ސަރުކާރުގެ ވިޔަފާރި ކުންފުނި, އެސްޓީއޯގެ ދަށުން ހިންގާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ބޯޑުން މަޖުބޫރުކޮށްގެން, އެ ކުންފުނީގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރި ވެރިންތަކެއް އިސްތިއުފާ ދީފި އެވެ.
ނަން ނުޖަހާ ގޮޮތަށް މި ކަމުގެ މައުލޫމާތު "އަދަދު" އާ ހިއްސާކުރި މަސްދަރުން ބުނި ގޮތުގައި އެފްއެސްއެމްގެ ބޯޑުން އިސްތިއުފާ ދޭން އެންގުމާ ގުޅިގެން ތިން ޑިޕާޓްމަންޓެއްގެ ވެރިން ވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި އިސްތިއުފާ ދީފަ އެވެ.
އިސްތިއުފާ ދިން ވެރިންނަކީ އެޑްމިން ސްޓޭޝަން ހެޑު މުހައްމަދު ސައީދާއި އިންޖިނިއަރިން ހެޑު ޝާމިއު އަލީ އާއި ހިއުމަން ރިސޯސް ހެޑު ފާތިމަތު ޝައިލާ އެވެ. މީގެ ތެރެއިން ޝާމިއު އާއި ޝައިލާއަކީ އެފްއެސްއެމްގައި މަސައްކަތް ކުރާތާ 22 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މުވައްޒަފުންތަކެކެވެ.
މި ނޫހަށް މައުލޫމާތު ދިން މަސްދަރުން ބުނީ މުހައްމަދު ސައީދަށް އިސްތިއުފާ ދޭން ބޯޑުން އެންގީ އޭނާ މަސައްކަތް ކުރަމުން އައި ޑިޕާޓުމަންޓު އުވާލާފައިވާ ކަމަށް ބުނެ އެވެ. ޝާމިއު އާއި ޝައިލާއަށް ބޯޑުން އެންގީ ވަޒީފާއިން ވަކިކުރުމުގެ ކުރިން އިސްތިއުފާ ދިނުމަށެވެ.
ބޯޑުން މި އެންގުން އައުމުގެ ކުރިން, އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިކޮށް ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ދިން ކަމަށް ވެސް އެ މަސްދަރުން ބުންޏެވެ. އަދި މި ކަންކަން ފެށުނީ ސަރުކާރު ބަދަލުވެ, އާ މެނޭޖުމަންޓުން ކުންފުންޏާ ހަވާލުވީ ފަހުން ކަމަށް ވެސް އެ މީހާ ބުންޏެވެ.
އެފްއެސްއެމް ޑިޕާޓުމަންޓުތަކުގެ ވެެރިންގެ ވަޒީފާގެ އެއްބަސްވުންތަކުގެ ދަށުން, އެހެން މުވައްޒަފުންނާ ހިލާފަށް, ވަޒީފާއިން ވަކިކުރުމުގެ ބާރު ކުންފުނީގެ ބޯޑަށް ލިބެ އެވެ. މި އެންމެން ވެސް އިސްތިއުފާ ދިނީ މި ގޮތް އިހުތިޔާރު ނުކޮށްފި ހާލަތެއްގައި ވަޒީފާއިން ވަކިކުރާނެ ކަމަށް ބޯޑުން އެންގުމާ ގުޅިގެންނެވެ.
މިކަމާ ގުޅޭ ގޮތުން "އަދަދު" އިން ސުވާލުކުރުމުން އެފްއެސްއެމްގެ ބެލެނިވެރި ކުންފުނި, އެސްޓީއޯގެ މީޑިއާ އޮފިޝަލް ޔޫސުފް ޝާހު ވަނީ އިސްތިއުފާ ދިން ކަން ކަށަވަރުކޮށްދެއްވާފަ އެވެ. އަދި ވިދާޅުވީ, މި އެންމެން ވެސް އިސްތިއުފާ ދިނީ ރިޓަޔަމަންޓު ޕެކޭޖެއް ނަންގަވައިގެން ކަމަށެވެ.
އެފްއެސްއެމްގެ ވެރިންތަކަކަށް އިސްތިއުފާ ދޭން ބޯޑުން މަޖުބޫރުކުރިއިރު, އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ސުހައިލް ވެސް ވަނީ މިދިޔަ ނޮވެމްބަރުގައި އިސްތިއުފާ ދެއްވާފަ އެވެ.
ސުހައިލު އިސްތިއުފާ ދެއްވީ އެފްއެސްއެމްގެ ތެލުން ވައްކަން ކުރި މައްސަލަތަކެއް ބަލަމުން ދިޔަ ދަނޑިވަޅެއްގަ އެވެ. އޭނާ ވެސް އިސްތިއުފާ ދިނީ ވަކިކުރަން މަސައްކަތް ފަށާފައި ވަނިކޮށެވެ.
ސުހައިލުގެ އިސްތިއުފާއާ ވެރިންގެ އިސްތިއުފާއާ އެއްވެސް ގުޅުމެއް އޮއްތޯ ސުވާލުކުރުމުން މި ނޫހަށް މައުލޫމާތު ދިން މީހާ ބުނީ ސުހައިލުގެ ފަރާތުން ވެސް އެ މީހުންނަށް ފިއްތުންތަކެއް ކުރިމަތި ކުރުވި ކަމަށެވެ. ނަމަވެސް އެ ކަމުގެ ތަފުސީލުތަކެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
އެފްއެސްއެމްގެ ތެލުގެ ވައްކަމުގެ މައްސަލަ މިހާރު ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. މި ވައްކަމުގެ ތެރެއިން އެތައް ބަޔަކު މަންފާ ހޯދައި ނުހައްގު ތަނަވަސްކަން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭއިރު, މިކަމުގައި އަމަލީ ގޮތުން އިސްކޮށް އުޅެނީ ތެޔޮ ބާޖެއްގެ ކައްޕިއެއް ކަމަށް މީގެ ކުރިން "އަދަދު" އިން ވާނީ ރިޕޯޓުކޮށްފަ އެވެ.
ތެޔޮ ވަގަށް ވިއްކުމުގައި އިސްކޮށް އުޅުނީ ބާޖު ކައްޕި ކަމަށް ތުހުމަތުކުރެވުނަސް, މިކަން ކުރަމުން އައީ ވެރިންނަށް ބައިއަޅައިގެން ގިނަ ބަޔެއްގެ ބައިވެރިވުމާއެކީ ކަމަށް އެ ވައްކަމުގެ މައުލޫމާތު ދިން މަސްދަރުތަކުން ބުނެފައިވެ އެވެ. މި މައްސަލައިގެ ތެރެއިން އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.
އެފްއެސްއެމްގެ ބޯޑުން މަޖުބޫރުކުރުވައިގެން ދުވަސްވީ ވެރިންތަކެއް އިސްތިއުފާ ދީފި އެފްއެސްއެމްގެ ބޯޑުން މަޖުބޫރުކުރުވައިގެން ދުވަސްވީ ވެރިންތަކެއް އިސްތިއުފާ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ