިއުޅޭ މީހުން ވެސް މާލޭގައި އުޅޭ ކަމުގެ ދޮގު ލިއުން ހައްދައިގެން ފްލެޓުތަކަށް ކުރިމަތިލައި، ލިސްޓުން ޖާގަ ލިިބިފައި އެބަހުރި ކަަމަށެވެ. މި ސަރުކާރުން ފްލެޓުތައް ދޫކުރާއިރު ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެފަދަ ސަބަބުތަކާ ހުރެ ފްލެޓަށް ޝަރުތު ހަމަނުވާ ފަރާތްތަކަށް އެކަން މިހާރު އަންގަމުންދާ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.
އެނގުން މުހިންމު - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ 4،000 ފްލެޓް ލިބޭ މީހުން ކުރީ ސަރުކާރުން އޮތީ ކަނޑައަޅައިފަ އެވެ.
އޭގެ ފަހުން:
ރައީސް މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އާ ސަރުކާރުން ބޭނުންވީ އެ ލިސްޓު މުރާޖައާ ކުރަން
އެކަމަށް އާ ކޮމިޓީއެއް އުފައްދައިގެން، ލިސްޓު އަލުން ބެލުމަށް ފަހު މިދިޔަ ފެބްރުއަރީ މަހު އާ ލިސްޓެއް އާންމުކުރި
އެ ލިސްޓުގައި ފުލެޓު ލިބުމަށް ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ 1،820 މީހަކަށް
އެކަމަކު އެ ނިންމުން ބަދަލުކޮށް ކުރީގެ ލިސްޓަށް ފުލެޓް ދޭން މިހާރު ސަރުކާރުން އޮތީ ނިންމާފައި
މިދިޔަ ސަރުކާރުގެ ލިސްޓަށް ފްލެޓުދޭން މި ސަރުކާރުން ނިންމި ނަމަވެސް، ޝަރުތު ފުރިހަމަ ނުވާ ފަރާތްތައް އެ ލިސްޓުން އުނިކުރާނެ ކަމަށް މުއްތޮލިބު މީގެ ކުރިން އޮތީ ވިދާޅުވެފަ އެވެ. އެގޮތުން މިދިޔަ ސަރުކާރުން ނެރެފައިވާ ދާއިމީ ލިސްޓުން ގާތްގަނޑަކަށް 700 މީހުން އުނިވާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.
4،000 ފްލެޓު މި ހަފްތާގައި ހަވާލުކުރަން ފެށޭނެ: މުއްތޮލިބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ