ގިނަ ދުވަސްވެފައި ހުންނަ ކަރަންޓު ބިލުތައް 15 ދުވަސް ތެރޭ ދައްކަންޖެހޭ ގޮތަށް ހަދައިފި

ކަރަންޓު ކަނޑާލާފައި ހުންނަ ތަންތަނުން ފައިސާ ނުދައްކައި ހުންނަ ބިލުތަކާއި ގިނަ ދުވަސްވެފައި ހުންނަ ބިލުތަކުގެ ފައިސާ 15 ދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރަންޖެހޭ ގޮތަށް ހަދަން ސްޓެލްކޯ އިން ނިންމައިފި އެވެ. އެ އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން ފެށިގެންނެވެ. މާލެ އާއި ގިނަ ރަށްރަށުގައި ކަރަންޓުގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނިން އެ ގޮތަށް ނިންމައި ކަމާ ގުޅޭ ގަވާއިދު އިސްލާހުކޮށް، އިއްޔެ ވަނީ ގެޒެޓުކޮށްފަ އެވެ. ސްޓެލްކޯ އިން 2005 ވަނަ އަހަރު އެކުލަވާލި އާއްމު ހިދުމަތްތައް ދިނުމާ ބެހޭ ގަވާއިދަށް ގެނައި ފުރަތަމަ އިސްލާހުގައި ގަވާއިދުގެ 5.2 ވަނަ މާއްދާ އަށް "ގިނަ ދުވަސްވެފައިވާ ބިލުތަކުގެ ފައިސާ ހޯދުން"، މި ނަމުގައި ނަމްބަރެއް ވަނީ އިތުރުކޮށްފަަ އެވެ. ގަވާއިދަށް އިތުރުކުރި ނަމްބަރުގައިވާ ގޮތުން، ވަގުތީ އަދި ދާއިމީކޮށް ކަރަންޓު ކަނޑާލާފައި ހުންނަ ތަންތަނުން ނުދައްކާ ހުރި ބިލުތަކާއި ގިނަ ދުވަސްވެފައި ހުރި ބިލުތައް 15 ދުވަހުގެ ތެރޭގައި ހަމަޖެއްސުމަށް ލިޔުމަކުން އެ ފަރާތްތަކަށް އަންގާނެ އެވެ. އެ މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފި ނަމަ، އެ ފަރާތުގެ މަސްއޫލުވެރިކަމުގައި ބޭނުން ކުރަމުންދާ ކަރަންޓެއްގެ ބިލުގައި އެ ފައިސާ ހިމަނާނެ އެވެ. އަދި މަސްއޫލުވެރިޔާ މަރުވެފައިވާ ނަމަ، އެ ފައިސާ ވާރިސުންގެ ބިލުގައި ހިމެނުމުގެ ބާރު ވެސް ސްޓެލްކޯ އަށް ލިބެ އެވެ. އެ ދެ ފިޔަވަޅު އަޅައިގެން ވެސް ބިލު ނުދައްކައިފި ނަމަ، މަސްއޫލުވެރިޔާގެ ނަމުގައި ބޭނުންކުރަމުންދާ އެހެނިހެން ކަރަންޓުގެ ހިދުމަތް، ބިލު ދައްކަންދެން ވަގުތީ ގޮތުން ކަނޑާލާނެ އެވެ. އެކަމަކު އެކަން ކުރުމުގެ ކުރިން ނޯޓިހެއް ފޮނުވަންޖެހެ އެވެ. "[ބިލު ނުދައްކައިގެން ވަގުތީ ގޮތުން ކަރަންޓު ކަނޑާލަންޖެހޭ ތަންތަނުގެ ތެރެއިން] މީޓަރާ ހިސާބަށް ނުވަދެވޭ ތަންތަނުން ވެސް މަސްއޫލުވެރިޔާގެ ނަމުގައި ބޭނުން ކުރަމުންދާ އެހެނިހެން ކަރަންޓުގެ ހިދުމަތުގެ ބިލުތަކަށް ފައިސާ ދައްކަންދެން ވަގުތީ ގޮތުން ކަނޑާލެވޭނެ އެވެ،" އިސްލާހުގައިވެ އެވެ. ގަވާއިދު ކުރިން އޮންނަ ގޮތުން ގިނަ ދުވަސްވެފައި ހުންނަ ބިލުތަކަށް ފައިސާ ހޯދޭނެ ވަކި ގޮތެއް ނޯވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ