ފާރިސްގެ މައްސަލަ އިސް ފަނޑިޔާރު ސެކްޝަނަށް ބަދަލުކޮށްފި ކަމަށް ކޯޓުން ބުނެފި: މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކުރުމުން ކޮށްފައިވާ އިސްތިއުނާފު މައްސަލަ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ ސެކްޝަނަށް ބަދަލުކޮށްފައިވާ ކަމަށް ބުރާސްފަތި ދުވަހު ކޯޓުން ބުނެފައިވާ ކަމަށް ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި މިދިޔަ މަހު ހައްޔަރުކުރި ފާރިސް، އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެ ނިންމުން އިސްތިއުނާފަށް ހުށަހެޅުމުން ހައި ކޯޓުގައި އަޑުއެހުންތައް ކުރިއަށް ގެންގޮސް، މިހާރު އޮތީ ހުކުމް ކުރުމާ ހިސާބުގަ އެވެ. ނަމަވެސް އޭގެ ފަހުން ތިން ފަހަރު މައްސަލަ ޝެޑިއުކޮށް، އެއިން ކޮންމެ ފަހަރަކު ވެސް ވަނީ އަޑުއެހުން ކެންސަލްކޮށްފަ އެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީއަށް މައުމޫން ފޮނުއްވި ސިޓީއެއް، މައުމޫން މިއަދު ޓްވިޓާގައި އާންމުކުރައްވާފައި ވާއިރު އޭގައި ވަނީ މައްސަލާގައި ގޮތެއް ނިންމުން ލަސްވަމުން ދާތީ އެކަން ސާފުކުރުމަށް ކޮންމެ ދުވަހަކު ކޯޓަށް ގުޅަމުން އަންނަ ކަމަށާއި އިސް ފަނޑިޔާރުގެ ސެކްޝަނަށް މައްސަލަ ބަދަލުކޮށްފައިވާ ކަމަށް ކޯޓުން ބުރާސްފަތި ދުވަހު ބުނެފައިވާ ކަމަށެވެ. އަދި މައްސަލަޔާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް ލިބޭނީ އެ ސެކްޝަނުން ކަަމަށް ކޯޓުން ބުނި ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
މައުމޫން އެ ސިޓީގައި ވިދާޅުވި ގޮތުގައި، ނިންމުމުގެ މަރުހަލާގައިވާ އަދި ގާނޫނީ ގޮތުން ސާފު މައްސަލައަކަށް މިފަދަ ގޮތެއް މެދުވެރިވުމުން ކަންބޮޑުވެ ވަޑައިގަންނަވަ އެވެ. އެހެންވެ މިކަން މިހެން ހިނގުމަށް މެދުވެރިވި ސަބަބެއްވާ ނަމަ އަދި މައްސަލަ ބަލާ ބެންޗަށް ބަދަލެއް އައިސްފައިވާ ނަމަ އެކަން ވީ އެންމެ އަވަހަށް އަންގަވައިދެއްވުމަށް މައުމޫން ވަނީ އެދިވަޑައިގެންފަ އެވެ.
ރިޝްވަތު ދިނުމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކުރި އިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަހުމަދު ޝާފިއު ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން މި ހަފުތާގައި ވަނީ ހުކުމް ކޮށްފަ އެވެ. އޭނާ ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ދައުލަތުން ކޯޓުގައި އެދުނެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުން ދައުލަތުން ކުރި އިސްތިއުނާފުގައި ހައި ކޯޓުން ކުރި ހުކުމުގައިވަނީ ހެއްކާއި ގަރީނާއަށް ބަލާއިރު ޝާފިއު ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ