ޤާހިރާ (ޑިސެމްބަރ 23) : މިސްރުގެ އާ ދަސްތޫރުގެ ދެލިކޮޕީއާ މެދު ރައްޔިތުންދެކޭގޮތް ބެލުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގެ ދެވަނަ ބުރުންވެސް ގިނަ ބަޔަކު އެދެލިކޮޕީ އަށް ތާއީދުކުރާކަން ހާމަވެއްޖެ އެވެ.
އިއްޔެ ބޭއްވި ދެވަނަ ބުރުގެ ވޯޓުގެ 88 އިންސައްތަ މިހާރު ގުނާފައިވާ އިރު އާ ދަސްތޫރުގެ ދެލިކޮޕީ އަށް 70.7 އިންސައްތަ މީހުން ތާއީދުކުރާކަން ވޯޓުތަކުން ހާމަވެފައިވާ ކަމަށް މިސްރުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ. ފެންނަ ނުފެންނަ ވޯޓުގެ ފުރަތަމަ ބުރުގެ ވޯޓުލުން ބޭއްވީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު އެވެ. ފުރަތަމަ ބުރުގެ ވޯޓުގެ ނަތީޖާއިން ވެސް އާ ދަސްތޫރުގެ ދެލިކޮޕީ އަށް 57 އިންސައްތަ މީހުން ތާއީދުކުރާކަން ވަނީ ހާމަވެފަ އެވެ. އެހެންކަމުން މިއީ ރައީސް މުޙައްމަދު މުރުސީ އަށް ލިބިވަޑައިގެންނެވި ސިޔާސީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މުރާސިލުން ސިފަކުރެ އެވެ.
މިސްރުގެ އާ ދަސްތޫރުގެ ދެލިކޮޕީގައި ރައީސަށް ބޮޑެތި ބާރުތަކެއް ދީފައިވާ ކަމަށާއި މި ދެލިކޮޕީ ޑްރާފްޓް ކޮށްފައި ވަނީ މިސްރުގައި ވެރިކަންކުރާ އިޚްވާނުލްމުސްލިމީން ޖަމާއަތުގެ މަސްލަޙަތާ އެއްގޮތަށް ކަމަށް ތުހުމަތުކޮށް ރައީސް މުރުސީގެ ވާދަވެރި ސިޔާސީ ޕާޓީތަކުން ވަނީ ފެންނަ ނުފެންނަ ވޯޓުގައި ބައިނުވުމަށް ރައްޔިތުންނަށް ގޮވާލައި އެކަމަށް ބާރުއަޅާފަ އެވެ. ނަމަވެސް ރައްޔިތުންގެ ގިނަ ބަޔަކު ވޯޓުލުމަށް ނުކުތުމުން އެފަރާތްތަކުގެ ހުއްޖަތްތައް ވަނީ ބަލިކަށިވެފަ އެވެ.
މިސްރުގެ އާ ދަސްތޫރުގެ ދެލިކޮޕީއަށް ތައްޔިތުންގެ އާ ބަސްލިބިފައިވާކަން މިހާރު ކަށަވަރުވެފައިވާ އިރު މިސްރުގެ މުފްތީ ޑރ. ޢަލީ ޖުމްޢާ ވަނީ ވޯޓުގެ ނަތީޖާ ގަބޫލުކޮށް ސަރުކާރާ ގުޅިގެން މިސްރު ބިނާކުރުމުގައި ބައިވެރިވެ ގައުމީ މަސްލަޙަތު އިސްކުރުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފަ އެވެ. ޑިމޮކްރަސީ އަކީ އަޣުލަބިއްޔަތުގެ ނިންމުމަށް އިޙްތިރާމް ކުރުން ކަމަށާއި ޑިމޮކްރަސީގެ ނަމުގައި އަމިއްލަ އެދުން ކުރިޔަށްނެރޭ ނަމަ މިސްރުގައި އުފެދިގެންދާނީ ވަރަށް ނުރައްކާތެރި ފިތްނައެއް ކަމަށް ޢަލީ ޖުމްޢާ އިންޒާރު ކުރެއްވި އެވެ. އަދި ބޭރުގެ ފަރާތްތަކުންތިބީ ޑިމޮކްރަސީގެ ނަމުގައި މިސްރުގައި ފިތްނަ އުފެއްދުމަށް ތައްޔާރަށް ކަމަށާއި ބޭރުގެ ފަރާތްތަކުގެ މި ރޭވުންތަކުގައި ނުޖެހުމަށް ވެސް ޖުމްޢާ މިސްރުގެ އިދިކޮޅު ފަރާތްތަކަށް އިލްތިމާސް ކުރެއްވި އެވެ.
އިދިކޮޅު ފަރާތްތައް ބޭނުންވާ ގޮތަށް ވޯޓުގެ ނަތީޖާ ނުދިޔުމުން އެފަރާތްތަކުން ގެންދަނީ ވޯޓުލުމުގައި ޤާނޫނާ ޚިލާފުކަންތައްތަކެއް ހިނގާފައިވާ ކަމަށް ތުހުމަތުކޮށް ވޯޓުގެ ނަތީޖާ މެދު ޝައްކު އުފައްދަމުންނެވެ. މިގޮތުން އާ ދަސްތޫރަށް ތާއީދުކޮށް ވޯޓު ދިނުމަށް ވޯޓު ލަމުން ދިޔަ އިރު ސަރުކާރުން ރައްޔިތުންނަށް އިރުޝާދު ދެމުން ގެންދިޔަ ކަމަށް ރައީސް މުރުސީ އާ އިދިކޮޅު ވާދަވެރި ސިޔާސީ ޕާޓީތަކުންނާއި އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީގެ ނަމުގައި މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކުން ތުހުމަތު ކުރެ އެވެ.
(ނޫސްއެޖެންސީތައް)
މިސްރުގެ އާ ދަސްތޫރުގެ ދެލިކޮޕީ އަށް ރައްޔިތުން އާބަސް ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ