މައުމޫން އެހެން ޕާޓީއަކާ ގުޅިވަޑައިގަންނަވަން އުޅުއްވާ ޚަބަރު ޕީޕީއެމްއިން ދޮގުކޮށްފި

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްޤާއްޔޫމް އެހެން ޕާޓީއަކާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށް ބުނެ މިހާރު ފެތުރެމުންދާ ޚަބަރުތައް ޕީޕީއެމްއިން ދޮގުކޮށްފިއެވެ.
ޕީޕީއެމްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރައީސް މައުމޫނަކީ 2012 ވަނަ އަހަރުން ފެށިގެން ކުރިޔަށް އޮތް ފަސް އަހަރު ދުވަހުގެ މުއްދަތަށް ޕީޕީއެމްގެ ރައީސްގެ މަޤާމަށް، އެޕާޓީގެ ކޮންގްރެސްގައި ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުން އިންތިޚާބުވި ބޭފުޅާ ކަމަށެވެ.
އަދި، ޕީޕީއެމް ދޫކުރައްވައި، އެހެން ޕާޓީއަކަށް އެޕާޓީގެ ބާނީ ރައީސް މައުމޫން ވަޑައިގެންނެވުމުގެ، ނުވަތަ އެހެން ޕާޓީއެއްގެ އެއްވެސް މަޤާމަކަށް ވަޑައިގެންނެވުމުގެ ޚިޔާލުފުޅެއް ނުގެންގުޅުއްވާ ކަމުގެ ޔަޤީންކަން އަރުވާ ކަމަށް ޕީޕީއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.
"މިޕާޓީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމް، މި ޕާޓީ ދޫކުރައްވައި އެހެން އެއްވެސް ޕާޓީއަކަށް، ނުވަތަ އެހެން ޕާޓީއެއްގެ އެއްވެސް މަޤާމަކަށް ވަޑައިގެންނެވުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާކަމުގެ ޔަޤީންކަން މިޕާޓީގެ ލޮބުވެތި މެމްބަރުންނަށް އަރުވަމެވެ،" އެޕަޓީގެ ބަޔާނުގައި ވެއެވެ.
އަދި، ޕީޕީއެމްއަކީ ޑީމޮކްރަސީގެ ރިވެތި އުސޫލުތަކަށް ތަބާވާ ޕާޓީއެއް ކަމަށް ވެސް އެޕާޓީގެ ބަޔާނުގައި ބުނެފައި ވެއެވެ.
ދާދި ފަހުން، ރައީސް މައުމޫން އިސްކޮށް ހުންނަވައި އުފެއްދެވި ފުރަތަމަ ޕާޓީ ކަމުގައިވާ ދިވެހި ރައްޔިތުންގެ ޕަޓީ (ޑީއާރުޕީ)އިން ވަނީ، ރައީސް މައުމޫނަށް އެޕާޓީގެ ޒައީމުކަމުގެ މަޤާމު އަނެއްކާވެސް އެރުވުމަށް އެޕާޓީގެ ކައުންސިލުން ނިންމާފައެވެ. އެއާ އެކު، ރައީސް މައުމޫން ޕީޕީއެމް ދޫކުރައްވައި، ޑީއާރުޕީއަށް އަނެއްކާވެސް ވަޑައިގަންނަވަން އުޅުއްވާކަމުގެ ޚަބަރު ވަނީ ފެތުރިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ