ގެމްބިއާގެ ރައީސްކަމުގެ ހުވާ އަޑަމާ ބަރޯ ކުރެއްވުމާއެކު އެގައުމުގެ ރައްޔިތުން މަގުތަކަށް ނުކުމެ އުފާފާޅުކުރަމުން އެބަގެންދެއެވެ.
ގެމްބިއާގެ ރައީސްކަމުގެ ހުވާ އަޑަމާ ބަރޯ ކުރެއްވީ އަވަށްޓެރި ސެނެގާލްގައި ހުންނަ ގެމްބިއާގެ އެމްބަސީގައެވެ. މިރަސްމިއްޔާތު ގެމްބިއާގެ ޓީވީތަކުން ވަގުތުން ދުރަށް ދައްކަމުން ގެންދިޔައެވެ.
އާ ރައީސް ހުވާ ކުރެއްވުމާއެކު ގެމްބިއާގެ އެކި ކަންކޮޅުތަކުން ރައްޔިތުން މަގުތަކަށް ނުކުމެ ލަވަކިޔައި ނަށައި އުފާފާޅުކުރަމުން އެބަގެންދެއެވެ. އަންހެނުންވެސް އެމީހުންގެ ޅަދަރިންނާއެކު މަގުތަކަށް ނުކުމެ ލަވަކިޔައި ނަށަމުން ގެންދެއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ގެމްބިއާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އަޑަމާ ބަރޯ ރައީސްކަމުގެ ހުވާ މިކުރެއްވީ، އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރައްވަން ދެކޮޅު ހައްދަވައި އަދި ރައީސްކަމުން ފައިބާވަޑައިގަތުމަށް ޔަހްޔާ ޖައްމާހް ދެކޮޅުހައްދަވަމުން ގެންދަވަނިކޮށެވެ.
ޚަބަރު ލިބޭގޮތުގައި ސެނެގާލްގައި ހުންނަ ގެމްބިއާގެ އެމްބަސީގައި އަޑަމާ ބަރޯ ރައީސްކަމުގެ ހުވާ ކުރެއްވިއިރު، ސެނެގާލްގެ ސިފައިންގެ ފައުޖެއް ބަރުހަތިޔާރާއެކު ވަނީ ސަރަހައްދީ އިން ހުރަސްކޮށް ގެމްބިއާގެ ތެރެއަށް ވަދެފައެވެ.
ގެމްބިއާގެ އާ ރައީސް ހުވާކުރެއްވުމާއި، ސެނެގާލްގެ ސިފައިން ގެމްބިއާ ތެރެއަށް ވަދެފައިވާއިރު ގެމްބިއާއަށް ސިފައިން ފޮނުވައިގެންވެސް ޔަހްޔާ ޖައްމާހް ވެރިކަމުން ބާލައި އަޑަމާ ބަރޯއާ ވެރިކަން ހަވާލުކުރުމުގެ ކަންކަން ކުރުމަށް ހުޅަނގު އެފްރިކާގެ ގައުމުތަކުގެ ޖަމްއިއްޔާއިން ކުރާ މަސައްކަތަށް ތާއީދުކޮށް އދގެ ސަލާމަތީ މަޖިލީހުން މިރޭވަނީ ގަރާރެއް ފާސްކޮށްފައެވެ.
އަޑަމާ ބަރޯ ރައީސްކަމުގެ ހުވާ ކުރެއްވުމާއެކު ރައްޔިތުން މަގުތަކަށް ނުކުމެ އުފާފާޅުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ