މަގޫދޫ އެއާޕޯޓުގެ ފަޔާބިލްޑިންގެ ބިއްލޫރިތައް ތަޅައި، ރޯކޮށްލަން އުޅެފި

ފ. މަގޫދޫގައި ތަރައްގީކުރަމުންދާ އެއާޕޯޓަށް ގެއްލުން ދީ، އެ ތަނުގައި އަލިފާން ރޯކޮށްލުމަށް މަސައްކަތްކޮށްފިއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، މަގޫދޫ އެއާޕޯޓުގައި އިމާރާތްކޮށްފައިވާ އެއާޕޯޓު ފަޔާ އިމާރާތުގެ ވަށައިގެންވާ ބިއްލޫރިތައް ރޭގެ ވަގުތެއްގައި ތަޅާލި މައްސަލައެއް މިއަދު ހެނދުނު 7:47 ހާއިރު އެމްޓީސީސީ މަގޫދޫ ސައިޓުގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. މިހާތަނަށް ބެލި ބެލުމުން، އިމާރާތުގެ ބިއްލޫރިތައް ތަޅާލުމުގެ އިތުރުން އެ ތަނުގައި އަލިފާން ރޯކޮށްލުމަށް މަސައްކަތްކޮށްފައިވާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ބަލައި ތަހުގީގުކުރަމުންނެވެ. "ސަން"އަށް މައުލޫމާތު ދެއްވަމުން މަގޫދޫގެ ކައުންސިލަރު އަބްދުލްހަމީދު މޫސާ ވިދާޅުވީ، ފަޔާ އިމާރާތަކީ ތަންކޮޅެއް އެއާޕޯޓާ ކައިރީ އެތެރެއަށްވާ ގޮތަށް ހުންނަ ތަނެއް ކަމަށާއި، އާންމުކޮށް މީހުން އެ ސަރަހައްދަށް ގޮސް ނޫޅޭ ކަމަށެވެ. ހަމީދު ވިދާޅުވިގޮތުގައި އެ ތަނަށް ގެއްލުންދީފައި އޮތް ތަން ފެނުނީ މިއަދެވެ. އެކަމަކު އެއާޕޯޓަށް ގެއްލުންދިން މައްސަލައިގައި ޝައްކުކުރެވޭ ބަޔަކު އަދި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. "ދެން މިކޮޅުގެ ބައެއް މީހުންގެ މައުލޫމާތު ޕޮލިހުން އެބަ ނަގާ މިހާރު، މި ސަރަހައްދުގަ އޭރު އުޅުނު މީހުންގެ" ހަމީދު ވިދާޅުވިއެވެ. މަގޫދޫ އެއާޕޯޓު މަޝްރޫއަަކީ ގާތްގަނޑަކަށް 232 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. ކުރީ ސަރުކާރުން މަގޫދޫ އެއާޕޯޓު ތަރައްގީކުރުމަށް ނިންމާފައިވަނީ ޖެޓްތައް ޕާކް ކުރެވޭނެ އިތުރު ޕާކިން ސަރަޙައްދަކާއި ވީއައިޕީ ޓާމިނަލެއް ހިމެނޭ ގޮތަށެވެ. އަދި، އެ ތަނަށް ޖައްސާ ބޯޓުފަހަރަށް ތެޔޮއެޅޭނެ ފިއުލް ފާމެއް އެއާޕޯޓުގައި ގާއިމުކޮށް ޖެޓުތަކުގެ ފަޅުވެރިންނަށް މަޑުކުރެވޭނެ ހޮޓަލެއް ވެސް ތަރައްގީކުރާނެއެވެ. ނަމަވެސް މަގޫދޫ އެއާޕޯޓުގެ މަޝްރޫއު ދިގުލައިގެން ގޮސް އަދިވެސް ނުނިމެއެވެ. އެހެންވެ މަގޫދޫ އެއާޕޯޓުގެ މަސައްކަތް ލަސްވާ ސަބަބު ހޯދުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީއާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ މިދިޔަ ބުދަ ދުވަހު ނިންމައިފައެވެ. މަގޫދޫ އެއާޕޯޓުގެ މަޝްރޫއު ލަސްވާތީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު މި ފަހުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބާ ސުވާލުކުރެއްވުމުން އޭނާ އޭރު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ މި ދައުރުގެ ތެރޭ މަގޫދޫ އެއާޕޯޓުގެ މަޝްރޫއު އެއްކޮށް ނިންމާލައި ރަސްމީކޮށް ހުޅުވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ