ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ނާޒިމް ޕީޕީއެމްއަށާއި، ދައުލަތަށް ކޮށްދެއްވި ގިނަގުނަ ޚިދުމަތްތަކަށް ޕީޕީއެމްގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.
އާރޓިފިޝަލް ބީޗްގައި މިރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ، ޝަރުއީ ހުކުމެއް އައިސްގެން، އަހްމަދު ނާޒިމް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ދޫކޮށްލައްވަން ޖެހިވަޑައިގަތަކަސް، އޭގެކުރިން އެމަނިކުފާނު ކޮށްދެއްވާފައިވާ ޚިދުމަތް ގަބޫލުކުރަންޖެހޭ ކަމަށާއި، އެކަމަށްޓަކައި ޝުކުރުވެރި ވާންޖެހޭ ކަމަށެވެ.
ނާޒިމްގެ ޚިދުމަތް ޕީޕީއެމްއަށްވެސް ވަރަށް ބޮޑަށް ލިބިފައިވާ ކަމަށާއި، ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައިވެސް ޕީޕީއެމްއަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ނާޒިމް ކޮށްދެއްވާފައިކަން ރައީސް މައުމޫން ފާހަގަ ކުރެއްވިއެވެ.
"މިވަގުތު ޝަރުއީ ހުކުމެއްގައިވާ ގޮތުގެ މަތިން، އަލްފާޟިލް އަހްމަދު ނާޒިމް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިން ވަކިވެވަޑައިގެންފައި ވިޔަސް، އޭގެ ކުރިން އެމަނިކުފާނަކީ ތިން ދައުރު ރައްޔިތުންގެ މަޖިލީހުގައި ފުރިހަމަ ކުރައްވާފައި ހުންނެވި ބޭފުޅެއް. މިހާރު ފުރިހަމަ ކުރައްވަމުން ގެންދަވަނީ ހަތަރު ވަނަ ދައުރު. އެހެންވީމާ، އެމަނިކުފާނުގެ ޚިދުމަތް ވަނީ ރައްޔިތުންގެ މަޖިލީހަށް ލިބިފައި. އެމަނިކުފާނުގެ ޚިދުމަތް ވަނީ އަޅުގަނޑުމެންގެ މި ޕީޕީއެމްއަށްވެސް ވަރަށް ބޮޑަށް ލިބިފައި. އަދި އަޅުގަނޑަށް އެނގޭ ގޮތުގައި، މިދިޔަ ރިޔާސީ އިންތިޚާބުގައިވެސް އެމަނިކުފާނު ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެންނާއެކީ ކޮށްދެއްވާފައި. އެހެންވީމާ، އެކަމުގެ އަގު އަޅުގަނޑުމެން ވަޒަންކުރަން އެބަޖެހޭ. ކޮންމެ ގޮތެއްގައި ވިޔަސް، ޝަރުއީ ހުކުމަކީ އަޅުގނޑުމެން އެންމެން ތަބާވާންޖެހޭ ހުކުމެއް. ޤަބޫލުކުރަންޖެހޭ ހުކުމެއް. އެއާ ބެހޭގޮތުން އެއްޗެއް ދަންނަވާކަށް ނެތިން. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އެފަދަ ހުކުމެއް އައިސްގެން އަހްމަދު ނާޒިމް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ދޫކޮށްލައްވަން ޖެހިވަޑައިގަތަކަސް، އޭގެކުރިން އެމަނިކުފާނު ކޮށްދެއްވާފައިވާ ޚިދުމަތް އަޅުގަނޑުމެން ޖެހޭ ގަބޫލުކުރަން. އެކަމަށް ޝުކުރުވެރިވާން ޖެހޭ" މަޖިލީހުގެ ކުރީގެ ނާއިބް ރައީސް ނާޒިމްގެ ޚިދުމަތްތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވިއެވެ.
ނާޒިމްގެ މައްޗަށް އިއްވި ހުކުމާއި ގުޅިގެން، މަޖިލީހުގެ ގޮނޑި ގެއްލިފައިވާތީ އެގޮނޑި ޕީޕީއެމްއިން ކާމިޔާބު ކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް މައުމޫން ވާހަކަފުޅު ދެއްކެވިއެވެ. މައުމޫން ވިދާޅުވީ، ކޮންމެ ގޮތެއްގައިވެސް ދިއްގަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރަންޖެހޭ ކަމަށާއި، އެގޮނޑި ކާމިޔާބު ކުރަން ޖެހެނީ، އެގޮނޑި މިހާތަނަށްވެސް ފުރުއްވާފައިވަނީ ޕީޕީއެމްގެ މެމްބަރެއް ކަމުގައި ވާތީ ކަމަށެވެ.
މައުމޫން ވިދާޅުވީ، ދިއްގަރު ދާއިރާއަށް ނެރެން ޖެހޭނީ ރައްޔިތުންގެ ތާއީދު ލިބޭފަދަ މެމްބަރެއް ކަމަށެވެ. އެއިތިޚާބު ކާމިޔާބު ކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭ ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
"ޕީޕީއެމްއާއި، އެމްޑީއޭ އެކަތިގަނޑަކަށް ވެގެން، އެއްބައިވުމެއް އޮވެގެން މަސައްކަތް ކޮށްގެން އިންތިޚާބު ކާމިޔާބު ކުރަން އެބަޖެހޭ. ގަދަ މަސައްކަތާއި، ވަރުގަދަ ހިންމަތަކާއެކީގައި، ވަރުގަދަ އަޒުމަކާ އެކީގައި މަސައްކަތް ކޮށްގެން މިގޮނޑި ޕީޕީއެމް – އެމްޑީއޭ ކޯލިޝަނަށް ކާމިޔާބު ކުރުމަކީ ވަރަށް މުހިންމު ކަމެއް" މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ، ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން ޝައުގުވެރިކަން ހުރި ފަރާތްތަކަށް ފުރުސަތު ދޭން އިއްލާން ކުރަންޖެހޭ ކަމަށާއި، ދިއްގަރު ދާއިރާއަށް ނެރޭނެ މެމްބަރެއް ކަނޑައަޅަން ޕީޕީއެމްގެ ފަރާތުން ވަރަށް އަވަހަށް އިއްލާން ކުރާނެ ކަމަށެވެ. އެކަކަށްވުރެ ގިނަ ފަރާތްތައް ކުރިމަތި ލައްވައިފިނަމަ ބާއްވާނީ ޕްރައިމެރީއެއް ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
ނާޒިމް ޕީޕީއެމްއަށާއި، ދައުލަތަށް ކޮށްދެއްވި ޚިދުމަތްތަކަށް މައުމޫން ތައުރީފް ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ