މަގާމާއި ހަވާލުވެވަޑައިގެންތާ ދެ ގަޑިއިރު ތެރޭގައި ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ހަވީރު ފުލުހުންގެ އިސްވެރިންނާ ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވައިފިއެވެ.
ފުލުހުންގެ މައި މަރުކަޒު، ހުސައިން އާދަމް ބިލްޑިންއަށް މިނިސްޓަރު އުމަރު ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު އެވެ.
މިބައްދަލުވުމުގައި އުމަރު ވިދާޅުވީ ފުލުހުންގެ އެއްވެސް މަސައްކަތަކަށް އެމަނިކުފާނު ނުފޫޒު ނުފޯރުއްވަވާނެ ކަމަށާއި ފުލުހުންގެ މުއައްސަސާ މިނިވަންކަމާއެކު ކުރިއަށް ގެންދިއުމަށް އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލުން ދެއްވަވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މަސައްކަތްތައް ގާތުން ތަޖުރިބާ ކުރައްވައި ފުލުހުންގެ މަސައްކަތްތަކުގެ ހާލަތު ދެނެގަތުމަށްޓަކައި ފުލުހުންގެ މަރުކަޒުތަކަށް އަވަސް މުސްތަގުބަލެއްގެ ތެރޭގައި އެމަނިކުފާނު ޒިޔާރަތް ކުރައްވާނެ ކަމަށެވެ.
މިބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވަނީ ދިވެހި ފުލުހުން ސަރުކާރަށާއި ހޯމް މިނިސްޓަރަށް ފުރިހަމަ އެއްބާރުލުންދީ ގައުމުގައި ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ޤާއިމް ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގައި ދެމިތިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ހޯމް މިނިސްޓަރަށް އަރުވާފައެވެ.
ފުލުހުންގެ މަސައްކަތަށް ނުފޫޒެއް ނުފޯރުވާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ