ބައުންސް ޗެކަށް ފައިސާ ހޯދަން ޕީޖީގެ ދައުވާގައި ނޭދެވޭނެ: ސުޕްރީމް ކޯޓު

ޗެކް ބައުންސް މައްސަލަތަކުގައި ޗެކަށް ލިބެންވީ ފައިސާ ހޯދަން ޕްރޮސެކިއުޓާ ޖެނެރަލަށް ކޯޓުގައި ނޭދެވޭނެ ކަމަށާއި ޗ ެ ކ ަ ށ ް ފައިސާ ހޯދުމުގެ ބައި ކްރިމިނަލް ކޯޓ ަ ށ ް ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ. ޗެކް ބައުންސް މައްސަލަތަކުގައި، ޗެކް ދޫކުރި މީހާގެ މައްޗަށް ޖިނާއީ ދައުވާ ކުރާއިރު އެ ޗެކަށް ލިބެންވީ ފައިސާ ހޯދަން ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ކޯޓުގައި ކުރިން އެދެ އެވެ. އަދި ފައިސާ ހޯދުމުގެ ބައި ވެސް ޖިނާއީ ދައުވާގެ ބަޔާ އެކު ކޯޓުން ބަލަ އެވެ. ނަމަވެސް އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ ގެލެކްސީ އެންޓަޕްރައިސަސް އިން އޯނަސް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި 26.3 މިލިއަން ރުފިޔާގެ ޗެކްތަކެއް ބައުންސްވި މައްސަލާގައި ފައިސާ ހޯދަން އޯނަސް ކުންފުނިން ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން މިމަހުގެ 17 ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ މަދަނީ މައްސަލަތަކުގެ ތެރެއިން ކްރިމިނަލް ކޯޓަށް ބެލުމުގެ ބާރު ލިބިގެންވަނީ ހަމައެކަނި ޖިނާއީ ކުށަކާ ގުޅިގެން ލިބޭ މަދަނީ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބައި އެކަނި ކަމަށް ކޯޓުތަކުގެ ގާނޫނުގައިވާ ކަމަށެވެ. ނަމަވެސް ޗެކް ބައުންސްވުމުން ނުލިބި ހުންނަ ފައިސާއަކީ އެއްވެސް ގޮތަކަށް އެ ޗެކް ބައުންސްވުމުގެ ނަތީޖާއެއްގެ ގޮތުން ލިބެންޖެހޭ ފައިސާއެއް ނޫން ކަމަށާއި އެއީ އޭގެކުރިން ވެސް އުފެދިފައިވާ ދަރަންޏަކާ ގުޅިގެން ލިބެންޖެހޭ ފައިސާ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ އެފަދަ މައްސަލަތަކުގައި ޖިނާއީ ދައުވާ އުފުލާއިރު ފައިސާ ހޯދުމުގައި ބައި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހަޅާ ހުށަހެޅުން ސައްހަ ނޫން ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެފަދަ ފައިސާ ހޯދުމުގެ މައްސަލައަކީ ގެއްލުމުގެ ބަދަލު ހޯދުމުގެ މައްސަލައެއް ކަމަށް ނުވާތީ އެފަދަ މައްސަލަ ބެލުމުގެ އިހްތިސާސް ކްރިމިނަލް ކޯޓަށް ނޯންނާނެ ކަމަށް އެ ހުކުމުގައިވެ އެވެ. ސުޕްރީމް ކޯޓުގެ ހުކުމުގެ މުހިންމު ނުކުތާތައް ޗެކުން ލިބެންވީ ފައިސާ ހޯދަން ޕީޖީއަކަށް ނޭދެވޭނެ.ޗެކަށް ފައިސާ ހޯދުމުގެ ބައި ކްރިމިނަލް ކޯޓަކަށް ނުބެލޭނެ، ބަލަންޖެހޭނީ މަދަނީ މައްސަލަ ބަލާ ކޯޓަކުން.ޗެކް ބައުންސްގެ ޖިނާއީ ދައުވާ ސާބިތު ނުވިޔަސް ފައިސާ ލިބެންވީ ފަރާތަށް ފައިސާ ހޯދަން ދައުވާ ކުރެވިދާނެ. މީގެ އިތުރުން ޗެކް ބައުންސް މައްސަލަތަކުގައި އެ ފައިސާ ހޯދަން މަދަނީ މައްސަލަ ބަލާ ކޯޓެއްގައި ދައުވާ ކުރުމުގެ ހައްގު ފައިސާ ލިބެންވީ ފަރާތަށް އޮންނާނެ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެގޮތަށް މަދަނީ ދައުވާ ކުރެވޭނީ ޗެކް ދޫކުރި މީހާގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، އެ ދައުވާ ސާބިތުވެގެން އެކަނި ނޫން ކަމަށާއި ޖިނާއީ ދައުވާ ސާބިތުވިޔަސް ފައިސާ ހޯދަން ދައުވާ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން އިއްތިފާގުން އިއްވި އެ ހުކުމުގައިވެ އެވެ. ގެލެކްސީ އިން ދޫކުރި ޗެކްތައް ބައުންސްވި މައްސަލަގާއި ގެލެކްސީގެ ޗެއާމަން މުހައްމަދު މަނިކާއި މެނޭޖިން ޑިރެކްޓަރު ޝަމްމޫން މުހައްމަދުގެ މައްޗަށް ދައުލަތުން ޖިނާއީ ދައުވާކޮށް، ފައިސާ ހޯދަން ކްރިމިނަލް ކޯޓުގައި އެދުމުން އެ ކޯޓުން ނިންމީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށާއި ނަމަވެސް ފައިސާ ހޯދަން ދައުވާ ކުރުމުގެ ހައްގު އޯނަސް އަށް އޮންނާނެ ކަމަށެވެ. އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ އަހަރު ވަނީ ޝަމްމޫންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި އޭނާ ހަ މަހަށް އަރުވާލަން ހުކުމްކޮށްފަ އެވެ. ނަމަވެސް ފައިސާ ހޯދުމުގެ މައްސަލާގައި ހައި ކޯޓުން ވެސް ނިންމީ ދަށު ކޯޓުން ވެސް ނިންމި ގޮތަށް ފައިސާ ހޯދަން ދައުވާ ކުރުމުގެ ހައްގު އޯނަސް އަށް އޮންނާނެ ކަމަށެވެ. ފައިސާ ހޯދުމުގެ ބައި އޯނަސް އިން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެކަންކަން ފާހަގަކޮށް، އެ ކޯޓުން ނިންމީ ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމުގެ ހައްގު އޯނަސް އަށް ނެތް ކަމަށާއި އެހެންވެ މައްސަލަ މައުޟޫއީ ގޮތުން ނުބެލޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ