ސިފައިންގެ ކުލަބު އަތުން ހެލްޕް ނޭޕާލަށް އުނދަގޫ މޮޅެއް

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) ގެ ފިރިހެން ކުލަބު ޗެމްޕިއަނުންގެ މެދުގައި ކުރިއަށްގެންދާ ޗެމްޕިއަންސް ލީގުގައި ރާއްޖޭގެ ލީގު ޗެމްޕިއަން ދިވެހި ސިފައިންގެ ކުލަބު އަތުން ނޭޕާލުގެ ލީގު ޗެމްޕިއަން ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު މޮޅުވެއްޖެއެވެ. ސޯޝަލް ސެންޓަރު އިންޑޯގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މި މެޗު ނޭޕާލް ކާމިޔާބުކުރީ 3-2 ސެޓުންނެވެ. މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ތަފާތު ކުޅުމެކެވެ. ރާއްޖޭގެ ސިފައިންގެ ކުލަބާއި ހެލްޕް ނޭޕާލް ބައްދަލުކުރި މެޗް: ވާދަވެރި ކުޅުމަކަށް ފަހު މި މެޗް ކާމިޔާބު ކުރީ ނޭޕާލް ޓީމުން-- ސަން ފޮޓޯ: މޫސާ ނަދީމް މެޗުގެ ފުރަތަމަ ދެ ސެޓު ހެލްޕް ނޭޕާލުން ކާމިޔާބުކުރީ 33-21 އަދި 25-20 އެވެ. ނަމަވެސް ޖެހިގެންއައި ތިންވަނަ ސެޓާއި ހަތަރުވަނަ ސެޓު ސިފައިން ވަނީ 25-22 އަދި 25-01 އިން ކާމިޔާބުކޮށްފައެވެ. ކޮންމެ ޓީމަކަށް ދެ ސެޓު ލިބުމުން ނަތީޖާ ނެރުނީ ފަސްވަނަ ސެޓެއް ކުޅެގެންނެވެ. މި ސެޓު ނޭޕާލުން ކާމިޔާބުކޮށްގެންނެވެ. އެއީ 08-15 އިންނެވެ. މެޗުގެ ކުރިން މުބާރާތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިއު އެވެ. ރޭގެ މެޗުގައި ނޭޕާލު ޓީމަށް ސަޕޯޓް ކުރާ ސަޕޯޓަރުން: މި މެޗް ކާމިޔާބު ކުރީ ނޭޕާލް ޓީމުން-- ސަން ފޮޓޯ: މޫސާ ނަދީމް މުބާރާތުގައި ހުކުރު ދުވަހުވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެއެވެ. އެގޮތުން ތިން މެޗު ވަނީ ތާވަލުކޮށްފައެވެ. ކާވާ މެންސް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް އޭވީސީ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިގެންދާނެއެވެ. އަދި އެ މުބާރާތުގެ އެއްވަނަ ޓީމަށް ވޮލީގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕުން ޖާގައެއް ކަށަވަރުވެގެންދާނެއެވެ. އެހެންކަމުން މި މުބާރާތް ވެގެންދާނީ އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕަށް ހުޅުވިގެންދާ ފަހި ފުރުސަތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ