އުމަރު ނަސީރުގެ ވާހަކަތައް އިންތިހާބު ކޮމިޓީން ދޮގުކޮށްފި

ޕީޕީއެމްގެ ޕްރައިމަރީއާއި ބެހޭ ގޮތުން އުމަރު ނަސީރު ދެއްކެވި ވާހަކަތައް އެޕާޓީގެ އިންތިހާބު ކޮމިޓީން ދޮގުކޮށްފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އިންތިހާބު ކޮމިޓީގެ މުގައްރިރު މުހައްމަދު ތޮލާލު ވިދާޅުވީ އިންތިހާބު ބޭއްވިތާ 48 ގަޑި އިރު ފަހުން ޕްރައިމަރީއާއި މެދު ސުވާލު އުފައްދަވާ އިރު އިންތިހާބު ކުރިއަށް ދިޮޔަ އިރު އިންތިހާބު ގަބޫލު ކުރައްވައިގެން ހުންނެވި ކަމަށާއި ނަތީޖާ ވެސް ގަބޫލު ކުރެއްވި ކަމަށެވެ. އަދި ރަސްމީ ގޮތުން އެއްވެސް ޝަކުވާއެއް ވެސް ހުށަހަޅުއްވާފައި ނުވާ އިރު ކުއްލިއަކަށް ސުވާލުތަކެއް ފެންމަތި ކުރައްވާފައިވަނީ އަމިއްލައަށް ކްރިއޭޓުކޮށްގެން އުޅޭ ސީންތަކަކުން ކަމަށް ވެސް ތޮލާލު ވިދާޅުވިއެވެ.
ތޮލާލު ވިދާޅުވީ ކޮމިޓީގެ އެއްވެސް މެމްބަރަކު ޔާމީނަށް ފޭވަރ ކުރުމަށް ނުވަތަ ޔާމީނަށް މޮޅު ކުރުމަށް މަސައްކަތްކޮށްފައި ނުވާނެ ކަމަށާއި އުމަރު ނަސީރަށް އެކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އުމަރު ހިތްހަމަޖެހިވަޑައިނުގަންނަވާތީ އެދިލެއްވި ކޮންމެ ކަމެއް ވެސް ކޮށްދީފައިވާނެ ކަމަށް ތޮލާލު ވިދާޅުވިއެވެ.
އުމަރަށް ތާއިދު ކުރާ ބައެއް ފަރާތްތަކުގެ ނަން ލިސްޓުގައި ނެތުމާއި ވޯޓުލާން ދިޔަ ބައެއް ފަރާތްތަކަށް ވޯޓު ނުލެވުނު ކަމަށް ބުނެ ކޮށްފައިވާ ޝަކުވާތަކާއި ގުޅިގެން ތޮލާލު ވިދާޅުވީ އެފަރާތްތަކަށް ވޯޓު ލެވިފައި ނުވަނީ ޕާޓީގައި ރަޖިސްޓްރީކޮށްފައި ނުވާތީ ކަމަށެވެ. މީގެ އިތުރުން އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވެސް ވޯޓުލާން ސްޓޭޝަންތަކަށް ގޮސްފައިވާ ކަމަށް ތޮލާލު ވިދާޅުވިއެވެ.
މީގެ އިތުރުން ތުޅާދޫގައި ފޮއްޓެއް ބަހައްޓާފައި ނުވާ އިރު ނަތީޖާ ނުކުތް ކަމަށް އުމަރު ވިދާޅުވި ވާހަކައާއި ގުޅިގެން ތޮލާލު ވިދާޅުވީ ތުޅާދޫގައި ވޯޓު ފޮއްޓެއް ބަހައްޓަން ނިންމާ އެކަން އިއުލާނު ވެސް ކޮށްފައިވާނެ ކަމަށެވެ. އަދި އެރަށުގެ މެމްބަރުންނަށް އެކަން އަންގާފައިވާ ކަމަށް ވެސް ތޮލާލު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ