އިންސާފު ގާއިމްވާ ކަމުގެ އިހްސާސް ނުވާ ނަމަ، އެއީ އިންސާފު ނެތުން ފަދަ ކަމެއް: ޝަހުދީ

އިންސާފު ގާއިމްވިޔަސް، އިންސާފު ގާއިމް ކުރެވޭ ކަމުގެ އިހްސާސް ނުކުރެވޭ ނަމަ އެއީ އިންސާފު ނެތުން ފަދަ ކަމެއް ކަމަށް މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަން ޝަހުދީ އަންވަރު މިއަދު ވިދާޅުވެއްޖެ އެވެ.
ފަނޑިޔާރުންގެ މަހާސިންތާ ނިންމުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި، ވާހަކަ ދައްކަވަމުން ޝަހުދީ ވިދާޅުވީ އިންސާފު ގާއިމްވުމާ އެކު، އެކަން އިހްސާސް ވާންޖެހޭ ކަމަށް މީގެ އެތައް އަހަރެއް ކުރިން އިނގިރޭސިވިލާތުގެ ކޯޓަކުން ނިންމި މައްސަލައެއްގައި ފާހަގަ ކޮށްފައިވާ ކަމަށާއި އޭގެ ފަހުން ގާނޫނީ ކަންކަމުގެ އެ އުސޫލު ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުންދާ ކަމަށް ޝަހުދީ ވިދާޅުވި އެވެ. އަދި އިންސާފު ގާއިމް ކުރުމުގެ މުހިންމު ކަމުގެ ވާހަކަ ދައްކާއިރު، އިންސާފު ގާއިމްވާ ކަން އިހްސާސްވުމުގެ މުހިންމު ކަމަށް ވެސް އިސްކަން ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދުލު އިންސާފު ގާއިމް ކުރެވޭކަން ކަށަވަރު ނުވަތަ އެކަމުގެ އިހްސާސް މީހުުންނަށް ނުވާ ކަން އެއީ އަދުލު އިންސާފު ގާއިމް ނުވުންހާ ވެސް ގޯސްކަމެއް." ޝަހުދީ ވިދާޅުވި އެވެ.
ޝަހުދީ ވިދާޅުވި ގޮތުގައި އިިންސާފު ގާއިމް ކުރެވޭ ކަމުގެ އިހްސާސް ނުވާ ނަމަ، އިންސާފު ގާއިމް ކުރުމުގެ ބޭނުމެއް ނެތެވެ. އަދި މައްސަލަތައް އެކަށީގެންވާ މިންވަރަށް ވުރެ ދިގުލައިގެން ދިއުމާއި ވަކި މައްސަލައެއް މާ ބޮޑަށް އަވަސް އަރުވާލައިގެން ނިންމަން އުޅުން ފަދަ ކަންކަމަކީ އިންސާފު ގާއިމްނުވާ ކަމުގެ އިހްސާސެއް އުފެދިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ބުރާސްފަތި ދުވަހެއްގެ ރޭ ނުވަތަ ބަންދު ވަގުތުގައި އެ ހުކުމެއް ކުރުމުން ޓައިމް ސެންސިޓިވް ނޫން ކަމެއްގައި އެކަހަލަ ކަމެއް ކުރެއްވުމުން ވެސް ހިތަށް އަރާނެ ކީއްވެގެން ބާއޭ މިހެން ވާންވީ. އެހެންވީމަ އެބަ އިހްސާސް ކުރެވޭ އަދުލު އިންސާފު ގާއިމްވަނީ ބާއޭ ނުވަތަ މި ހުކުމަކަށް މި ވާސިލްވެވެނީ ގާނޫނުގެ މައްޗަށް ބިނާކޮށް ފެކްޓްސް އެޕްލައިކޮށް ގެންހޭ ނުވަތަ އެހެން ކަމެއް މީގައި އުޅެނީ ބާއޭ." ޝަހުދީ ވިދާޅުވި އެވެ.
ޝަހުދީ -- މިހާރު ފޮޓޯ/ނިޝާން އަލީ
ޝަހުދީ ވިދާޅުވީ މައްސަލަތަކުގެ ހުކުމް ކުރުމުގައި، ހުކުމަށް ވާސިލްވާ ސަބަބުތައް ހުކުމުގައި ރަނގަޅަށް ނެތުމަކީ ވެސް އިންސާފު ގާއިމް ނުވާކަމުގެ އިހްސާސެއް ކުރެވިދާނެ ކަމެއް ކަމަށެވެ. މައްސަލާގައި ހިމެނޭ ދެ ފަރާތުން ފާހަގަކުރާ ކަންކަމަށް އެކަށީގެންވާ މިންވަރަށް ރިއާޔަތް ނުކޮށް ބައެއް ހުކުމްތައް ހުންނަ ކަމަށާއި އެކަމަކު ހުރިހާ ނުކުތާއަކަށް ހުކުމުގައި ރިއާޔަތް ކުރާ ނަމަ، މައްސަލާގައި ހިމެނޭ ދެ ފަރާތަށް ވެސް ހުކުމާ މެދު ސުވާލު އުފައްދަން ޖާގަ ނުލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ގޮތެއް ވިޔަސް އެއް ފަރާތެއް ހިތްހަމަނުޖެހޭނެ ޝަރީއަތުން ނިމޭ ގޮތަކުން. ނަމަވެސް އެ ފަރާތަކުން ވެެސް އެ ހުކުމް ކިޔާލުމުން ފަނޑިޔާރު އެ ހުކުމަށް ވާސިލްވީ ކީއްވެގެން ކަން ލޮޖިކަލީ ވަރަށް ރަނގަޅަށް އެނގެން ޖެހޭނެ." ޝަހުދީ ވިދާޅުވި އެވެ.
ޝަހުދީ ވިދާޅުވީ އެފަދަ މަހާސިންތާތަކުގެ ސަބަބުން ފަނޑިޔާރުންނަށް އިތުރު ތަމްރީނު ލިބުމަކީ މުހިިންމު ކަމެއް ކަމަށެވެ. އަދި އަބަދުވެސް ތަމްރީނުތައް ހޯދަމުންދާން ޖެހޭނެ ކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކުން ވެސް އަމަލުކުރާ އުސޫލުތައް ވެސް ބަލަމުންދާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ އިންސާފު ގާއިމް ކުރުމުގައި ދައުލަތުގެ އެކި މުއައްސަސާތަކުގެ ޒިންމާތައް ތަފާތު ވިޔަސް، ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަން ޖެހެނީ އިންސާފު ގާއިމްކޮށް ދިނުމަށް ކަމަށެވެ. އަދި އާ ގާނޫނުތައް ވުޖޫދަށް އަންނަމުން ދާއިރު، ގާނޫނުތައް ތަންފީޒު ކުރުމުގައި މުއައްސަސާތަކުގައި ހުންނަ ޚިޔާލު ތަފާތުވުންތައް ވެސް އެފަދަ މަހާސިންތާތަކުގެ ސަބަބުން ކުޑަވެގެންދާ ކަމަށް ޑރ، ނަޒީރު ވިދާޅުވި އެވެ.
"ގާނޫނުތައް ވުޖޫދުވެގެން އައިސް އެ ގާނޫނުތައް ތަތުބީގު ކުރުމަށްޓަކައި މި އަންނަ އިޖްރާއާތުތަކާއި މި ކަންތައްތައް އަޅުގަނޑުމެންގެ ކުރިމަތީގައި ކަޅާއި ހުދުން ލިޔެފައި ހުރިކަމުގައި ވިޔަސް، ތަންފީޒު ކުރަމުން ދާއިރުގައި އަޅުގަނޑުމެން މިދެންނެވި މުއައްސަސާތަކުގެ ފިކުރު އެއްގޮތް ނުވުމުގެ ސަބަބުން ދިމާވާ ދަތިތައް އަސްލު ހަގީގަތުގައި އިޖްރާއާތުތައް އަންޑަސްޓޭންޑް ނުވުމަށް ވުރެ މާ ބޮޑު. އެހެންވީމަ އަޅުގަނޑު ގަބޫލު ކުރަނީ މިފަދަ ތަފާތު އެކި ބައްދަލުވުންތައް ދައުލަތުގެ މުއައްސަސާތަކާ އެކު ބާއްވަން އެބަ ޖެހެއޭ." ނަޒީރު ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވީ އެ މަހާސިންތާގައި ކުރެވުނު މަސައްކަތުގެ ނަތީޖާ ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ