ފަޒީލް ވަކިކުރީ ބަރީއަވާން ވަގުތު ދިނުމަށްފަހު، މުސާރަ ދިނީ ލާޒިމްކުރާތީ: މަތީން

ސަސްޕެންޑްކުރުމަށް ފަހު މައި ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު މަގާމުން ވަކިކުރީ އޭނާއަށް ކުރެވުނު ތުހުމަތުތަކުން ބަރީއަވުމަށް އެކަށީގެންވާ ވަގުތު ދިނުމަށް ފަހު ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ. 'ބިންވެރިޔާ' ސްކީމްގެ ދަށުން ނުހައްގުން މާލޭން ގޯތި ދިން މައްސަލައިގައި މަގާމުގެ އެންމެހާ މަސްއޫލިއްޔަތުތަކުން ފަޒީލް ސަސްޕެންޑްކުރީ ޑިސެމްބަރު 19، 2024 ގައެވެ. މުސާރަ ލިބޭގޮތަށް ހަ މަސް ވަންދެން ސަސްޕެންޝަންގައި ބެހެއްޓުމަށް ފަހު އެމްޑަބްލިއުއެސްސީން އޭނާ ވަކިކުރީ އިއްޔެއެވެ. ފަޒީލް ވަކިކުރިކަން ހާމަކޮށް 'އެކްސް'ގައި އެމްޑަބްލިއުއެސްސީން އިއްޔެ ލިޔެފައިވާ ގޮތުގައި ފަޒީލް ވަކިކުރަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމީ ކުންފުނީގެ މަސްލަހަތު ރައްކާތެރިކުރުމުގެ ގޮތުންނެވެ. "މުޙައްމަދު ފަޒީލުގެ މައްޗަށް ކުރިއަށް ގެންދެވޭ ތަހުގީގާ އެކު އިސްމަޤާމެއްގައި މުސާރަޔާއެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއްނޫން ކަމުގައި ބޯޑުން ދެކެވަޑައިގަންނަވައެވެ،" އެ ޕޯސްޓުގައި ލިޔެފައިވެއެވެ. ނަމަވެސް ދިގު މުއްދަތަކަށް ފަޒީލަށް މުސާރަދޭ ގޮތަށް ސަސްޕެންޑުކޮށްފައި އޭނާ ބެހެއްޓީ ކީއްވެތޯ "ސަން" އިން ސުވާލުކުރުމުން މަތީން ވިދާޅުވީ، ފަޒީލަށް ކުރެވުނު ތުހުމަތުތަކުން ބަރީއަވާން އެކަށީގެންވާ ފުރުސަތު ކުންފުނިން ދީފައިވާނެ ކަމަށާއި، މުސާރަ ނުދީ ބެހެއްޓޭނީ ވަކި މުއްދަތެއް ވަންދެން ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި، ފަޒީލަށް މުސާރަ ދީފައިވަނީ ގާނޫނުގައިވާ އުސޫލުގެ ތެރެއިންނެވެ. ވަކި މުއްދަތަކަށް ވުރެ ދިގު މުއްދަތަކަށް މުސާރަ ނުދީ ނުބެހެއްޓޭނެ ކަމަށް ގާނޫނުގައި އެބައޮތް ކަމަށް މަތީން ވިދާޅުވިއެވެ. "އަޅުގަނޑުމެން ފުރުސަތެއް ދިން މައްސަލަ ނިންމަން، އެ ކްލިއާކުރަން، ކޮންމެ މީހަކަށް ވެސް އޮންނަން ޖެހޭ އެ ފުރުސަތު ވެސް، މީހެއްގެ އަބުރު ވެސް އޮންނާނެ،" އޭނާ ވިދާޅުވިއެވެ. "އެގޮތަށް ބަލާ ކަމަށް ވަންޏާ އެ އޮންނަ އުސޫލުގެ ތެރެއިން ގެންދިއުމަށް އަޅުގަނޑުމެން މަސައްކަތްކުރީ، އެކަން ނިންމާށާއި ދެން އަދި އޭގެން ނަތީޖާއެއް ނެރުމަށް އަޅުގަނޑުމެން ދިން ފުރުސަތެއް،" މަތީން ވިދާޅުވިގޮތުގައި ފަޒީލް ސަސްޕެންޑުކުރީ މައްސަލައިގެ ތަހުގީގަށް ފުރުސަތު ދިނުމުގެ ގޮތުންނާއި އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުން އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުންނެވެ. ފާހަގަކުރެވޭ ގޮތުގައި ބިންވެރިޔާ ސްކީމްގެ ދަށުން ނުހައްގުން ގޯތިތަކެއް ލިބުނު މީހުންގެ ތެރޭގައި ފަޒީލް ވެސް ހިމެނެއެވެ. އޭރު އެ ކަންކަމާ ހަވާލުވެ ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ ފަޒީލްގެ ކޮއްކޮ އިބްރާހިމް ފަޒުލް ރަޝީދެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ ވަޒީރު ބޭފުޅެއްގެ ފެންވަރުގައެވެ. އެކަމަކު، މި ކޮރަޕްޝަންގެ ތުހުމަތުގައި އޭނާ ސަސްޕެންޑުކުރުމުން އަމިއްލައަށް ވަނީ އިސްތިއުފާދެއްވައިފައެވެ. މިދިޔަ އަހަރުގެ އޮގަސްޓު މަހު ނެރެފައިވާ ބިންވެރިޔާ ސްކީމްގެ ފައިނަލް ލިސްޓުގައި ފަޒީލްގެ ނަން އޮތް، ނަމަވެސް، އޭނާއަށް އޮތީ ޝަރުތު ހަމަނުވާ ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ސަރުކާރުން ހިންގައިފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އޭނާއަށް ކުރިން ގޯއްޗެއް ލިބިފައި އޮތުމެވެ. ފުލުހުން ބުނީ، މި މައްސަލައިގައި ފަޒީލާ ސުވާލުކޮށްފައި ވާނެ ކަމަށެވެ. ގޯއްޗަށް ޝަރުތު ހަމަނުވުމުން އެކަމުގެ ޝަކުވާ މިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީނާ ކުރެއްވި ކަމަށް ފަޒީލާ ހަވާލާދީ ފުލުހުން އޭރު ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ