ﷲ ތަޢާލާގެ ދީލަތިވަންތަކަމާއި މީސްތަކުންނަށް ދެއްވަވާފައިވާ ސަމާލުކަން އެނގޭނީ އެކަންކަމަށް ވިސްނާ މީހަކަށެވެ. އެކަންކަމަށް ވިސްނަން އެންމެ ބޮޑަށް ފަސޭހަވާނީ މާނައާއި ތަފްސީރު ކިޔުމުންނެވެ.
ކީރިތި ޤުރްއާނުގެ މާނަ ކިޔަމުންދާއިރު އަހުރެންނަށް އެންމެ ބޮޑަށް ރޮވޭ އެއް ސަބަބަކީ ޤުރްއާނުގައި މައިންނަށާއި އަންހެނުންނަށް ދެއްވަވާފައިވާ މަތިވެރިކަމާއި ޤަދަރު ބަޔާންކުރާ އާޔަތްތަކުގެ މާނަ ކިޔުމުންނެވެ. މައިންނަށާއި އަންހެނުންނަށް ހެޔޮކޮށްހިތަން ކުރައްވަވާފައިވާ އަމުރުފުޅުތައް އެނގުމުންނެވެ.
އެކަމުން އަހުރެންނަށް ވިސްނެނީ އަންހެނުންނަކީ ހަށިގަނޑުގެ ގޮތުން ކިތަންމެ ޟަޢީފް ބައަކަށްވީނަމަވެސް ﷲ ތަޢާލާ އަންހެނުންނަށް ލޯބިވެވޮޑިގަންނަވާ މިންވަރެވެ. ނޫންނަމަ އެވާހަކަތައް ޤުރްއާނުގެ އެތައް އާޔަތްތަކެއްގައި ތަކުރާރުކުރައްވަވާފައެއް ނުވީހެވެ.
އިސްލާމް ދީނުގެ މަތިވެރިކަމާއި ބޮޑުމިނަށް ބަލައިފިނަމަ ޤުރްއާނަކީ ވަރަށް ކުޑަކުޑަ ފޮތެކެވެ. އެފޮތުގައިވަނީ ދީނުގެ އެންމެ މުހިންމު ކަންކަމުގެ ވާހަކަތަކެވެ. ވީމާ އެންމެ މުހިންމު ކަންކަމުގެ ތެރޭގައި އަނހެނުންނަށް މިހައިބޮޑު ސަމާލުކަމެއް ދެއްވަވާފައި އޮތުމުން އަންގައިދެނީ އެކަމަށްޓަކައި ﷲ ތަޢާލާއަށް އަންހެނުން ޝުކުރުއަދާކުރަންޖެހޭ މިންވަރެވެ.
ލޮބުވެތި އުޚުތުންނޭވެ! ﷲ ތަޢާލާ އަންހެނުންނަށް ދެއްވަވާފައިވާ މަތިވެރި ޤަދަރާއި ކަރާމާތް ހިފެހެއްޓުމަކީ ކޮންމެ އަންހެނަކަށްވެސް އޮތް އެންމެ ބޮޑު އެއް މަސްއޫލިއްޔަތެވެ. ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރަންޖެހޭ އެންމެ ބޮޑު ސަބަބެވެ. ޝައިޠޯނާގެ މަގާއި ދުރުހެލިވާންޖެހޭ ސަބަބުވެސްމެއެވެ.
ޤުރްއާނަކީ ހަމައެކަނި ދެލިގަނޑު ކިޔައިލުމުން ފުދެން އޮތް ފޮތެއް ނޫނެވެ. މާނަވެސް ކިޔައި އުނގެނެން އެބަޖެހެއެވެ. ހަމައެކަނި ދެލިގަނޑު ކިޔައިލުމަކުން މިބުނި ފަދަ އިޙްޞާޞްތަކެއް ނުކުރެވޭނެއެވެ. އެކަން ޙާޞިލްކުރެވޭނީ މާނަވެސް ކިޔައި އުނގެނެން މަސައްކަތްކުރުމުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ކީރިތި ޤުރްއާނުގަ މައިންނާ އަންހެނުންނަށް ދެއްވަވާފައިވާ ސަމާލުކަން ވިސްނުމުން ޤުރްއާނުގެ މާނަކިޔާ ތަޤްވާވެރިންނަށް ވަރަށް އަސަރުކުރޭ! ރޮއި ކަރުނަވެސް އަޅާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ