މާލޭގައި އާބާދީ އިތުރުވެ ސުކޫލްތަކުން ޖާގަ ނުލިބޭ މައްސަލަ ކުރިމަތިވާތީ އަލަށް މާލޭގައި އިމާރާތް ކުރާ ސުކޫލް ހަދާނެ ބިން އަދިވެސް ނުނިންމޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާސިމް އަހުމަދު ވިދާޅުވީ، އަލަށް ހަދާ ސުކޫލް އިމާރާތް ކުރާނީ ހުރިހާ ގޮތަކަށް ވިސްނުމަށްފަހު މާލާގެ އެންމެ އެކަށީގެންވާ ހިސާބެއްގައި ކަމަށެވެ.
އާސިމް ވިދާޅުވީ، އެއް ނަމްބަރު ކުނި ކޮށި ހުސްކުރުމަށްފަހު އެތަނުގައި ތައުލީމީ ދާއިރާއާ ގުޅުންހުރި އިމާރާތެއް އަޅާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވި ނަމަވެސް އަލަށް ހަދާ ސްކޫލްގެ އިމާރާތް އެތަނުގައި އަޅަން އަދި ނުނިންމާ ކަމަށެވެ.
"ރައީސް އެހެން ވިދާޅުވި ނަމަވެސް އަލަށް ހަދާ ސްކޫލް އެ ސަރަހައްދުގައި އަޅާކަށް އަދިއެއް ނުނިންމަން،" މިނިސްޓަރު ވިދާޅުވި އެވެ.
އާސިމް ވިދާޅުވީ، އެކަށީގެންވާ ބިމެއް ހޯދުމަށް ހައުސިން މިނިސްޓްރީއާއެކު މިހާރު ވެސް މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި، އާ ސުކޫލްގެ އިމާރާތަށް ބޭނުންވާ ބަޖެޓް ހިމަނާނީ އަންނަ އަހަރުގެ ބަޖެޓްގައި ކަމަށެވެ.
"އެހެންކަމުން ހުރިހާ މަސައްކަތެއް ނިންމާ ސްކޫލް އިމާރާތުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް އުއްމީދު ކުރަނީ،" އާސިމް ވިދާޅުވި އެވެ.
މާލޭގައި އާ ސްކޫލް އަޅާނެ ބިމެއް ނުނިންމިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ