ކުރިއަށްމިއޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެކަމަށް ބެލެވޭތީ، މާލޭގެ އެކި ސަރަހައްދުތަކުގައި އާންމު ރައްޔިތުން ބޮޑު ވިއްސާރައިން ލިބިދާނެ ގެއްލުންތަކަށް ތައްޔާރުވާން ވެލިބަސްތާ ޖަހަމުން ދާއިރު, ރައީސް މުއިއްޒު ގެންދަވަނީ އެސްޓޯނިއާއިން ލިބުނު ދައުވަތަކަށް އެގައުމަށް ވަޑައިގެން, އެގައުމުގެ ރީތި މަންޒަރުތަކާއި ތާރީޚީ ތަންތަން ބައްލަވާ ލެއްވުމަށް އެގައުމަށް ޒިޔާރަތް ކުރައްވަމުންނެވެ.
ރައީސް މުއިއްޒު އެސްޓޯނިއާށް ފުރާވަޑައިގެންނެވުމުގެ މާކުރިންވެސް މި ހަފްތާގައި ރާއްޖެއަށް ވަރަށް ބޮޑަށް ވިއްސާރަ ކުރާނެކަމުގެ އިންޒާރު މެޓް އޮފީހުން ވަނީ ދީފައެވެ. އަދި ފުލުހުންނާއި ސިފައިންވެސް ވަނީ ވިއްސާރާގައި ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ވެލިބަސްތާތައް ޖެހުމަށް އާންމު ރައްޔިތުންނަށް އިލްތިމާސްކޮށް, ޚާއްސަ ޓާސްފޯސްތައްވެސް އެކުލަވާލާފައެވެ.
ހަމައެއާއެކު, އެތަކެއް އާންމު ރައްޔިތުންނެއްވެސް ދަނީ އެމީހުން ގެދޮރު ސަލާމަތް ކުރުމަށް ސަލާމަތީ ފިޔަވަޅުތައް އަޅަމުންނެވެ.
އެހެންނަމަވެސް, ވިއްސާރަވެ އާންމު ރައްޔިތުންގެ ގެދޮރަށް ގެއްލުން ލިބިދާނެ ކަމުގެ އިންޒާރު މެޓް އޮފީހުން ދުރާލާ ދީ, އަދި އިދާރާތަކުންވެސް އެކަމުގެ ކަންބޮޑުވުން ފާޅުކޮށް, ޓާސްކްފޯސްތައް އެކުލަވާލަމުން ދާއިރުވެސް, ގައުމުގެ ހާލަތު ވަލިއްޔުލްއަމުރަށް ބޮޑެއް ނުވިއެވެ. ބޭނުން ފުޅުވީ, ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލްކަން ނެތް ގައުމަކުން ލިބުނު ދައުވަތެއްގައި, އެގައުމަށް ވަޑައިގެން ޗުއްޓީ ހޭދަކޮށްލާ, އެގައުމުގެ ރީތި މަންޒަރުތަކާއި ތާރީޚީ ތަންތަނަށް ޒިޔާރަތް ކޮށްލައްވާށެވެ.
މިއީ ގައުމުގެ ހަގީގީ ހާލަތާމެދު ގައުމުގެ ވަލިއްޔުލްއަމުރުގެ ހިތްޕުޅުގަ އެއްވެސް ކަންބޮޑުމެއް ނެތްކަން ދޭހަކޮށްދޭ ކަމެއްކަމުގައި ގިނަބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ. އަދި މި ދަތުރުފުޅުގައި މުއިއްޒު ވަޑައިގެންނެވީ ސަރުކާރުގެ އިސްވެރިންގެ ބޮޑު ވަފުދަކާވެސް އެކީގައެވެ.
ރައްޔިތުންނަށް ކުރިމަތިވާ ކާރިސާތަކާއި ދަތި އުދަގީތަކުން ސަލާމަތް ކުރުމަށް އިސްކަން ދިނުމުގެ ބަދަލުގައި, އަމިއްލަ އުފަލަށް ދުނިޔޭގެ އެތަން މިތަނަށް ދަތުރު ކުރެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ މުއިއްޒު ވަނީ, ރާއްޖޭގެ އެއްވެސް ރައީސަކު ދަތުރުފަތުރަށް ޚަރަދު ނުކުރާ މިންވަރަށް މިހާތަނަށް މާލިއްޔަތުން ޚަރަދު ކޮށްފައެވެ. އެހެންނަމަވެސް މިހާތަނަށް މިދަތުރުތަކުން ގައުމަށް ލިބުނު މާލީ އެއްވެސް މަންފާއެއް ފެންނާކަށް ނެތެވެ.
ބޮޑު ތޫފާނަކާ ކުރިމަތިލާން ރައްޔިތުން ވެލި ބަސްތާތައް ޖަހަން ދޫކޮށްލުމަށްފަހު, ލިބުނު ދައުވަތެއްގައި މުއިއްޒު އެސްޓޯނިއާގައި ޗުއްޓީ ހޭދަ ކޮށްލާ, އެގައުމުގެ ރީތި މަންޒަރުތައް ދެކިލުމުގައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ