އަބްދުﷲ ގާޒީ ރަހީނުކުރި މައްސަލައިގައި ރައީސް ނަޝީދަށް ދައުވާކޮށްފަ އޮތީ ސިޔާސީ ގޮތަކުން ނޫން: ތޯރިގް

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ރަހީނުކުރި މައްސަލައިގަ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް އޭރު ދައުވާކޮށްފަ އޮތީ ސިޔާސީ ގޮތަކުން ނޫން ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް ވިދާޅުވެއްޖެއެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިފައިވާގޮތް ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މެމްބަރު ހުށަހަޅުއްވާފައިވާ ބިލަށް ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ 2008ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިވަޑައިނުގަތް ކަމަށާއި ފަނޑިޔާރު ގޭގެ ނުފޫޒު ފޯރުވާ ކޮންޓްރޯލެއްވެސް ނުލިބުނު ކަމަށެވެ.
އަދި ސަބަބުތަކެއް މެދުވެރިކުރުވުމަށް ފަހު ކްރިމިނަލް ކޯޓުގެ އިސް ފަޑިޔާރު އަބްދުﷲ ގާޒީ ރަހީނުކުރި ކަމަށްވެސް މެމްބަރު ތޯރިގް ވިދާޅުވިއެވެ.
މެމްބަރު ތޯރިގް ވިދާޅުވީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓު ނިނުމަށްފަހު ހުވާކުރުމުގެ ކުރިން މަޖިލީހަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ރައީސް ނަޝީދަށް 12އަހަރުގެ ޖަލު ހުކުމެއް އައި މައްސަލަ ބެލުމަށް މަޖިލީހުން ސުޕްރީމް ކޯޓަށް ދެންނެވި ކަމަށެވެ.
އަދި އެ މައްސަލައިގެ ބަހުސް ހިނގަމުން ދަނިކޮށް އެ މައްސަލަ އަލުން ބެލުމަށް ސުޕްރީމް ކޯޓަށް ޕީޖީ ބިޝާމް ސިޓީއެއް ފޮނުވި ކަމަށާއި އެ ސިޓީގައި އޮތީ ރައީސް ނަޝީދުގެ މައްސަލަ ބަލާފަ އޮތީ އިޖުރާޢަތްތައް ފުރިހަމަނުވާތީ އެ މައްސަލަ އަލުން ބެލުމަށް ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ ރައީސް ނަޝީދު އަބްދުﷲ ގާޒީ ވަގަށް ނެގި މައްސަލަ ބަލައި އަދި ނުނިމޭ ކަމަށާއި ޖޭއެސްސީގެ ކަންތައްތައް ހިނގަނީ ރަނގަޅަށް ނޫން ކަމަށެވެ.
ތޯރިގް ވިދާޅުވީ ގާނޫނީ އަސާސީއަށް ދިމާވެފައިވާ މައްސަލައަށް ގިނަ މެމްބަރުން ވާހަކަ ނުދައްކާ ކަމަށާއި މެމްބަރުން ގިނައިން ދެއްކީ ސިޔާސީ ވާހަކަ ކަމަށެވެ.
އެގޮތުން ބައެއް މެމްބަރުން ވަނީ މިވަގުތަކީ ގާނޫނު އަސާސީ ބަދަލުކުރަން ޖެހޭ ވަގުތު ނޫން ކަން ފާހަގަކުރައްވާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މެމްބަރު ހުށަހެޅުއްވި ބިލުގައި އޮތީ ޖޭއެސްސީގައި ސިޔާސީ ހަތަރު ބޭފުޅުން ނުތިއްބަވާ ގޮތަށެވެ. އޭގައިވާ ގޮތުން، ޖޭއެސްސީގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރާއި، މިހާރު ވެސް އޮންނަ ގޮތަށް ހައި ކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ދަށު ކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ވަކީލުން އިންތިޚާބު ކުރާ ވަކީލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ