ގާސިމް ނުފިއްލަވާނެ، ފަރުވާ ފުރިހަމަވުމުން ރާއްޖެ ވަޑައިގަންނަވާނެ: ރިޔާޒު

ބޭސްފަރުވާއަށް ސިންގަޕޫރުގައި މިހާރު ހުންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ނުފިއްލަވާނެ ކަމަށާއި ބޭސްފަރުވާ ފުރިހަމަ ވުމުން އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ވީޓީވީން ރޭ ގެނެސްދިން ފަސް މަންޒަރު ޕްރގުރާމުގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވީ ހުކުމަށް ފިއްކލަވައިގެން ރާއްޖެއިން ބޭރުގައި އުޅުމުގެ ވިސްނުން ގާސިމުގެ ނެތް ކަމަށާއި ފަރުވާ ފުރިހަމަވާ އިރަށް އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.
ގާސިމުގެ ބޭސްފަރުވާގެ މުއްދަތާ މެދު ސަރުކާރުން އަމަލު ކުރާ ގޮތުން އިހުލާސްތެރިކަމެއް ނެތް ކަން އެނގޭ ކަމަށާއި ކްރިމިނަލް ކޯޓުން މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރާ ގޮތަށް ގާސިމްގެ ބޭސްފަރުވާއަށް އެތިއެތިކޮޅުން މުއްދަތު އިތުރުކޮށްދެނީ ޕްރެޝަރު ކުރުމަށް ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު ވިދާޅުވީ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައި އޮތް ނަމަވެސް ހުކުމުގައި ބުނެފައިވާ ފަދައިން ބޭސްފަރުވާގެ ކަންކަން ގާސިމަށް ފަހިކޮށްދޭން ޖެހޭނެ ކަމަށެވެ.
ރިޔާޒު ވިދާޅުވީ ގާސިމަށް އެކި ގޮތްގޮތުން ޕްރެޝަރު ކުރަމުން ގެންދަނީ އިދިކޮޅު ހަރަކާތުގައި އުޅުއްވާތީ ކަމަށާއި ކިތަންމެ ޕްރެޝަރެއް ކުރި ނަމަވެސް ގާސިމް އެނބުރިވަޑައިގެން އިސްލާހީ މަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި ގާސިމަށް އިއްވާފައިވާ ހުކުމުން އިސްތިއުނާފު މަރުހަލާގައި ސަލާމަތްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.
ގާސިމްގެ ފަރުވާއަށް ދީފައިވާ މުއްދަތު ތިން ފަހަރެއްގެ މަތިން އިތުރުކޮށްފައިވާ އިރު މިހާރު އެ މުއްދަތު ހަމަވާނީ އޮކްޓޮބަރު މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ