ނިމިގެންދިޔަ އަހަރަކީ ރައްޔިތުން ސުލްހަވެރިކަން ހޯދައި ދެވުނު އަހަރެއް: ރައީސް

ނިމިގެން މިދިޔަ އަހަރަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމުގައި ގިނަގުނަ ކާމިޔާބީތަކެއް ހާސިލު ކުރެވުނު އަހަރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މީލާދީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ހިތާބުގައި އެވެ.
މި ހިތާބުގައި ރައީސް ވިދާޅުވީ ނިމިގެންދިޔަ އަހަރަކީ ރާއްޖޭގެ ރައްޔިތުން ސުލްހަވެރިކަމާއި، އަމަންއަމާންކަންމަތީގައި އުފާވެރިކަމާއެކު ހޭދަކުރި ފާގަތި އަހަރެއްކަމަށާ ރައްޔިތުންނަށް ދަތިވެފައިވާ އެތައްކަމަކަށް ހައްލު ހޯދައިދިނުމުގަޔާއި، ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްތަކެއް ކުރެވިފައިވާ އަހަރެއްކަމުގަ އެވެ.
އެމަނިކުފާނު ވިދާޅުވީ ނިމިގެންދިޔަ އަހަރަކީ ރާއްޖޭގެ ތަރައްގީގެ ބޮޑެތި މަޝްރުއުތަކެއް ފަށައި ހިންގަމުން ގެންދެވުނު އަހަރެއްކަމަށާއި ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށްޓަކައި، ގިނަގުނަ ފިޔަވަޅުތަކެއް އަޅައި، ކާމިޔާބީތަކެއް ހާސިލުކުރެވުނު އަހަރެއްގެ ގޮތުގައި ސިފަ ކުރައްވާ ކަަމަށެވެ.
މީގެ އިތުރަށް ރައީސް ވިދާޅުވީ، ވޭތުވެދިޔަ އަހަރުވެސް ޒުވާނުންގެ ހުނަރާއި ގާބިލުކަން އިތުރުކޮށް، މުޖްތަމައަށް ފައިދާކުރަނިވި ބަޔަކަށް ޒުވާނުން ހެދުމަށްޓަކައި، ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަމަށެވެ. އެގޮތުން، ވޭތުވެދިޔަ އަހަރަކީ، ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާ ހަމަޖައްސައިދެވުނު އަހަރެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އަދި، މި ފެށުނު، އަހަރަކީ، މިދިޔަ އަހަރު ހިންގަންފަށައި، ނުނިމިހުރި ވަރަށް ގިނަ މަޝްރޫއުތަކެއް ނިމުނު އަހަރެއްކަމަށާ މި ފެށުނު އާއަހަރަކީ، ތަރައްގީގެ އާ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ހިންގޭނެ އަހަރަކަށް ވާނެކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ