އިދިކޮޅު އެމްޑީޕީއަށް ތާއީދު ކުރާތީ މ. ދިއްގަރު ފެނަކަ ބްރާންޗުގެ ދެ މުވައްޒަފުން 30 ދުވަހަށް ސަސްޕެންޑުކޮށްފި އެވެ.
ފެނަކައިން ސަސްޕެންޑު ކޮށްފައި ވަނީ ދިއްގަރު ފެނަކަ ބްރާންޗުގެ އެސިސްޓެންޓު މެނޭޖަރު، ޒޫބީން ހަސަން އާއި އެ ބްރާންޗުގެ ސްޓޭޝަން މެނޭޖަރު، މުހައްމަދު ސޯދިގު އެވެ. ސަސްޕެންޑު ކުރިކަން އަންގައި އެ ދެ މީހުންނަށް ދީފައިވާ ލިޔުމުގައި ބުނެފައި ވަނީ އެމީހުން ސަސްޕެންޑު ކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ މައްސަލައިގެ ތަފުސީލެއް ލިޔުމުގައި ނެތެވެ. އެ ދެ މީހުން ވެސް ސަސްޕެންޑު ކޮށްފައި ވަނީ މުސާރަ ހިނގާ ގޮތަށެވެ.
ނަމަވެސް އަދަދު އިން ސުވާލު ކުރުމުން ޒޫބީން ވިދާޅުވީ ސަސްޕެންޑު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ސަސްޕެންޑު ކުރީ ކޮން ސަބަބަކާ ހުރެކަން ވެސް ނޭނގޭ ކަމަށެވެ.
"ސަސްޕެންޑު ކޮށްލައިފި އެއް މަސްދުވަހަށް ބަލަމުންދާ މައްސަލައަކާ ގުޅިގެން، ދެން އެ މައްސަލައަކީ ކޮބައިކަމެއް ނުބުނެދެވޭ، ދެން އަދި މިހައިތަނަށް އައި އިރުގައި ކުންފުނީގައި ހަތަރު އަހަރުވީއިރުގައި އެއްވެސް ކަހަލަ އަހުލާގީ މައްސަލައެއް އައިސްގެން ވާނިން ލެޓާއެއް އެއްވެސް އެއްޗެއް އަދި ނާދެ،" ޒޫބިން ބުންޏެވެ.
އެނާ ބުނީ މި ސަރުކާރު ވެރިކަމަށް އައިފަހުން ދެ ފަހަރެއްގެ މަތިން އެ ބްރާންޗު ހިންގުމާ ވެސް ހަވާލުވި ކަމަށެވެ. އަދި ކުންފުނީގެ އެންމެހައި މަސައްކަތްތަކަށް މިހައިތަނަށް ވެސް ފުރިހަމައަށް އެއްބާރުލުން ދީފައިވާނެ ކަމަށް ޒޫބިން ބުންޏެވެ.
"ގަބޫލު ކުރެވެނީ ހަމަ ސިޔާސީ ފިކުރު ތަފާތުވީމާ ސިޔާސީ ގޮތުން އައިސްފައި އޮތް އެއްޗެއް ކަމަށް... ސިޔާސީ ގޮތުން އެމްޑީޕީގައި އަޅުގަނޑު އިންނާނީ، ދެން އަޅުގަނޑަށް އައި [ޕީއެންސީ] ޕާޓީއަށް ވަންނަން ވެސް ފުރުސަތު ދިން އެމީހުން، ޕާޓީއަށް ވަދެގެން ކުރިއަށް ދާން، ދެން އެކަމަކު އަޅުގަނޑު އޭތި ރިޖެކްޓު ކުރީ، އެއީ މީގެ ގާތްގަނޑަކަށް ދެ މަސް ކުރިން،" ޒޫބިން ބުންޏެވެ.
އެކަމާ ގުޅިގެން ބަހެއް ހޯދަން ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ ސޯދިގުގެ ބަހެއް ނުލިބެ އެވެ. ނަމަވެސް ސޯދިގު އަކީ ވެސް އެމްޑީޕީއަށް ތާއީދުކުރާ މީހެއް ކަމަށް އެ ރަށުން އަދަދު އަށް މައުލޫމާތު ދިނެވެ.
ދިއްގަރު ފެނަކައިގައި މަސައްކަތް ކުރާ ދެ މުވައްޒަފުން ސަސްޕެންޑު ކޮށްފައިވާއިރު، ސަރުކާރަށް ފާޑުކިޔާތީ ށ. ޅައިމަގު ފެނަކައިގައި މަސައްކަތް ކުރާ ދެ މުވައްޒަފުން ވެސް މިދިޔަ ބުދަ ދުވަހު ވަނީ ސަސްޕެންޑު ކޮށްފަ އެވެ.
އެ ރަށު ފެނަކަ ބްރާންޗުގެ ސްޓޭޝަން މެނޭޖަރު، އާދަމް ރައުފް އާއި ޑެޕިއުޓީ ސްޓޭޝަން މެނޭޖަރު، މުހައްމަދު ޝަފީއު ވެސް ސަސްޕެންޑު ކުރީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ. ނަމަވެސް އޭގެ ތަފުސީލެއް ފެނަކައިން ހާމައެއް ނުކުރެ އެވެ.
އެމްޑީޕީއަށް ތާއީދުކުރާތީ ފެނަކަ ދިއްގަރު ބްރާންޗުގެ ދެ މުވައްޒަފުން ސަސްޕެންޑުކޮށްފި އެމްޑީޕީއަށް ތާއީދުކުރާތީ ފެނަކަ ދިއްގަރު ބްރާންޗުގެ ދެ މުވައްޒަފުން ސަސްޕެންޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ