ޣައްސާން އިންޑިއާއަށް ގެންދަނީ ކުޑަކަކޫ ޖައްސުވަން: ޔާމީން

ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އިންޑިއާއަށް ގެންދަނީ ކުޑަކަކޫ ޖައްސުވަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫން ވިދާޅުވެއްޖެ އެވެ.ޕީއެންއެފްގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގެ އިސްވެރިން އިންޑިއާ އައުޓް ކެމްޕޭނާއި ފެޔަށް ޖެހުމުން ހާމަވަނީ އެ ބޭފުޅުންގެ ހުރި މުނާފިގުކަން ކަމަށާއި ރާއްޖޭގެ އިސްތިގުލާލު ދެމެހެއްޓުމުގައި އެ ބޭފުޅުންގެ އެއްވެސް އިހުލާސްތެރި ކަމެއް ނެތްކަން ކަމަށެވެ."މާދަން ކަން ނޭނގޭ ޣައްސާން އެދަނީ (އިންޑިއާ އަށް)، ތަހުގީގަށް ހާޒިރު އެކުރަނީ. ކުޑަކަކޫ ޖައްސަން ގެންދަނީ އިނގޭތޯ،" ޔާމީން ވިދާޅުވި އެވެ.އިންޑިއާގެ ވިއޯން ނޫޙުން ރިޕޯޓްކޮށްފައިވާ ގޮތުން ޣައްސާން އިންޑިއާއަށް ވަޑައިގަންނަވަނީ މިމަހުގެ 7-8 އަށެވެ. ރައީސް ޔާމީން އިތުރަށް ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭނަކީ އެމަނިކުފާނު އިސްވެ ހުންނަވައިގެން ފެއްޓެވި ކެމްޕޭނެއް ކަމަށާއި އެ ކެމްޕޭނުގައި މި ސަރުކާރުގައި ތިބި އިސް ފަރާތްތަކުން އޭރު ބައިވެރިވީ މަޖުބޫރު ކަމެއް ނެތި ކަމަށެވެ. އަދި މިއަދު މި ކަންކަމުން ފެޔަށް ޖެހިވަޑައިގަންނަވަން މަސައްކަތް ކުރި ނަމަވެސް އިންޑިއާ ރައްޔިތުން ކަންކަން ހަނދާން ނުނެތޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.ރައީސް ޔާމީން ވިދާޅުވީ މިފަދަ ކަންކަމުން ހާމަވެގެންދިޔައީ ދިވެހި ހާރިޖީ ސިޔާސަތުގެ އެއްވެސް ހަރުދަނާކަމެއް ނެތްކަން ކަމަށެވެ. އަދި ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށް ބުނި ނަމަވެސް ރާއްޖޭގެ ހާރިޖީ ސިޔާސަތާއި ދާހިލީ ސިޔާސަތު މިނިވަން ނޫން ކަމަށާއި މިނިވަން ނަމަ ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ނުތިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ