މެމްބަރު ޚަލީލާއި ސިނާން އަދި ތޯރިގް މާލިއްޔަތު ކޮމިޓީން ބަދަލުކޮށްފި

މަޖިލީހުގެ މާލިޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލާއި މައްޗަންގޮޅު ދެނުކު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގްގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް އެހެން މެމްބަރުންތަކެއް ހަމަޖައްސައިފި އެވެ. އާންމުކޮށް ވެސް ކޮމިޓީތަކަށް ބަދަލު ގެނައުމަކީ މަޖިލީހުގައި ކުރާ ކަމެކެވެ. އެގޮތުން ކޮމިޓީތަކުގައި ހިމެނިވަޑައި ނުގަންނަވާ މެމްބަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ޕާޓީތަކުން ކޮމިޓީތަކަށް ބަދަލުގެނެ އެވެ. ޕީޕީއެމްގެ ޕީޖީ ގުރޫޕުން ހުށަހެޅުއްވި ހުށަހެޅުއްވުމަކާ ގުޅިގެން މިއަދު ވަނީ މެމްބަރު ހަލީލުގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ވަނީ އައްޔަން ކުރައްވާފަ އެވެ. އަދި މެމްބަރު ސިނާންގެ ބަދަލުގައި ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނު ހަމަޖައްސާފައިވާ އިރު މެމްބަރު ތޯރިގްގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ހަމަޖެއްސީ ގައްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ރަޝީދެވެ. ދައުލަތުގެ މާލިއްޔާގެ މައްސަލަތައް ބަލާ އެކޮމިޓީގެ މުގައްރިރަކީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކެވެ. އަދި ނައިބު މުގައްރިރަކީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އެވެ. އޭގެ އިތުރުން ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހާއި ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދާއި ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމުގެ އިތުރުން ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވެސް މާލިއްޔަތު ކޮމިޓީގައި ހިމެނިވަޑައިގަންނަވަ އެވެ. މެމްބަރު ޖަމީލް އުޝްމާން އަދި މެމްބަރު ރަޝީދު މީގެ ކުރިން ވެސް މާލިއްޔަތު ކޮމިޓީގައި ތިއްބެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ