ގއ. ވިލިނގިލީގައިވެސް ހަވީރު 6 އިން ފެށިގެން ހަފްތާއަކަށް ކާފިއު ހިންގައިފި

ކޮވިޑުން ރައްކާތެރިވުމަށް ގއ .ވިލިނގިލީގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވައިފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ބުދަދުވަހުގެ ރޭ އާންމު ކުރެއްވި އެންގުމުގައިވަނީ، 20 މެއި 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 26 މެއި 2021 ގެ ނިޔަލަށް ގއ. ވިލިނގިލީގައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި، ހަވީރު 6:00 އިން ފެށިގެން ފަތިހު 4:00 އަށް ،އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރެއްވުން ހިމެނެއެވެ.
މީގެއިތުރުން، ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުމަށާއި، އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށާއި، އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓާލަން އެންގުން ހިމެނެއެވެ.
އަދި ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަށާއި، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓާލުމަށް ވެސް އެންގުމުގައި ވެއެވެ.
މީގެއިތުރުން، ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަށާއި، ފިހާރަތަކުން ޚިދުމަތް ދޭއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުމަށްވެސް އެންގުމުގައި ވެއެވެ.
އަދި ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށާއި، ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތްދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުމަށްވެސް އެންގުމުގައި ވެއެވެ. މީގެތެރޭގައި، ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތެއް ނުހިމެނޭ ކަމަށް ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ