ފުލެޓު އެއްބަސްވުމުގައި އަންނަ ހަފުތާގައި ސޮއިކުރަން ފަށައި، މި މަހު ހަވާލުކުރެވޭނެ: މުއްތަލިބު
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓު ލިބުނު ފަރާތްތަކާއެކު، ކުރިޔަށް އޮތް ހަފުތާގެ ތެރޭގައި އެއްބަސްވުން ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ މިރޭ ކުރިއަށްދާ "އަހާ ފޯރަމް"ގައި، ފްލެޓު އެއްބަސްވުމުގެ މަސައްކަތްތަކުގެ ފަހުގެ މައުލޫމާތު އޮޅުންފިލުވުމަށް އެދި، ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މުއްތަލިބު ވިދާޅުވި ގޮތުގައި، އެ 4،000 ފްލެޓު ހަވާލުކުރުމަށް ޓަކައި އެ މިނިސްޓްރީން އަންނަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ބަންޑާރަނައިބުގެ އޮފީހަށް ފޮނުވައިގެން ފްލެޓު އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތާއި، އެއްބަސްވުމުގައި ސޮއިކުރުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް ވިދާޅުވިއެވެ. "މިހާރުގެ ޓާގެޓަކީ އެ ހުރިހާ ކަންތައްތަކެއް ވެސް ހަމަޖައްސައި، އަންނަ ހަފުތާ ތެރޭ އަޅުގަނޑުމެންނަށް އެގްރިމެންޓުގައި ސޮއިކުރެވެން ފެށޭވަރު ވާނެ ކަމަށް. މިހާރު އަޅުގަނޑުމެންނަށް ތަނެއް ކަނޑައެޅި، އެ ތަނުގައި ޓެންޓު ޖެހުމުގެ މަސައްކަތާއި، އަދި އެ ކަމަށް ބޭނުންވާ އެހެނިހެން އިދާރީ މުވައްޒަފުންނާ އެހެނިހެން ކަންކަން އެފްޑީސީން އެބަ ކުރައްވާ،" މުއްތަލިބު ވިދާޅުވިއެވެ. ފްލެޓު އެއްބަސްވުމުގައި ސޮއިކުރުން ލަސްވާތީ ގިނަ ބަޔަކު އަންނަނީ އެ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ކަމާ ގުޅިގެން މުއްތަލިބު ވިދާޅުވީ މި ކަމަކީ ރައްޔިތުންނާ ސީދާ ގުޅުންހުރި ކަމަށްވާތީ، އެ ކަމަށް ވާންޖެހޭ ތައްޔާރީތައް އެބަހުރި ކަމަށެވެ. "...ލަސްތަކެއް ވަނީ ވަރަށް ގިނަ އާންމު ރައްޔިތުންނަށް ދެވޭ ޚިދުމަތެއްގެ ގޮތުގައި ކުރަންޖެހޭ ކަމަކަށްވާތީ، ހަމަ އޮފީހަށް ގެނެސްގެން ސޮއިކުރެވޭނެ ކަމެއް ނޫނޭ މި ކަމަކީ... ވަރަށް ޔަގީންކަން އެބަ އޮތް އަންނަ ހަފުތާ ތެރޭގައި އެގްރިމެންޓުގައި ސޮއުކުރެވެން ފެށިގެންދާނެ ކަމަށް،" މުއްތަލިބު ވިދާޅުވިއެވެ. ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ގުޅިގެން ހިންގާ މި މަޝްރޫއުގެ ތެރެއިން 2،000 ފްލެޓު އަޅަން ހަވާލުކޮށްފައިވަނީ އެމްބީސީސީ އިންޑިއާއާއެވެ. އޭގެ 96 ޕަސެންޓުވަނީ މިދިޔަ މަހުވަނީ ނިމިފައެވެ. ބާކީ 2،000 ފްލެޓު އަޅަން ހަވާލުކުރީ އިންޑިއާގެ ކޭޕީއައިއެލްއަށެވެ. އޭގެ ވެސް 95 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އޭރު ބުންޏެވެ. މިހާތަނަށް ނިމިފައިވާ ފުލެޓުތައް މި މަހު ހަވާލުކުރަން ފެށޭނެ ކަމަށް މީގެ ކުރިން ވެސް މުއްތަލިބު ވިދާޅުވެފައިވާއިރު، މަސް ދެބައިވިއިރު ވެސް ފުލެޓު ހަވާލުކުރަން ނުފަށާތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، ފުލެޓު ލިސްޓު ނެރުނީ ނޮވެމްބަރު 4، 2023ގައެވެ. އެ ލިސްޓާ މެދު ގިނަ ބަޔަކު ޝަކުވާ ކުރުމުން، ފުލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އެ މަހުގެ 15ގައި ނެރުނެވެ. އެ ލިސްޓު އެކުލަވާލައިފައިވަނީ ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ އެ ފުލެޓުތައް ހަވާލުކުރުން ހުއްޓުވައިފައެވެ. އެއަށްފަހު މި ސަރުކާރުން ލިސްޓުގައި ޝަރުތު ހަމަވާ މީހުންގެ ފޯމުތައް ބެލުމަށް ފަހު، އަލުން ލިސްޓެއް ނެރުނީ މިދިޔަ ފެބްރުވަރީ މަހުގައެވެ. ފުލެޓު ލިސްޓާ ގުޅޭ ގޮތުން ސަރުކާރަށް ގިނަ ބަޔެއްގެ ނުރުހުން އަމާޒުވެފައި ވަނިކޮށް، މިދިޔަ މަހުގެ 29ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއްތަލިބު ވިދާޅުވީ، މި ސަރުކާރުން ފުލެޓު ދޭ ފައިނަލް ލިސްޓުގެ ގޮތުގައި ބަލާނީ 15 ނޮވެންބަރު 2023ގައި ނެރެފައިވާ ލިސްޓު ކަމަށާއި، އޭގެ އިތުރު ލިސްޓެއް ނުނެރޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ