ޕީޕީއެމް އެކަނި ނުކުމެއްޖެ ނަމަ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ސީއެންއެމަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ޕީޕީއެމް އެކަނި ނުކުމެ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ އުފާ ކުރައްވާނެ ކަމަށެވެ. ނަމަވެސް އެއީ ވުމަށް ވުރެ ދުރު ކަމެއް ކަމަށާއި އެކަނި ނުކުމެއްޖެ ނަމަ ކެވޭނީ ވެލި ކަމަށެވެ. އެހެން ކަމުން އެންމެން އެއްކޮށް ގޮސް ބޮޑިބަތް ކެވިދާނެ ކަމަށާއި ޕީޕީއެމުން ވެސް ކޯލިޝަނާއި މެދު ވިސްނަން ޖެހޭ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ޕްރައިމަރީ ކާމިޔާބު ނުކުރެއްވުނު ނަމަވެސް އަދި ވެސް މަސައްކަތް ކުރައްވަނީ އިންތިހާބު ފުރަތަމަ ބުރުން ކާމިޔާބު ކުރެވޭ ވަރުގެ ފުޅާ ކޯލިޝަނެއް އުފެއްދުމަށް ކަމަށެވެ. އަދި ރޭ ރައީސް ވަހީދާ ބައްދަލު ކުރެއްވީ ވެސް އެމަޝްވަރާތަކަށްޓަކާ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ކޯލިޝަންގައި ބައިވެރިވުމުގެ ފުރުސަތު އެމްޑީޕީން ނޫން ހުރިހާ ޕާޓީތަކަށް އޮތް ކަމަށެވެ. އަދި ކޯލިޝަން ހެދުމުގެ ބޭނުމަކީ ކޮންމެ ހާލަތެއްގައި ނަމަވެސް އެމްޑީޕީއަށް ވެރިކަން ލިބުނަ ނުދިނުން ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
"އެމްޑީޕީއަށް ވެރިކަން ލިބުނަ ނުދިނުމައްޓަކާ ކޯލިޝަން ހަދަން ޖެހޭ، އެހެން ނޫނީ ގައުމު ހަލާކު ވެދާނެ ކަމުގެ ބިރު އެބައޮތް،" އުމަރު ވިދާޅުވިއެވެ.
އުމަރުވަނީ މިވަގުތު ގިނަ މީހުން ތިބީ ރައީސް ވަހީދު ނެރުމުގެ ވިސްނުމުގައި ކަމަށް ވިދާޅުވެފައެވެ.
ޕީޕީއެމް އެކަނި ނުކުމެއްޖެ ނަމަ އިންތިހާބު ކާމިޔާބެއް ނުވާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ