ގާސިމް ގައުމީ ޓީމަށް 500،000ރ. ދެއްވައިފި
އޭއެފްސީ ޗެލެންޖް ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދައިފައިވާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ދެއްވަން ވައުދުވެވަޑައިގަތް 500،000ރ. ރޭ ޓީމަށް ހަވާލުކޮށްފި އެވެ. ގައުމީ ޓީމު ކޭމްޕްކޮށްފައިވާ ޓްރޭޑާސް ހޮޓެލްގައި ރޭ އޮތް ކުޑަ ރަސްމިއްޔާތެއްގައި ގާސިމް ވަނީ 500،000ރ. ގެ ޗެކް އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދާ ހަވާލުކުރައްވައިފަ އެވެ. ޗެލެންޖް ކަޕްގެ ތަށި ނުލިބުނަސް، ޓީމަށް 500،000ރ. ދެއްވާނެ ކަމަށް ގާސިމް ވައުދުވެވަޑައިގަތީ ޗެލެންޖް ކަޕް ފެށުމުގެ ކުރިންނެވެ. ޗެލެންޖް ކަޕް ފެށުމުގެ ކުރިން، ގައުމީ ޓީމުގެ މެނޭޖަރު މަހޭ (ކ) އާއި ނައިބު ރައީސް ޖޭފޯ (ވ) ގާސިމް އަށް ޖޯޒީ ހަވާލުކޮށްދެއްވަނީ. -- ހަވީރު ފައިލް ފޮޓޯ: ނަސްރުﷲ ސޯލިހް ގައުމީ ޓީމުގެ ކުޅުންތެރިންނާ ރޭ ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ސެމީން ރާއްޖެ ޖާގަ ހޯދުމުން 500،000ރ. ޓީމާ ހަވާލުކުރީ ޓީމަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުން ކަމަށެވެ. އަދި ގައުމީ ޓީމުން މުބާރާތުގައި މިހާތަނަށް ދައްކަމުންދަނީ ރަނގަޅު ކުޅުމެއް ކަމަށާއި ކާމިޔާބު ހޯދަން ހުރިހާ ކުޅުންތެރިން ވެސް ގަދަ އަޅައި މަސައްކަތްކުރުމަށް ގާސިމް އެދިވަޑައިގަތެވެ. އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދު ވަނީ ގާސިމް އަށް ޝުކުރު އަދާކުރައްވައިފަ އެވެ. ޗެލެންޖް ކަޕްގެ ސެމީން ރާއްޖެ ޖާގަ ހޯދައިފި ނަމަ ގައުމީ ޓީމަށް އެއް މިލިއަން ރުފިޔާ ދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ