ފޭދޫ ދާއިރާގެ ޕްރައިމަރީ ބާތިލްކުރަން އަލްހާން ކޯޓަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ފޭދޫ ދާއިރާއިން ކުރިމަތިލާނެ ކެންޑިޑޭޓަކު ކަޑައެޅުމަށްޓަކާ ބޭއްވި ޕްރައިމަރީ ބާތިލްކުރަން ކޯޓަށް މި ހަފްތާތެރޭ ހުށައަޅުއްވާނެ ކަމަށް އެ ދާއިރާގެ ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު މިހާރުގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ވަޅިން ބުރަކަށްޓަށް ހަމަލާދިނުމާ ގުޅިގެން އެ އަނިޔާތަކަށް ސްރިލަންކާގެ ހޮސްޕިޓަލެއްގައި މިވަގުތު ފަރުވާ ހޯދަމުންދާ އަލްހާން އޭނާގެ ފޭސްބުކް ޕޭޖްގައި ވިދާޅުވެފައިވަނީ މި ހަފްތާތެރޭ ފޭދޫ ދާއިރާގެ ޕްރައިމަރީ ބާތިލްކުރަން ކޯޓަށް ހުށައަޅުއްވާނެކަމަށެވެ. އަދި ބާތިލް ޓިކެޓެއްގައި ޕާޓީގެ ނަމުގައި އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށެވެ.
"އެމްޑީޕީ ފޭދޫ ދާއިރާގެ ޕްރައިމަރީ ބާތިލްކޮށްދިނުމުގެ މައްސަލަ މި ހަފްތާތެރޭ ކޯޓަށް ވައްދާނަން. ބާތިލް ޓިކެޓެއްގައި ޕާޓީގެ ނަމުގައި އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެ" އަލްހާން އޭނާ ރަސްމީ ފޭސްބުކް ޕޭޖްގައި ލިޔުއްވާފައިވެއެވެ.
އަލްހާން ޕްރައިމަރީ ބާތިލްކުރަން ކޯޓަށް ހުށައަޅުއްވާނެ ކަމަށް ވިދާޅުވެފައިވާއިރު އަލްހާން ވަނީ މީގެކުރިންވެސް އެ ދާއިރާގެ ޕްރައިމަރީގެ ނަތީޖާ ގަބޫލުނުކުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ވަނީ ޕްރައިމަރީގައި މައްސަލަތެއް ހުރިކަމަށް ބުނެ އެ މައްސަލަ އެމްޑީޕީއަށް ވެސް ހުށައަޅާފައެވެ. ނަމަވެސް އެމްޑީޕީން ބުނެފައިވަނީ އަލްހާން ހުށަހެޅި މައްސަލަ ބެލިއިރު އިންތިހާބް ބާޠިލް ކުރަންޖެހޭ ވަރުގެ ކަމެއް ހިނގާފައި ނުވާކަމަށެވެ.
އަލްހާން ވަނީ އެ ދާއިރާއަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ނިންމަވާފައެވެ.
ފޭދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބް ކޮށްފައިވަނީ މުހައްމަދު ނިހާދު އެވެ. ނިހާދު އަށް އެ ދާއިރާ އިން ލިބިވަޑައިގެންފައި ވަނީ 316 ވޯޓެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރެއްވި އަހުމަދު މިރުޖާދު އަށް 186 ވޯޓް ލިބުނުއިރު އަލްހާނަށް ލިބިވަޑައިގަތީ 154 ވޯޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ