ނަޝީދު މިނިވަން ކުރަން އެއްބަސް ވެފައެއް ނޯންނާނެ ކަމަށް އުމަރު ވިދާޅުވެއްޖެ

އިދިކޮޅު އެމްޑީޕީއާއި ސަރުކާރާ ދެމެދު ދެކެވުނު ވާހަކަތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށް އެއްބަސްވެފައި ނޯންނާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ބައެއް ނޫސްތަކަށް މަޢުލޫމާތު ދެއްވަމުން ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވި އުމަރު ވިދާޅުވީ މަޝްވަރާތަކުގައި އެއްވެސް އިރަކު ނަޝީދު މިނިވަން ކުރާނެ ކަމުގެ ޔަގީންކަމެއް ދީފައިނުވާނެ ކަމަށެވެ. ނަޝީދު މިނިވަން ކުރާނެ ކަމުގެ ޔަގީންކަމެއް ދިންތޯ، އެމްޑީޕީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި އިބޫ ކައިރިން އެއްސެވުމަށްވެސް އުމަރު އެދިވަޑައިގަންފައި ވެއެވެ.
ރައީސް ނަޝީދު މިނިވަން ކުރުމަށް އެއްބަސްވެފައި ނޯންނާނެ ކަމަށް އުމަރު ވިދާޅުވާއިރު، އެމްޑީޕީންވަނީ އެޕާޓީން އެއްބަސްވީ ކަންތައްތައް ފުރިހަމަކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި ބަދަލުގައި ސަރުކާރުން އެއްބަސްވީ ކަންކަން ފުރިހަމަ ކުރުމަށް އެޕާޓީންވަނީ ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ