"ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓަކީ ސަރުކާރުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް"

ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަކީ ސަރުކާރުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުން ކަމަށް ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވީ، ކޮމިއުނިކޭޝަންސް މިނިސްޓަރު ކަމުގައި ހުންނެވި މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާ، އޭނާ ވަކި ކުރުމާ ގުޅިގެންނެވެ. އެގޮތުން، އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގި ދުވަހު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އޭނާއާށް ބިރު ދެއްކެވި ކަމަށް ވިދާޅުވެ މަލީހު ދެއްކެވި ވާހަކައަށް ދިޔާނާ ވަނީ ރައްދު ދެއްވާފައެވެ.
ދިޔާނާ ވިދާޅުވީ މަލީހު އޮއްގާ އުއްކަވަނީ ނުބައި ރައީސަކަށް ކަމަށެވެ. އަދި ރައީސް ނަޝީދުގެ ކެބިނެޓުގައި މަލީހް އިންނެވި ނަމަ، މަލީހު ދިފާއު ކުރައްވަން ރައީސް ނަޝީދު ހުރިހާ ގަލެއް ފުރޮޅުއްވާނެ ކަން ކަށަވަރު ކަމަށް ދިޔާނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މަލީހު ވަކި ކުރުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަންތައް ކުރެއްވި ގޮތް ހުތުރު ކަމަށާއި، ވަޒީރު ކަމު ނުދާނަމަ ވަކި ކުރައްވަން ވާނީ ރީތިކޮށް ކަމަށެވެ. އަދި މަޖިލީހުން "ނޮޅަން" ދޫކޮށް ނުލައްވާ ކަމަށެވެ.
ހަމައެއާއެކު، ރައީސް ސޯލިހްގެ މެޖޯރިޓީ މަޖިލީހުގައި އޮވެ، އެމަނިކުފާނުގެ ކެބިނެޓް މެންބަރަކު މަޖިލީހުގެ އޮއިވަރުގައި ތެޅި ފާރުވާން ދޫކޮށްލެއްވުމަކީ އުސޫލީ ގޮތުން ދެރަވަރު ކަމެއް ކަމަށް ދިޔާނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ވަޒީރަކާމެދު ނެގޭ އިންތުބާރު ނެތް ކަމުގެ ވޯޓަކީ ސަރުކާރާ މެދު ވެސް ނެގޭ އިތުބާރު ނެތް ކަމުގެ ވޯޓެއް ކަމަށެވެ.
ރައީސް ސޯލިހުގެ ކޯލިޝަން މިނިސްޓަރުންގެ ތެރެއިން ޖުމްހޫރީ ޕާޓީ (ޖޭޕީ) ނިސްބަތްވެ ވަޑައިގަންނަވާ އަދި އެ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މަލީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނަަގަން ނިންމީ ކޮމިއުނިކޭޝަން އިންޑަސްޓްރީ ރެގިއުލޭޓް ކުރަން ކޮމިނިއުކޭޝަން އޮތޯރިޓީ (ކޭމް) އިން ހަދަން ޖެހޭ ގަވައިދުތައް ހަދައިފައި ނެތުމާއި އިންޓަނެޓް އަގު ބޮޑުވުމުން އެކަމަށް ހައްލު ހޯދައިދެވިފައި ނުވުން ފަދަ މައްސަތަކެއް ފެންމަތިވުމާ ގުޅިގެންނެވެ.
މި ސަރުކާރު ކޯލިޝަންގެ މިނިސްޓަރަކު މަގާމުން ވަކިކޮށްފައި ވާއިރު، ރައީސް ސޯލިހުގެ ކެބިނެޓްގައި ހިމެނި ވަޑައިގެންނެވި ވަޒީރުންގެ ތެރެއިން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު އިސްތިއުފާ ދެއްވީ ވެސް އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަޖިލީހަށް އެ މައްސަލަ ވައްދާ ވޯޓަށް އެހުމާ ގާތްވެފައިވާ ވަނިކޮށެވެ.
އޭގެ ފަހުން ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ޝަކޫރާއި ހެލްތު މިނިސްޓަރު ކަމުގައި ހުންނެވި އަބްދުﷲ އަމީން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އެއަށްފަހު ކުރީގެ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ އޭނާވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ