ކުރިން ވެސް ގޯތި ލިސްޓް ބޭއިންސާފު، ރަނގަޅު ތަހްގީގަކަށް އުއްމީދު ކުރަން - ނަޝީދު

މާލޭ ސަރަހައްދުން ގޯތި ދިނުމަށް އެމްޑީޕީ ސަރުކާރުން ހެދި ގޯތި ލިސްޓް ފުރަތަމަ ވެސް އޮތީ ބޭއިންސާފު ކަމަށާއި ފުލުހުން މިހާރު ފަށާފައިވާ ތަހްގީގު ރަނގަޅަށް ކުރިއަށް ގެންގޮސް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މައުރޫފް ޖަމީލް ކަންކަން ރަނގަޅު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުރީ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންގެ ލިސްޓުގައި ނުހިމެނޭ ބައެއް ފަރާތްތަކަށް ގޯތި ދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވެ އެކަމާއި ގުޅިގެން ސަސްޕެންޑުކުރި ފަހުން ފަޒުލް ރަޝީދު ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުން އިސްތިއުފާ ދީފައެވެ. އެ މަގާމަށް ކުރީގެ މިނިސްޓަރު މައުރޫފް ޖަމީލް އައްޔަން ކުރެއްްވީ އިއްޔެއެވެ.
ރައީސް ނަޝީދު އެކްސްގައިކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނުހައްގުން ގޯތި ބަހާފައިވާ މައްސަލައާ ގުޅޭގޮތުން ދަންނަވަން އޮތީ ނިމުނު އެމްޑީޕީ ވެރިކަމުގައި ވެސް ވިދާޅުވި ވާހަކަ ކަމަށާއި، މީގެކުރިންވެސް ލިސްޓު ހަދާފައިވަނީ ބޭއިންސާފުން އެތައް ބަޔަކަށް ގޯތި ލިބޭ ގޮތަށް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި މިފަހަރު އަނެއްކާވެސް އެ ބޭއިންސާފަށް އިތުރު ބޮޅެއް ވަނީ އެކުލަވާ ލެވިގެން ގޮސްފައެވެ. ނަމަވެސް ކުރީގެ ވެރިކަމާއި ޚިލާފަށް އެ މައްސަލަ މި ސަރުކާރުން ތަހުގީގު ކުރަން ފަށާފައިވާ ކަން ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.
"ނަމަވެސް މި ފަހަރު މިވަނީ މި މައްސަލަ ތަހުގީގު ކުރަން ފަށައި، އެޗްޑީސީގެ ވެރިން ބަދަލު ކޮށްފައި"، ނަޝީދު ވިދާޅުވިއެވެ.
މި މައްސަލައިގެ ރަނގަޅު ތަހުގީގެއް ފުލުހުން ހިންގާނެ ކަމަށާއި އެޗްޑީސީގެ އައު އެމްޑީ މައުރޫފް އެންމެހާ ކަންކަން އިސްލާހު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާކަމުގައި ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެޗްޑީސީ ފުރައްތަމަ އުފައްދާ ހުޅުމާލޭގެ ޕްލޭން ތައްޔާރު ކުރެއްވުމުގައި އިސްކޮށް ހަރަކާތްތެރިވި މައުރޫފް ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗަރގެ މަގާމު އަދާކުރައްވާފައެވެ.
އެޗްޑީސީގެ މައްސަލައާ ގުޅޭގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުގެ އެއްވެސް ކުންފުންޏެއްގައި ވެސް އަދި އެއްވެސް މިނިސްޓްރީ އެއްގައިވެސް ކޮރަޕްޝަނަށް މަގުފަހިވާނެ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ހުރިހާ ކުންފުނިތަކަށް ބޭނުންވަނީ މައުރޫފް ކަހަލަ ނަޒާހާތްތެރި ބޭފުޅުންކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވަނީ މައުރޫފަށް ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ