ފުވައްމުލަކު ނައިބު އަބޫބަކުރު ސްކޫލް ބަންދުކޮށްފި
ނިސްބަތުން މަދު ދަރިވަރުންތަކެއް ކިޔަވަމުން އައި ފުވައްމުލަކު ނައިބު އަބޫބަކުރު ސްކޫލް ބަންދުކޮށް، އެ ތަނުގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޯސްތައް ހިންގާ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސާފައިވާ ކަމަށް ފުވައްމުލަކުގައި ހުންނަ އެޑިއުކޭޝަން ޔުނިޓުން ބުނެފި އެވެ. އެ ޔުނިޓް ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުﷲ ރަޝީދު މިއަދު ވިދާޅުވީ ނައިބު އަބޫބަކުރު ސްކޫލް ބަންދުކޮށް އެ ތަނުގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ކޯސްތައް ހިންގަން ނިންމުމާ ގުޅިގެން، އެ ސްކޫލުގައި ކިޔަވަމުން އައި ދަރިވަރުން ފުވައްމުލަކުގެ އެހެން ސްކޫލްތަކަށް ބަދަލުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ސްކޫލް ބަންދުކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ. "އެ ސްކޫލުގައި ކިޔަވަމުން އައީ ގާތްގަޑަކަށް 50 ދަރިވަރުން. އަނެއްކާ އެ އިމާރާތަކީ ވެސް ވަރަށް ބޮޑަށް ބާވެފައި ހުރި އިމާރާތެއް. ސްކޫލުގައި ވަސީލަތްތައް އެހާ މަދު. އެފަދަ ސަބަބުތަކާ ހެދި އެ ތަނުގައި ކިޔަވާ ދަރިވަރުން އެހެން ސްކޫލްތަކަށް ބަދަލުކުރުން މާ ރަނގަޅު ކަމަށް ފެންނާތީ އެޑިއުކޭޝަން މިނިސްޓްރީން އެ ގޮތަށް ނިންމާފައިވަނީ،" ގްރޭޑް 1- 7 އަށް ކިޔަވައިދެމުން ދިޔަ ސްކޫލާ ބެހޭ ގޮތުން ރަޝީދު ވިދާޅުވި އެވެ. "މޯލްޑިވްސް ޕޮލިޓެކްނިކުން ކުރިން ވެސް އޮތީ މި ރަށުގައި ވޮކޭޝަނަލް ޓްރޭނިންތަކެއް ދޭނެ ތަނެއް ހަމަޖައްސައިދިނުމަށް އެޑިއުކޭޝަނުގައި އެދިފައި. އެހެންވެ އެގޮތަށް ނިންމީ. މި ރަށުގައި އެބަހުރި ފެންވަރު ރަނގަޅު ވަސީލަތްތައް ހުރި މާ ރަނގަޅު ޕްރައިމެރީ ސްކޫލްތަކެއް ވެސް ދަރިވަރުން ކިޔަވަން ފޮނުވަން." ރަޝީދު ވިދާޅުވީ ނައިބު އަބޫބަކުރު ސްކޫލްގެ ދަރިވަރުން އެހެން ސްކޫލްތަކަށް ބަދަލުވާ އިރު ޔުނިފޯމް ފަދަ ވަސީލަތްތައް އަތޮޅު ކައުންސިލުން ހަމަޖައްސައިދޭ ގޮތަށް މަޝްވަރާކުރަމުން އަންނަ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. "މާދަމާ ވެސް އެބަ ބާއްވާ ބެލެނިވެރިންނާ އެކު ބައްދަލުވުމެއް. އެހެންވީމާ ދެން ކުރިއަށް ދާންވީ ގޮތާ ބެހޭ ގޮތުން ގޮތްތަކެއް ނިންމާނެ ކަމަށް މި ބަލަނީ،" ރަޝީދު ވިދާޅުވި އެވެ. އެ ސްކޫލް ބަންދުކުރަން ނިންމުމާ ގުޅިގެން އެ ސްކޫލުގެ އިންވެންޓްރީ ނަގައި، މުވައްޒަފުންނާއި އެ ތަނާ ބެހޭ އެހެން މައުލޫމާތުތައް ނަގައި އެޑިއުކޭޝަން މިނިސްޓްރީ އަށް މި މަހުގެ 22 ވަނަ ދުވަހުގެ ކުރިން ފޮނުވުމަށް ވެސް ވަނީ އަންގައިފަ އެވެ. ފުވައްމުލަކު ހޯދަޑު އަވަށުގައި ހުރި އެ ސްކޫލް ބަންދުކުރުމާ ގުޅިގެން އެ އަވަށުގެ ރައްޔިތުންނާއި ބެލެނިވެރިން ވެސް އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެ، ޝަކުވާކުރަމުން އަންނަ ކަމަށް ހޯދަޑު އަވަށު ކައުންސިލްގެ ރައީސް މުހައްމަދު އިބްރާހީމް މިއަދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ