ފުލުހުންނަށް އަވަސް ފަރުވާދޭ ކްލިނިކެއް ހުޅުވައިފި

ފުލުހުންނަށް ލިބޭ އަނިޔާތަކަށް އަވަސް ފަރުވާ ދިނުމަށް "ނޫސަންދަ"ގެ ނަމުގައި ހެލްތް ކްލިނިކެއް ހުޅުވައިފި އެވެ.
އިސްކަންދަރު ކޮށީގެ ހުޅަނގު ބައިގައި ބޭއްވި އެރަސްމިއްޔާތުގައި ކްލިނިކް ހުޅުއްވައި ދެއްވީ ހޯމް މިނިސްޓަު އުމަރު ނަސީރާއި ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދެވެ.
ފުލުހުންގެ ހިދުމަތަށް 82 އަހަރުވީ ދުވަހު ހުޅުވި ނޫސަންދަ ކްލިނިކްގައި ލެބޯޓަރީ އަދި ފާމަސީ ވެސް ހިމެނެއެވެ. އަދި މި ކްލިނިކުގައި އާންމު ބަލިތަކާ ކުޑަކުދިންގެ ބަލިތަކާ އަންހެނުންގެ ބަލިތަކުގެ އިތުރުން އެތެރެ ހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ވެސް ބަލި މީހުން ބަލާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ކްލިނިކުގައި މިހާރު ހިދުމަތް ދޭން ފެށި ނަމަވެސް 24 ގަޑިއިރު ހިދުމަތް ދޭންފަށާނީ އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ.
"ނޫސަންދަ"އިގެ ނަމުގައި އެމަޖެންސީ ހާލަތްތަކުގައި ފުލުހުންނަށް ލިބޭ އަނިޔާތަކަށް އަވަސް ފަރުވާ ދިނުމަށް ހެލްތް ކްލިނިކެއް މިއަދު ހުޅުވިއިރު ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބާތުގައި މާލެއާއި އަތޮޅުތަކުގައި ގާއިމްކޮށްފައި ހުރި ފުލުހުންގެ މަރުކަޒުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތުތަކެއް މިއަދު ހެނދުނު ވަނީ ބާއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ