ޕްރައިމަރީގެ ވޯޓު އޮޅުވާލި ކަމަށް އުމަރު ތުހުމަތު ކުރައްވައިފި

ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ހޮވުމަށް ޓަކައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީ އަބްދުﷲ ޔާމިން އަށް ކާމިޔާބު ހޯދުމަށް ވޯޓު އޮޅުވާލުމުގެ ކަންތައްތަކެއް ހިންގާފައިވާ ކަމަށް އިންތިހާބުން ބަލިވެވަޑައިގެންނެވި ކަމަށް އިއުލާން ކުރެއްވެވި އުމަރު ނަސީރު މިރޭ ތުހުމަތު ކުރައްވައިފި އެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެދިވަޑައިގަތުމާ ދެކޮޅަށް އުމަރުގެ ޓީމުން މިރޭ އާޓްފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ޕްރައިމަރީ އަށް ނުކުމެވަޑައިގެންނެވީ "މެޗުގެ ރެފްރީ އާއި ލައިންސްމަނުންނަކީ" ވަކިބައެއްގެ ކޮޅުގައި ތިބި ބައެއްކަން އެނގި ހުރެ ކަމަށެވެ. އަދި ވިދާޅުވީ ޕްރައިމަރީގެ ވޯޓަށް ނުފޫޒު ފޯރުވުމަށް ޓަކައި ޔާމިންގެ ޓީމުން "ކަޅު ފައިސާ" ދައުރު ކުރި ކަމަށާއި ވޯޓު އޮޅުވާލުމުގެ ގޮތުން ބައެއް ރަށްތަކުގައި އުމަރަށް ލިބިވަޑައިގެންނެވި ބައެއް ވޯޓު ކަރުސްދާތަކުގައި ދެ ކެނޑިޑޭޓުންގެ ނަމުގައި ވެސް ހެޔޮ ފާހަގަ ޖަހައި، ވޯޓުތައް ބާތިލުކޮށްފައިވާ ކަމަށެވެ. އަދި ތުޅާދޫގައި ވޯޓު ފޮއްޓެއް ނުބަހައްޓާ އިރު، ނަތީއްޖާ އައިރު، އެ ރަށުގެ ނަތީއްޖާ ވެސް އައި ކަމަށެވެ.
އުމަރު ވިދާޅުވީ ޕްރައިމަރީގައި ޔާމިން ކާމިޔާބު ކުރެއްވުމުން އޭނާ އަށް މަރުހަބާ ދެންނެވި ކަމަށާއި ނަމަވެސް ޔާމިން އަށް އޭނާގެ ތާއިދު ލިބޭނީ ކޮރަޕްޓްވެފައިވާ މީހުން "ޔާމިން"ގެ ކައިރިން ބޭރު ކުރުމުން ކަމަށެވެ. އެގޮތުން އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްއަކީ ރާއްޖޭގައި ވެސް "އެންމެ ކޮރަޕްޓް" މީހާ ކަމަށާއި އެކަހަލަ މީހުން ލައިގެން ރިޔާސީ އިންތިހާބަށް ނުކުންނަމަ "އުމަރު ތާއިދު" ޔާމީނަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރާއްޖެއަށް "ހުދު އިންގިލާބެއް ގެންނާނެ" ކަމަށާއި އެ އިންގިލާބު ޕީޕީއެމްގެ ތެރެއަށް ވެސް ގެންނަވާނެ ތަކުރާރުކޮށް ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ޕާޓީގެ ރިޔާސީ ޓިކެޓް، 63 ޕަސެންޓްގެ އަޣުލަބިއްޔަތުން ކާމިޔާބު ކުރެއްވީ އެ ޕާޓީގެ ޕާލަމެންޓް ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން އެވެ.
އެ އިންތިހާބުގައި ވޯޓުދިން 20795 މީހުންގެ ތެރެއިން 13،096 މީހުން ޔާމީނަށް ވޯޓު ދިނެވެ. އެއީ ވޯޓު ދިން މީހުންގެ 62.97 ޕަސެންޓެވެ.
އުމަރު ނަސީރަށް ލިބިވަޑައިގަތީ 7450 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ 35.82 ޕަސެންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ