ފާރިސް މައުމޫން ހައްޔަރުކޮށް ދޫނިދޫ އަށް ގެންގޮސްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނު ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފިއެވެ.
ފާރިސް މައުމޫން ހައްޔަރުކުރިކަން ކަށަވަރުކޮށްދެއްވަމުން ފުލުހުން ވިދާޅުވީ ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން މީގެ އިރުކޮޅެއް ކުރިން ފާރިސް ހައްޔަރުކޮށްފައިވާ ކަމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމުގެ ދަރިކަލުން މިއަދު ހައްޔަރުކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ.
ފާރިސް ހައްޔަރުކޮށްފައިވަނީ ފުލުހުން އެންމެ ފުރަތަމަ މިއަދު ހެނދުނުގެ ވަގުތެއްގައި މ. ސްނޯ ރޯސްގައި ހުންނަ ފާރިސް ދިރިއުޅުއްވާ އެޕާޓްމަންޓަށް ވަދެ އެތަން ބަލައި ފާސްކުރުމަށް ފަހުގައެވެ. އެޕާޓްމެންޓް ބަލައި ފާސްކުރި ވަގުތުވެސް ފާރިސް އާއި އޭނާގެލޯޔަރުން ގޭގައި ތިއްބެވި އެވެ.
ޝަޚްސު އޮޅުވާލުމުގެ ދައުވާވެސް ދައުލަތުން ކޮށްފައިވާ ފާރިސް މައުމޫން ދިރިއުޅުއްވާ އެޕާޓްމެންޓް ފުލުހުން ޗެއްކުރީވެސް ސްނޯރޯސް ހިމެނޭ ސަރަހައްދު ބަންދުކޮށްގެނެވެ. މިއަދު ހެނދުނުން ފެށިގެން ފުލުން ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި ފާރިސް ހައްޔަރުކޮށްފައިވަނީ 3 ގަޑިއެއްހާއިރު އިރު ހޭދަކުރުމަށްފަހުގައެވެ.
މިއަދު ފާރިސް ހައްޔަރުކޮށްފައިވާ އިރު, މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ފާރިސްގެ އާއިލާގެ ބޭފުޅުން ވިދާޅުވީ ފާރިސް ހައްޔަރުކޮށްގެން ގެންދަނީ ސީދާ ދޫނިދޫއަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ