ޝަރުއީ ދާއިރާގެ އެކްޝަން ޕްލޭން ފާސްކޮށްފި
ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ އެކްޝަން ޕްލޭން 2016-2017 ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ފާސް ކުރައްވައިފިއެވެ. ޝަރުޢީ ދާއިރާގެ އެކްޝަން ޕްލޭން 2016-2017 ފާސް ކުރައްވައިފައި ވަނީ 24 ޖަނަވަރީ 2016 ވީ އާދީއްތަ ދުވަހު ބޭއްވުނު ފަނޑިޔާރުންގެ މަޖިލިހުގެ ބައްދަލުވުމުގައެވެ. ދެ އަހަރުގެ އައު މުއްދަތަކަށް ޝަރުއީ ދާއިރާއިން ކަނޑައެޅި އެކްޝަން ޕްލޭނުގައި، ޝަރުއީ ދާއިރާގެ ތަރައްގީގެ ޕްރޮގްރާމްތަކާއި ހަރަކާތްތައް ފޯކަސް ކުރާނެ މައިގަނޑު ހަތަރު ދާއިރާއެއް ބަޔާން ކޮށްފައި ވެއެވެ. އެ ދާއިރާތަކަކީ ރައްޔިތުންނަށް އަދުލުގެ ނިޒާމަށް ފަސޭހައިން ވާސިލު ވެވޭނެ އަދި ފަސޭހައިން ޢަދުލުއިންޞާފުގެ ޙައްޤު ހޯދޭނެ މަގުފަހި ކޮށްދިނުމަށް ޓަކައި އަޅާނެ ފިޔަވަޅުތަކުގެ ދާއިރާ އާއި، ޝަރީޢަތް ކޮށް ޢަދުލުއިންސާފު ޤާއިމު ކުރުމުގެ މަސައްކަތް ހަލުވި ކޮށް އެ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޓަކައި އަޅާނެ ފިޔަވަޅުތަކުގެ ދާއިރާ އާއި، ޝަރުޢީ ދާއިރާ ޖަވާބުދާރީ ކުރުވުމާއި ޝަރުޢީ ދާއިރާގެ މިނިވަންކަމާއި ނަޒާހަތްތެރިކަމާއި ޒިންމާދާރުކަން ރައްކައުތެރި ކޮށް ކަށަވަރު ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި އަޅާނެ ފިޔަވަޅުތަކުގެ ދާއިރާ އާއި، ޖިނާއީ ޢަދުލުގެ ނިޒާމުގައި ޝާމިލު ވާ އެކިއެކި މުއައްސަސާތަކުގެ ގުޅުމާއި އެއްބާރުލުން ވަރުގަދަ ކުރުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކުގެ ދާއިރާއެވެ. މި ދާއިރާތަކުން ހިންގޭ ތަފާތު ޙަރަކާތްތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރެވޭނީ ފަނޑިޔާރުންނަށާއި ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ މުއައްޒަފުންނަށެވެ. ނަމަވެސް ޤާނޫނީ ވަކީލުންނާއި ޢާއްމުންނަށް އަމާޒު ކޮށްގެން ވެސް ބައެއް ޕްރޮގްރާމުތައް ހިންގޭނެއެވެ. އެގޮތުން ޤާނޫނީ ވަކީލުންނަށް ބައިވެރި ވެވޭ ގޮތަށް ފަންނީ ތަމްރީނުގެ ޕްރޮގްރާމުތައް ރޭވިފައި ވާ އިރު، ޢާއްމު ރައްޔިތުން ބޭނުން ވާ މަޢުލޫމާތު ފޯރު ކޮށްދިނުމުގެ ތަފާތު ޙަރަކާތްތަކާއި ޕްރޮގްރާމުތައް ވެސް ޝަރުޢީ ދާއިރާގެ އެކްޝަން ޕްލޭން 2016-2017 ގެ ދަށުން ހިންގޭނެއެވެ. ޝަރުޢީ ދާއިރާގެ އެކްޝަން ޕްލޭނުގެ ދަށުން ހިންގޭނެ މުހިއްމު ޙަރަކާތްތަކުގެ ތެރޭގައި ޝަރީޢަތުން ބޭރުގައި މައްސަލަތައް ޙައްލު ކުރުމުގެ ނިޒާމާ ބެހޭ ޚާއްޞަ ކޮމިޓީއެއް އުފައްދައި އެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރުމާއި އަދި ޝަރީޢަތުން ބޭރުގައި މައްސަލަ ޙައްލު ކުރުމުގެ މަސައްކަތާ ބެހޭ ތަމްރީނުތައް ފަނޑިޔާރުންނަށާއި ޝަރުޢީ ދާއިރާގެ މުއައްޒަފުންނަށް ދިނުމާއި، ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ޓަކައި ސްވޮޓް އެނާލިސިސް ހެދުމާއި، މައްސަލަތައް އަވަހަށް ނިންމުމުގެ ޤާބިލިއްޔަތު އިތުރު ކުރުމަށް ޓަކައި ކޯޓުތަކުގައި ކޭސް މެނޭޖް ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމާއި، ރުޖޫޢީ އިންޞާފުގެ ނިޒާމާ ބެހޭގޮތުން ޖުޑީޝަލް އޮފިސަރުންނާއި ޤާނޫނީ ވަކީލުންނާއި ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުންނަށް އަމާޒު ކޮށްގެން ސެމިނާރެއް ބޭއްވުމާއި، ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދިނުމުގެ ނިޒާމު ހަރުދަނާ ކުރުން ހިމެނެއެވެ. ޝަރުޢީ ދާއިރާގެ އެކްޝަން ޕްލޭނުގައި ހިމެނޭ އެކިއެކި ޙަރަކާތްތަކާއި ޕްރޮގްރާމުތައް ކުރިޔަށް ގެންދެވޭނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންނެވެ. މި ޙަރަކާތްތަކާއި ޕްރޮގްރާމްތައް ހިންގުމުގައި އިސް ވެ ޙަރަކާތްތެރި ވާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ