މީގެ އަހަރަކަށް ވުރެ ގިނަ ދުވަސް ކުރިން މިދިޔަ އަހަރުގެ ޖޫން 27، ގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުތަކަށް ދޫކޮށްލެއްވި ޕޯސްޓެކެވެ.
ރައީސް އެ ޕޯސްޓުގައި ބަޔާންކުރެއްވީ، ދައުލަތުގެ ހަރަދު ކުޑަކުރަން ސިޔާސީ މުވައްޒަފުން މަދުކޮށް، މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބާއްވަން ނިންމާފައިވާ ކަމަށެވެ. ރައީސް މިކަން އިއުލާންކުރެއްވީ މިނިވަން ދުވަހަށް މަސް ދުވަހަށް ވެފައި ވަނިކޮށެވެ. އެހެންވެ ހަރަދު ކުޑަކޮށް މުނާސަބަތުތައް ފާހަގަކުރުމުގެ ސިޔާސަތުގެ ފުރަތަމަ ޝިކާރައަކަށްވީ ދިވެހީންގެ ފަހުރުވެރި މިނިވަން ދުވަހެވެ.
"މިގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ ހަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ވާނީ ކަމާބެހޭ ފަރާތްތަކަށް އަންގާފަ، މީގެ އިތުރަށް ވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އެޅިގެންދާނެ،" ރައީސް ލިޔުއްވާފައިވެ އެވެ.
މި ޕޯސްޓު ކުރިތާ ބަރާބަރު 387 ދުވަސް ވޭތުވެ، މި ވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ބޯމަތިވެފަަ އެވެ. އަޑު އިވެނީ މިއީ މި ރާއްޖޭގެ ތާރީހުގައި ވެސް އެންމެ "ގްރޭންޑު" ކޮށް މިނިވަން ދުވަސް ފާހަގަކުރާ ފަހަރު ކަމަށެވެ. އެކަމަކު ސަރުކާރުން އުޅެނީ މި ހުރިހާ ކަމެއް ބަނޑުދަށަށްލައި ފޮރުވައިގެން، ރައްޔިތުންނަށް "ސަޕްރައިޒެއް" ދޭން ކަމުން، ކުރާ ކަމެއް ވެސް އަދި ނުކުރާ ކަމެއް ވެސް ނޭނގެ އެވެ. ޔަގީނުން ވެސް އެނގޭ ކަމަކީ މިނިވަން ދުވަސް ފާހަގަކުރަން ލައްކަ ބައިވަރު ފައިސާ ހަރަދުކުރާ ކަމެވެ.
ނަމަވެސް، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ރައީސް އިއުލާންކުރެއްވިއިރު އޮތް ހާލަތާއި އަދުގެ ހާލަތާ އަޅާކިޔާއިރު، ބަދަލުވީ ކޮންކަމެއްތޯ އެވެ. އޭރު މާލީ ހާލަތު ގޯސްވެގެން، ހަރަދުތައް ކުޑަކުރަން މަޖުބޫރުވެގެން ފިޔަވަޅުތަކެއް އަޅަން ޖެހުނު ނަމަ، މިއަދު އެ ހާލަތު މާ ގޯހެވެ.
އޭރު ޑޮލަރެއްގެ އަގު ހުރީ 18ރ. އަށް ވެއްޖިއްޔާ މިއަދު ޑޮލަރެއް ލިބެނީ 20ރ. އަށް ވުރެ ބޮޑު ކޮށެވެ. ސަރުކާރަށް ލިބޭ ޑޮލަރު އާމްދަނީ ދުވަހުންދުވަހަށް އިތުރުވިޔަސް އާންމު މީހާ އާއި ވިޔަފާރިވެރިޔާއަށް އޮތީ ކަޅު ބާޒާރެވެ. ކުރީ އަހަރަށް ވުރެ ދައުލަތުގެ އާމްދަނީ އިތުރުވިޔަސް، އޭގެން މަންފާވެ ޖީބު ތަނަވަސްވީ ބަޔަކު ތިބީ ސަރުކާރުގެ އެތެރެކޮއިލުގަ އެވެ.
"ނެތް ފައިސާއެއް"
"ވަރަށް ދަތި"
"ހައްގު މިންވަރަކީ އަތް މަތި ހުސްވުން"
"މޮޅެއް ލިބެނީ ސަރުކާރަށް އަޅުދާސްތު ވެގެން"
މިއީ އާންމު ރައްޔިތުންގެ ޝުއޫރާއި އިހުސާސެވެ. ރައްޔިތުންގެ މި މާޔޫސްކަމުގެ ތެރޭގައި ތިއްބާ، ހުރިހާ ހަރަދެއް ސިއްރުކޮށްގެން، މިނިވަންކަން ފާހަގަކުރުމުގެ ނަމުގައި ސަރުކާރުން މި ކުރަން އުޅޭ ކަމާ މެދު ހިތްހަމަޖެހޭ މީހުންނަށް ވުރެ ގިނައީ ހިތްހަމަނުޖެހިފައި ތިބި މީހުންނެވެ.
އަހަރުގެ ފުރަތަމަ ބައި ނިމުނުއިރު، ދައުލަތަށް ލިބުނު އާމްދަނީގެ ރެކޯޑެކެވެ. އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންނަކީ ރެކޯޑެކެވެ. މީރާއިން ބަލައިގަތް ޑޮލަރު އާމްދަނީއަކީ ރެކޯޑެކެވެ. ހަރަދު ކުރުން މަޑުޖައްސާލާފައި ވާތީ، ބަޖެޓު ސާޕްލަސް ވެސް ރެކޯޑު އަދަދެކެވެ. އެކަމަކު މި ރެކޯޑުތައް މުގުރަމުން އަޔަސް ބޮޑު މަންޒަރަކަށް ބަދަލެއް ނާދެ އެވެ.
ސަރުކާރުން މި އަހަރު ފެށީ ވަރަށް އުއްމީދީ ބަޖެޓަކާއެކީގަ އެވެ. ސަރުކާރުން ބޭނުންވި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަސުޕާ މެޖޯރިޓީ ދީފައި އޮތުމުން، ތައްޔާރުކުރީ ސަރުކާރުން ބޭނުންވާ ސަރުކާރުގެ ބަޖެޓެކެވެ. އެ ބަޖެޓުގައި އޮތް އެންމެ ބޮޑު މާލީ އިސްލާހަކީ ނޫނީ ފިސްކަލް ކަރެކްޝަނަކީ، ސަރުކާރުގެ ހޯމް ގްރޯން ރިފޯމް އެޖެންޑާ ނޫނީ ހަރަަދު ކުޑަކުރުމުގެ ޕްލޭނެވެ.
މިއީ އިސްރާފު ހަރަދުތައް ކުޑަކޮށް، ދައުލަތުގެ ހަރަދުތަކުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރަން ސަރުކާރުން އެކުލަވާލީ ޕްލޭނެކެވެ. ސަރުކާރުގެ ބަހުން ނަމަ، އެ ޕްލޭނަކަށް ބޭރުގެ މާލީ އިދާރާތަކާއި އިންވެސްޓަރުންގެ ތައުރީފާއި ތަރުހީބާއި ތާއީދު ލިބިފައި އޮތް، ދެވަނައެެއް ނެތް ޕްލޭނެކެވެ. އެހާ ވެސް ފުރިހަމަ އެވެ.
މި ބުނާ އެޖެންޑާގައި އޮތީ، ސަބްސިޑީ ބޭނުންވާ މީހާއަށް ދިނުމާއި ފޫގޮސްފައި އޮތް އާސަންދައިގެ ހުރި ބާގަނޑުތައް ބެއްދުމާއި ދައުލަތުގެ ތިޖޫރީގައި ބަގުޑިބައްދައިގެން ތިބި ސަރުކާރު ކުންފުނިތައް އަމިއްލަ ފައިމައްޗަށް ކޮޅަށް ޖެހުމުގެ އިތުރުން ހަތަރު ފަސް ތަނުން ޕެންޝަން ލިބޭ ގޮތަށް އޮތް ޕެންޝަން ނިޒާމު ބަދަލުކުރުމެވެ. ބަޖެޓުގައި މި ކަންކަން ކުރަން އެކި ތާރީހުތައް ކަނޑައެޅި އެވެ.
ނަމަވެސް އަހަރުގެ ހަ މަސް ވޭތުވެގެން ދިޔައިރު، މި ބުނާ ރިފޯމް އެޖެންޑާގައި ހުރި ގިނަ ކަންކަން ބޮލާލައި ޖަހައިފި އެވެ. ދެވަނަ ކުއާޓަރުގައި ޓާގެޓު ކުރަން ބުނި ސަބްސިޑީ ޓާގެޓުކުރުން "ކެންސަލް" އެވެ. ސަރުކާރު ކުންފުނިތަކުގެ ރިފޯމް ދަނީ ފިނިހަކަ ދުވެލީގަ އެވެ. އާސަންދައިގެ ހަރަދު ހުރީ އިހުނަށް ވުރެ ބޮޑުކޮށެވެ. ޑަބަލް ޕެންޝަން އުވާލުން ވެސް "ކެންސަލް" އެވެ.
ރިފޯމް އެޖެންޑާ ތަންފީޒުނުކުރިޔަސް ސަރުކާރުން ވަނީ ހަރަދުތައް ކުޑަކޮށްފަ އެވެ. އެކަން ކުރީ އެއްކަލަ ސަރުކާރުން ބޭނުންވި ގޮތަށް ތައްޔާރުކުރި ބަޖެޓުގައި، އުމްރާނީ ތަރައްގީއަށް ބަޖެޓު ކުރި ފައިސާ، ހަރަދުކުރުން ހުއްޓާލައިގެންނެވެ. އެހެން ގޮތަކުން ބުނާނަމަ އިސްރާފަށް "ޔެސް" ބުނެ، އިސްލާހުތައް "ކެންސަލް" ކޮށް، ސަރުކާރުން ހުއްޓުވާލީ ރަށްފުށުގެ ތަރައްގީ އެވެ.
މިކަމާ ގުޅޭ ގޮތުން "އަދަދު" އާ ވާހަކަ ދައްކަވަމުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މިއީ ސަރުކާރުގެ ނުކުޅެދުމުގެ ނަތީޖާ ކަމަށެވެ. އަދި މާލީ ހާލަތަށް އެއްވެސް ބަދަލެއް ނާންނަނީސް ބައިވަރު ފައިސާތަކެއް ހަރަދުކުރަން ފޫގަޅަމުން ސިފަވަނީ، ސަރުކާރުގެ ވެރިން "އިގްނޮރަންސް އިސް ބްލިސް" ގެ ތެރޭގައި ތިބެގެން ގޮތް ނިންމަމުންދާ ކަން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްވެސް ޕްރޮޖެކްޓެއް ކުރިއަށް ނުދޭ. ރާއްޖެ ތެރޭގެ ރަށްރަށުގައި ހުރި ޕްރޮޖެކްޓުތައް ވެސް ހުއްޓިފައި. ހަމައެކަނި މުސާރަ ދިނުމާއި ސަރުކާރު ހިންގުމަށް ކުރަން ޖެހޭ ހަރަދާ ދަރަނި އަދާކުރުމުގެ މަސައްކަތް އެކަނި ކުރަމުން ދަނީ," އަމީރު ވިދާޅުވި އެވެ.
މިކަމުގައި ސަރުކާރުގެ ބަހެއް ހޯދަން ވެސް މަސައްކަތް ކުރީމެވެ. އެކަމަކު ރަސްމީ ގޮތެއްގައި މިކަމުގައި ބަސް ބުނާނެ ވަރުގެ އެއްވެސް އޮފިޝަލަކާ ވާހަކަ ދެއްކޭ ވަރެެއް ނުވި އެވެ. ނުރަސްމީކޮށް މައުލޫމާތު ދިން އޮފިޝަލެއް ވެއްޖިއްޔާ ވެސް މަސައްކަތް ކުރީ، "ގައުމިއްޔަތު" ގެ ޓެގު އަޅުވައި މި ހަރަދަކީ ކޮންމެހެން ކުރަން ޖެހޭ ހަރަދެއް ކަން ދެއްކުމަށެވެ.
އެކަމަކު ނޫނެކެވެ. މާލީ ހާލަތަށް ރަނގަޅު ބަދަލެއް ނާންނަނީސް، އިސްރާފުގެ ތެރެއަށް ފެތޭ ގިނަ ހަރަދުތަކެއް ކޮށްގެން ސަރުކާރުން މިނިވަން ދުވަސް ފާހަގަކުރަން އުޅޭއިރު، އެއީ ހަމަ ސީދާ އިސްރާފެވެ. ސީދާ ސަރުކާރުގެ ސިޔާސަތާ ވެސް ހިލާފަށް ކުރާ ކަމެކެވެ. ފައިސާތައް ތިޔަ ބުރުއްސާރަނީ ހަވަ އާއި މަޖަލަށެވެ. މިކަން ގަބޫލުކުރަން ބޭނުން ނުވަނީ ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ މީހުން އެކަންޏެވެ.
މާލީ ދަތިކަމުގައި ފައިސާ ބުރުއްސާލަނީ މަޖަލާއި ހަވައަށް މާލީ ދަތިކަމުގައި ފައިސާ ބުރުއްސާލަނީ މަޖަލާއި ހަވައަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ